ޑިއެގޯ މެރަޑޯނާ

"މަރަޑޯނާ ކަޕް" އުފަން ވެދާނެ

ޔޫރޯ އާއި ކޮޕާ އެމެރިކާގެ ޗެމްޕިއަން އިޓަލީ އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗު "މަރަޑޯނާ ކަޕް" ގެ ނަމުގައި ތާރީހުގެ ތެރެއަށް އުފަން ކުރުވަފާނެ ކަމުގެ ހިލަން ވެއްޖެ އެވެ.

ޔުއެފާ އާއި ކޮންމެބަލް މިހާރު ދަނީ ޔޫރަޕުގެ ޗެމްޕިއަނާއި ސައުތު އެމެރިކާގެ ޗެމްޕިއަން ކުޅޭ މެޗު މި ނަމުގައި ކުޅުމާމެދު މަޝްވަރާތައް ކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މެޗު ކުޅޭނީ މިދިޔަ އަހަރު މަރުވި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް މަރަޑޯނާގެ ހަނދާނުގައި ސްޓޭޑިއޯ ޑިއޭގޯ އާމަނޑޯ މަރަޑޯނާ ސްޓޭޑިއަމްގަ އެވެ.

މީގެ އިތުރުން މެޗުން މޮޅުވާ ޓީމަށް ދޭ ޓްރޮފީއަށް މަރަޑޯނާގެ ނަމުން ނަންދޭން މަސައްކަތް ކުރާ ކަމަށް ވެސް އަޑުފެތުރިފައިވެ އެވެ.

އާޖެންޓީނާގެ ލެޖެންޑް މަރަޑޯނާއަކީ އިޓަލީގެ ނަޕޯލީގައި ވެސް ހަތް އަހަރު ދުވަހު ކުޅެ އިޓަލީ އާއި ގާތް ގުޅުމެއް ބާއްވާފައިވާ ކުޅުންތެރިއެކެވެ. އެހެން ކަމުން މަރަޑޯނާ ކަޕަށް އިޓަލީގެ ފަރާތުން ވެސް ސަޕޯޓް ލިބޭނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް މިކަމާއި ގުޅޭ ކަންތައްތައް ސީދާ ވަކި ގޮތަކަށް އަދި ނިންމާފައެއް ނުވެ އެވެ. އެހެން ކަމުން މިމެޗު މަރަޑޯނާއަށް ނިސްބަތް ކުރުމުގެ ބަދަލުގައި ޔޫރޯގެ ޗެމްޕިއަނާއި ކޮޕަ އެމެރިކާގެ ޗެމްޕިއަން ކުޅޭ މެޗު ކުރިން އޮތް ގޮތަށް އަނެއްކާވެސް އަލުން ފެށުން އެކަށިގެންވެ އެވެ. މީގެ ކުރިން ވެސް ކޮޕަ އެމެރިކާ އާއި ޔޫރޯގެ ޗެމްޕިއަނުން މުބާރާތަށް ފަހު މެޗު ކުޅެ އެވެ. ނަމަވެސް މިހާރު އެކަން އޮތީ މެދުކެނޑިފަ އެވެ.