މޯލްޑިވްސް ކަސްޓަމްސް ސާވިސް

ބޭރު ކުރަން އުޅުނު މިލިއަނަކަށްވުރެ ގިނަ ފައިސާ ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގެންދަން އުޅުނު މިލިއަނަކަށްވުރެ ގިނަ ފައިސާ ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

ކަސްޓަމްސް އިން ބުނީ، މި ފައިސާ ހިފަހައްޓާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު މީހެއްގެ އަތުން ކަމަށެވެ. 34 އަހަރުގެ މި މީހާ އަތުގައި އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ހުރިކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

އެގޮތުން ދިވެހި ރުފިޔާއިން ބަލާނަމަ ޖުމްލަ 1.4 މިލިއަން ރުފިޔާ މިމީހާ އަތުން ވަނީ ފެނިފަ އެވެ.

މިފައިސާ އަކީ ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށް ގެންދަން އުޅުނު ފައިސާތަކެކެވެ. ގާނޫނުގައިވާ ގޮތުންނަމަ 10،000 ޑޮލަރަށްވުރެ ގިނައިން ރާއްޖެއިން ބޭރަށް ގެންދާނަމަ އެފައިސާ ކަސްޓަމްސް އިން ޑިކްލެއާ ކުރަން ޖެހޭނެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.