ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެން ފުރަން އުޅުނު ބިދޭސީއަކު ހުއްޓުވައިފި

ރާއްޖެއިން ބަންގްލަދޭޝްއަށް ފުރަން ގޮސް ހުރި ބިދޭސީއަކު ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރާ އެކު އަތުލައިގެންފި އެެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަރަކާތްތެރިވާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ މިއަދު ޔޫއެސް ބަންގްލާ އެއާލައިންސް (BS338) އިން މާލެއިން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުކުރަން ގޮސްހުރި ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 އެމެރިކާ ޑޮލަރު އަތުލައިގަތީ އެ ކޮމާންޑްގެ ސްކްރީނިން ޓީމުން ކަމަށެވެ.

މި މީހާ ގެންގުޅުނު ޑޮލަރުތައް ފޮރުވާފައި ހުރީ ކޯންފްލެކްސް ޕެކެޓަކަށް ލާފަ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ މި މީހާ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފަ އެވެ.

ނަގުދު ފައިސާ ވަކި ވަރަކަށް ވުރެ ގިނައިން ބޭރުކުރާނަމަ އެ މީހަކު ހުއްޓުވާ ފިޔަވަޅު އެޅުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ހުއްޓުވާ ކަމެކެވެ.

ގިނަ އަދަދެއްގެ ޑޮލަރު ހިފަހައިގެން ފުރަން އުޅުނު މީހަކު ހުއްޓުވާފައި މިވަނީ ގައުމީ ބޭންކް -- ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އެކައުންޓުން ޑޮލަރު މުއާމަލާތް ނުކުރެވޭނެ ކަމަށް އެ ބޭންކުން ކަސްޓަމަރުންނަށް މިއަދު ކުއްލި ގޮތަކަށް އަންގާފައި ވަނިކޮށެވެ.