ބަންގްލަދޭޝް

ޔޫއެސް-ބަންގްލާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

Nov 20, 2021
1

ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިން، ޔޫއެސް-ބަންގްލާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

ދަތުރުތައް ފެށުމުގެ ގޮތުން ބަންގްލާ އެއާގެ ފުރަތަމަ ފްލައިޓް އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސާފަ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ރާއްޖެ އައި ފްލައިޓްގައި ތިބި ޕެސެންޖަރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ މަރުހަބާ ކިޔާފަ އެވެ.

ޑާކާ އިން ސީދާ ވީއައިއޭ އަށް ކުރާ މިދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން 737-800 ގެ 189 ސީޓް ހިމެނޭ ބޯޓު ތަކެކެވެ.

ބަންގްލާ އެއާ އިން ރާއްޖެ އަށް ހަފްތާ އަކު ތިން ދަތުރުކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ދަތުރުކުރާނީ އާދިއްތަ، އަންގާރަ އަދި ހުކުރު ދުވަހު އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. ޔޫއެސް-ބަންގްލާގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.