ލައިފްސްޓައިލް

ބައްޔެއްގެ ސަބަބުން ގިނަ ވަގުތު ނިދިފައި އޮންނަ މީހެއް

އިންޑިޔާގެ ރާޖަސްތާނުގެ ނާގޫރު ޑިސްޓްރިކްޓްގައި ދިރިއުޅޭ އުމުރުން 42 އަހަރުގެ މީހަކަށް ވަރަށް ތަފާތު ސިއްހީ މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ. މި މައްސަލަ ދިމާވުމުން އެމީހާއަށް އަބަދު ކަހަލަ ގޮތަކަށް އޮންނަނީ ނިދިފަ އެވެ.

އެކްޒިސް ހައިޕާސޯމްނިއާ ކިޔާ މި ބަލި ޖެހިފައިވަނީ އަހަރެއްގެ 365 ދުވަހުގެ ތެރެއިން 300 ދުވަހު އެމީހާ ހޭދަކުރަނީ ނިދުމުގަ އެވެ. އަހަރެއްގެ ތެރޭގައި އޭނާއަށް ހޭލާ ހުރެވެނީ އެންމެ 65 ވަރަކަށް ދުވަހު އެވެ.

އާންމުކޮށް މީހުން ނިދާ އުޅެނީ ދުވާލަކު ހައެއްކަ ގަޑިއިރު އެވެ. އެންމެ ގިނައިން ނިދާ މީހުން ވެސް ނުވަ ގަޑިއެއްހާ އިރަށް ވުރެ ގިނައިން އާންމުކޮށް ނުނިދަ އެވެ. ނަމަވެސް މި މީހާ ނިދަން ފަށައިފިއްޔާ 20-25 ދުވަހު ވެސް ހޭނުލާ ނިދާފައި އޮވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެކްޒިސް ހައިޕަސޯމްނިއާ އަކީ ސިކުނޑީގައި ހުންނަ ޕްރޮޓީންއެއް ކަމަށްވާ ޓީއެންއެފް-އަލްފާ އެއްވަރެއްގައި ނުހުރެ އެއްބައި ފަހަރު ގިނަވެ އަނެއްބައި ފަހަރު މަދުވުމުން މެދުވެރިވާ ބައްޔެކެވެ.

ޕުރްކަރަމް ނަމަކަށް ކިޔާ މި މީހާގެ މި ބަލި ހުރިކަން އެނގުނީ މީގެ 23 އަހަރު ކުރިންނެވެ. ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ މި ބަލީގެ ސަބަބުން ޕުރްކަރަމްގެ އާންމު ދިރިއުޅުމަށާއި ސިއްހަތަށް ވަނީ ނޭދެވޭ އަސަރުތައް ކޮށްފަ އެވެ. އޭނާއަށް ނިދިއްޖިއްޔާ ދެން ހޭލެއްވުން އާއިލާގެ މީހުންނަށް ދަތިވެ އެމީހުންނަށް ވެސް އޭނާއާ ހެދި ބޮޑު ތަކުލީފަކަށް ވަނީ ވެފަ އެވެ. ސަބަބަކީ ނިދުމަށްފަހު އޭނާ އަށް ނުހޭލެވި އެތައް ދުވަހަކު އޮންނާތީ އެ ދުވަސްތަކުގައި އޭނާއަށް ކާން ދިނުމާއި ފެންވެރުވުމާއި އެނޫންވެސް ކަންތައްތައް ކޮށްދޭން ޖެހެނީ އާއިލާގެ މީހުން ކަމަށް ވާތީ އެވެ.

ޕުރްކަރަމް އަކީ އޭނާގެ އަވަށުގައި ކުޑަ ތަރުކާރީ ފިހާރައެއް ހުޅުވައިގެން އުޅޭ މީހެއް ނަމަވެސް ބަލީގެ ސަބަބުން އަބަދު ނިދިފައި އޮންނާނީ އޭނާއަށް ފިހާރަ ހުޅުވެނީ މަހަކު ފަސް ވަރަކަށް ދުވަހު އެވެ.

ޕުރްކަރަމް ނިދިއައުމުން ކޮންމެ ތަނެއްގައި ހުއްޓަސް ނިދިގެން ވެއްޓެ އެވެ. އެގޮތުން ވަރަށް ގިނަ ފަހަރު އޭނާ ފިހާރައިގައި އިންދާ ވެސް ނިދެ އެވެ.

މި ބަލި ޖެހުނުތާ ކުރީކޮޅު ޕުރްކަރަމް ނިދަނީ ދުވާލަކު 15 ވަރަކަށް ގަޑިއިރު އެވެ. ނަމަވެސް ދުވަސްވާ ވަރަކަށް ބަލި ބޮޑުވަމުން ގޮސް މިހާރު މަހަކު ހޭލާ ހުރެވެނީ މަދު ދުވަހަކު އެވެ. ޕުކްރަމްގެ އާއިލާގެ މީހުން މިކަމާ ކަންބޮޑުވެގެން ވަރަށް ގިނައިން ޑޮކްޓަރަށް ދައްކައި ފަރުވާ ކުރި ނަމަވެސް އޭނާގެ ހާލު އިތުރަށް ގޯސްވަމުންދާ ކަމަށް އެ އާއިލާގެ މީހުން ބުނެ އެވެ.

ޕުރްކަރަމް ބުނަނީ ކިތަންމެ ގިނައެއްކޮށް ނިދިޔަސް އޭނާގެ ވަރުބަލިކަން ނުފިލާ ކަމަށާއި އެހެންވެ އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި ގިނައިން ނިދުމުގެ އިތުރުން އޭނާގެ ބޮލުގައި އަބަދުވެސް ވަރަށް ގަދަޔަށް ރިއްސަ އެވެ.
ޕުރްކަރަމްގެ އަންހެނުންނާއި މަންމަގެ އުންމީދަކީ އޭނާގެ ބަލި މުޅިން ފަސޭހަވެ އާންމު ދިރިއުޅުމަކަށް އާދެވުމެވެ.