އެމްއެމްއޭ

ރެމިޓެންސްގެ ގޮތުގައި 72 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް

ރެމިޓެންސްގެ ގޮތުގައި 72 މިލިއަން ޑޮލަރު -- ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން މިއީ 2022 ވަނަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުކުރި އަދަދަށްވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ.

ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި ފައިސާގެ ތެރެއިން 59 މިލިއަން ޑޮލަރު -- 84 ޕަސެންޓަކީ ބިދޭސީން ބޭރުކުރި ފައިސާ އެވެ. ބާކީ 16 ޕަސެންޓަކީ ދިވެހިން ބޭރުކުރި ފައިސާ އެވެ.

އެމްއެމްއޭގެ ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން މިދިޔަ އަހަރުވެސް އެންމެ ގިނައިން ފައިސާ ބޭރަށް ފޮނުވީ ބަންގްލަދޭޝް އަށެވެ. އެ ގޮތުން 54 ޕަސެންޓް ފައިސާ ފޮނުވާފައިވަނީ ބަންގްލަދޭޝް އަށެވެ.

ބިދޭސީން އެންމެ ގިނައިން ފައިސާ ބޭރުކުރި ގައުމުތައް

  • ބަންގްލަދޭޝް - 54 ޕަސެންޓް
  • ނޭޕާލް - 10.6 ޕަސެންޓް
  • މިސްރު - 7.9 ޕަސެންޓް
  • ފިލިޕީންސް - 7.1 ޕަސެންޓް
  • އިންޑިއާ - 4 ޕަސެންޓް

ބަންގްލަދޭޝްއަކީ 2022 ވަނަ އަހަރުވެސް ރާއްޖެއިން އެންމެ ގިނައިން ފައިސާ ބޭރުކުރި ގައުމެވެ.

ދިވެހިން އެންމެ ގިނައިން ފައިސާ ފޮނުވާފައިވަނީ އިންޑިއާ އާއި ފިލިޕީންސްގެ އިތުރުން ސްރީލަންކާއަށެވެ.

ރެމިޓެންސްއަކީ ބޭރު ގައުމެއްގައި ވަޒީފާ އަދާކުރާ މީހުން އެމީހުންގެ ގައުމަށް ނުވަތަ އާއިލާއަށް ފޮނުވާ ފައިސާ އެވެ.