ބޮލީވުޑް

ޝަހީރްއާއެކު މަސައްކަތްކުރަން އެރިކާއަށް އުނދަގޫ!

ސޮނީ ޓީވީން މި ހަފުތާގައި ދައްކަން ފެށި "ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ 3"ގެ ބަތަލާ އެރިކާ ފެނާންޑިސް އުޅޭ ގޮތުން ޝޯގެ ޝޫޓިންގްގައި ބައިވެރިވާ އެހެން މީހުންނަށް އުނދަގޫތައް ކުރިމަތިވެ އެމީހުން ވަރަށް ބޮޑުވެފައިވާ ކަމަށް އިންޑީއާގެ ބައެއް ފިލްމީ އޮންލައިން ނޫސްތަކުން ބުނެފި އެވެ. ޝަހީރް ޝޭޚް ބަތަލުގެ ބައި ކުޅޭ މި ފިލްމުގެ ސެޓުގައި އެރިކާ އުޅެނީ ވަރަށް ފޮނިކޮށް ކަމަށް ބައެއް މީހުންނާ ހަވާލާދީ މި ޚަބަރުގައި ބުނެފައި ވެއެވެ.

ކޮންމެ ޝޮޓެއް ވެސް ވީ އެންމެ ފުރިހަމައަކަށް ކުޅެން އެރިކާ ބޭނުންވާ ކަމަށާއި ޓީވީ އިންޑަސްޓްރީ ފަންކްޝަންކުރާ ގޮތުން މިއީ ކުރަން ފަސޭހަ ކަމަކަށް ނުވާތީ މި ޝޯގެ ކުރޫން މިހާރު ތިބީ ވަރަށް ދެރަވެފައި ކަމަށް ވެއެވެ.

"ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ 3" ފެށުމުގެ ގޮތުން ބޭއްވި ޕްރޮމޯޝަން އިންޓަވިއުތަކުގައި ވެސް އެރިކާ ވަނީ ނޫސްވެރިންނަށް ވެސް ވަރަށް އުނދަގޫތަކާ ކުރިމަތި ކުރުވާފަ އެވެ.

ޝޯގެ ބަތަލު ޝަހީރް އާއި ބާލާޖީ މޯޝަން ޕިކްޗާޒްގެ ކްރިއޭޓިވް ޕްރޮޑިއުސަރު އަދި އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓްސް ރުޗިކާ ކަޕޫރާއި 2020ގައި ކައިވެނިކުރުމާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް އެހުމުން އެރިކާ ވަނީ އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދާފަ އެވެ.

"ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ" ފްރެންޗައިސްގެ ކުރީގެ ދެ ސީޒަންގައި ވެސް ލީޑް ރޯލު ކުޅުނީ އެރިކާ އާއި ޝަހީރެވެ. އަދި މި ދެ ސީޒަންގެ ޝޫޓިން ކުރިޔަށް ދިޔައިރު އެރިކާ އާއި ޝަހީރްގެ ލޯބީގެ ގުޅުން އޮތް ކަމުގެ ޚަބަރުތަކެއް ވެސް އިންޑިޔާގެ މީޑިއާ ތަކުން ފަތުރާފައި ވެއެވެ. ޝަހީރްގެ ކައިވެންޏާ ބެހޭ ގޮތުން އެރިކާ ވާހަކަ ދައްކަން ބޭނުން ނުވީ އެހެންވެ ކަމަށް ލަފާ ކުރެވެ އެވެ.

މި ސިލްސިލާގެ ތިން ވަނަ ސީޒަނެއް ކުޅެން ވެސް އެރިކާ ވަރަށް ފަސް ޖެހުނެވެ. ޝަހީރް އާ އެކު މަސައްކަތް ކުރަން ބޭނުން ނުވާތީ އެވެ. ނަމަވެސް މިއީ އޭނާއަށް ދޫކޮށް ނުލެވޭވަރުގެ ބޮޑު ޕްރޮޖެކްޓަކަށް ވާތީ ހިތާ ދެކޮޅަށް ނަމަވެސް ކުޅެން އެއްބަސްވީ އެވެ.

އެރިކާ އޭނާގެ އެކްޓިން ކެރިއަރު ފެށީ ރީޖަނަލް ސިނަމާގެ ބައެއް ފިލްމުތަކުންނެވެ. އަދި 2014 ގައި ރިލީޒްކުރި "ބަބްލޫ ހެޕީ ހެއި" ކިޔާ ފިލްމުގައި ވެސް އެރިކާ ބައިވެރިވި އެވެ. ނަމަވެސް އޭނާއަށް މަޝްހޫރުކަން ލިބުނީ "ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ" އިންނެވެ.