ދުނިޔެ

ސައުދު ހަރީރީ ކެބިނެޓް ލިސްޓެއް ރައިސަށް ހުށަހަޅުވައިފި

ލުބްނާންގައި ސަރުކާރެއް އެކުލަވާލެއްވުމަށް ޓަކައި ސައުދު ހަރީރީ ކެބިނެޓް ލިސްޓެއް ރައީސް މިޝޭލް އައޫންއަށް ހުށަހަޅުއްވައިފި އެވެ. ހަރިރިއަށް ދެން ކުރިއަށް ވަޑައިގަނެވޭނީ ރައީސް ވަކި ގޮތެއް ނިންމެވުމުންނެވެ. ހަރީރީ މީގެ ކުރިން ހުށަހެޅުއްވި ކެބިނެޓް ލިސްޓް ރައީސް ގަބޫލުފުލެއް ނުކުރެއްވި އެވެ.

ހަރީރީ ނޫސްވެރިންނަށް ވިދާޅުވި ގޮތުން ކެބިނެޓްގައި 24 މިނިސްޓަރުން ހިމެނި ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ކެބިނެޓް އެކުލަވާލެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ލުބުނާން މިހާރު އޮތް ހާލަތުން ސަލާމަތްކުރުމަށް ކަމަށެވެ. މިއަދުގެ ވަގުތެއްގައި ރައިސް ޖަވާބެއް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ހަރީރީ ވިދާޅުވި އެވެ.

ލުބްނާންގެ ބޮޑުވަޒީރު ހަސަން ދިއާބް އޮގަސްޓް 10، 2020 ގައި އިސްތިއުފާ ދެއްވި ފަހުން އެގައުމުގައި ސަރުކާރެއް އެކުލަވާނުލެވިި އޮތީ ހުހަށެވެ. ބޭރޫތު ބަނދަރުގައި ކެމިކަލް ގުދަނެއް ގޮވި މައްސަލާގައި އުދާސް ބޮޑުވެ ހަސަން ދިއާބްއަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެވެ.

ހަރީރީ ކެބިނެޓް ލިސްޓް ރައިސަށް އެރުވުމުގެ ކުރިން މިސްރަށް ވަޑައިގެން އެގައުމުގެ ރައީސް އަބްދުލް ފައްތާހް ސީސިއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި އެވެ. ސީސީ ވިދާޅުވީ ލުބްނާނަށް އެއްބާރުލުން ދެއްވާނެ ކަމަށާއިި ގައުމު ނެގެހެއްޓުމުގައި މިސްރަކީ ތަނބެއް ކަމަށް ބެއްލެވުމަށެވެ.

ލުބްނާނަށް އެހީވާނެ ވެދެއްވާނެ ކަމަށް ގަތަރުން ވެސް އޮތީ ބުނެފަ އެވެ. ރައީސް މިޝޭލް އައޫން ގަތަރަށް ވަޑައިގެން ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްުދުއްރަހްމާން އައްސާނީއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގައި ލުބްނާނަށް އެހީތެރިވެ ދެއްވާނެ ކަމަށް ގަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.