ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން އިތުރުކުރުމަށް ނިންމައިފި އެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ މިކަން އިއުލާންކުރެއްވީ މިއަދު ބޭއްވި ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނަމަަވެސް މުއާމަލާތް ބޮޑުކުރުމަށް ހަމަޖެހިފައިވާ ސީދާ އަދަދެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބުން ދަތިވުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ބޭންކުން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދަށް ބަދަލު ގެނެސްފަ އެެވެ.
އެ ނިންމުން ބޭންކުން ނިންމިއިރު ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތް ހުރީ ކަންބޮޑުވާ މިންވަރެއްގަ އެވެ.
މިހާރު ބެންކުގެ ކްރެޑިޓް އަދި ޑެބިޓް ކާޑަށް ކަނޑައެޅިފައިވާ ލިމިޓަކީ މަހަކަށް ކާޑަކަށް 250 ޑޮލަރުގެ ލިމިޓެކެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައެޅިފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމައަށް ކާޑު ބޭނުންކުރެވެ އެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮންމެ ކާޑަކަށް މަހަކު 750 ޑޮލަރުގެ ލިމިޓު ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ކާޑުން ފައިސާ ދެއްކުމަށް ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.