މިނިސްޓްރީ އޮފް އެޑިއުކޭޝަން

"ޓީޗަރުން ބަދަލު ކުރުމާ ޖިންސީ ފުރައްސާރައާ ގުޅުމެއް ނެތް"

އިއްޒުއްދީން ސްކޫލުގައި މަސައްކަތް ކުރާ ހަތަރު ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލު ކުރަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ކުރިމަތިވެގެން ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ

އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސްކޫލުގައި މަސައްކަތްކުރާ ހަތަރު ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ޓީޗާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހަތަރު ޓީޗަރުންގެ ފަރާތުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅި ކަމަށާއި ޓީޗަރުންގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ އެ ޖަމިއްޔާއިން ކަމަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އިއްޒުއްދީން ސްކޫލުގެ ހަތަރު ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެފަރާތްތަކަށް އިއްޔެ އަންގާފައިވާ ކަމަށެވެ. އަދި އެއީ މިއަހަރު ކުރީކޮޅުގައި އިއްޒުއްދީން ސްކޫލްގެ ހަތަރު ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާ ދިނުމާ ގުޅިގެން، ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑާޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިއާޔަތްކޮ ނިންމި ނިންމުމެއް ކަމަށެވެ.

މިރިވިއުއިން ސްކޫލު ހިންގުމުގައާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލެވުނު ކޮމެޓީން، ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސްކޫލްގެ ބައެއް މަގާމުތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާދެއްވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ހަތަރު ޓީޗަރުން ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާ، އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައަކާ ގުޅުމެއް ނެތް ކަމަށެވެ. އަދި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކަމާއެކު ބެލުމަށްފަހު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ.

އިއްޒުއްދީން ސްކޫލުގެ ހަތަރު މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާންތަކުގައި ހަގީގަތާ ހިލާފަށް މައްސަލަ އޮޅޭ ގޮތަށް މައުލޫމާތު ހިމަނާފައިވާ ކަމަށާއި އެކަން ކުއްވެރި ކުރާ ކަމަށް ބުނެ އެވެ. އަދި މިފަދަ ބަޔާންތައް ނެރުމުގައި ހަގީގަތުގެ މައްޗަށް ބަޔާންތައް ލިޔުއްވުމަށް ވެސް މިނިސްޓްރީއިން އިލްތިމާސް ކޮށްފައިވެ އެވެ.