ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ދިވެހި ރުފިޔާ އެކައުންޓުތަކުގެ ޑޮލަރު މުއާމަލާތްތަކުގެ ލިމިޓު އިތުރުކުރުމަށް ގޮވާލައި ޕެޓިޝަނެއް ހުޅުވާލައިފި އެވެ.
މި ޕެޓިޝަން ހުޅުވާލައިފައިވަނީ އިއްޔެ ވޮއިސެސް އެމްވީއިންނެވެ. މިވަގުތު 366 ސޮއި ޕެޓިޝަނަށް ލިބިފައިވާއިރު މިއަދު އެކަނިވެސް 254 މީހުންވަނީ ސޮއި ކޮށްފަ އެވެ.
ކޮވިޑް 19ގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުގެ ސަބަބުން ސަރުކާރުން ވަނީ ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރެވޭ މުއާމަލާތްތަކަށް ވަކި މިންވަރެއް ކަނޑައަޅާފަ އެވެ. ޑެބިޓް ކާޑެއް ބޭނުން ކުރާނަމަ ލިމިޓަކީ ކޮންމެ މަހަކު 250 ޑްލަރެވެ. އަދި ކްރެޑިޓް ކާޑެއް ބޭނުން ކުރާނަމަ ލިމިޓަކީ މަހަކު 750 ޑްލަރެވެ.
ނަމަވެސް މިހާރު ކޮވިޑްގެ ދަތިކަން ފިލައިގެން ދިއުމާއެކު ޑޮލަރު ލިމިޓްކުރުމުގެ ފައިދާއަށް ވުރެ އެކަމުން ދިމާވާ ދަތިތައް ވަނީ އިތުރުވެފަ އެވެ. އޮންލައިންކޮށް ވިޔަފާރީކުރުން އިތުރުވެފައިވާއިރު، މަހަކު 250 ޑޮލަރުގެ ލިމިޓަކީ އެއްވެސް އެއްޗެއް ނޫން ކަމަށް ބައެއް މީހުން ބުނެ އެވެ.
ޑޮލަރު ލިބޭ ވަރު ލިމިޓް ކުރުމުން އޮންލައިންކޮށް ވިޔަފާރި ކުރާ މީހުންނަށާއި ކުދި ވިޔަފާރީތައް ހިންގާ މީހުންގެ މަސައްކަތްތަކަށް ދަތިވެ އާމްދަނީ ހޯދުމަށް ހުރަސްއެޅޭ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފަ އެވެ. އަދި ޑޮލަރުން ކުރާ ހޭދައަކީ ރާއްޖޭގެ އިގްތިސޯދަށް މުހިއްމު ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ހައްލުކޮށް ކޮވިޑްގެ ކުރިން ކާޑުތަކަށް ދޫކުރި ލިމިޓް އަނބުރާ ހަމަޖައްސައިދިނުމަށް ކަމާބެހޭ އިދާރާތަކުގެ އިތުރުން ވަކިން ހާއްސަކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ޕެޓިޝަނުން ކަންކަން އިސްލާހުކުރުމަށް ގޮވާލާފައިވެ އެވެ.