ޕީޕީއެމް

ޕީޕީއެމް-ޕީއެންސީއަށް ރަނގަޅުގޮތް ނިންމާނީ އަޅުގަނޑުމެން: ޝިޔާމް

ޕީޕީއެމް- ޕީއެންސީއަށް ރަނގަޅު ގޮތް ނިންމާނީ އެ ދެ ޕާޓީން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެފަދައިން ވިދާޅުވީ ޕީޕީއެމާއެކު އެމްޑީޕީން ކޯލިޝަނެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އެދެން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

ޝިޔާމް ވިދާޅުވީ ޕީޕީއެމް / ޕީއެންސީއަށް އެންމެ ރަނގަޅު ގޮތް ނިންމާނީ އެ ދެ ޕާޓީން ކަމަށާއި އަދި އެއީ އެހެން ޕާޓީއެއްގެ ރައީސްއަކަށް އޮތް ހައްގެއް، އަދި ބާރެއް ނުވަތަ ޒިންމާއެއް ވެސް ނޫން ކަމަށެވެ.

"ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިޔާސަތުތަކަކީ ގައުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ސިޔާސަތުކަން ސާބިތު ކޮށްދެއްވައިފައި" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އަވަސްއަށް މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ ޕީޕީއެމަކީ ވަކި އުސޫލުތަކަކާއި ވަކި ހަމައެއްގައި ހިފަހައްޓާ އިންސްޓްޓިއުޝަނެއް ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ ވިސްނުން އުޑާ ބިމާހާ ތަފާތު ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ އެންމެ މުހިންމު އަސާސްތައް މިސާލަކަށް އިސްލާމްދީނާ އަޅުގަނޑުމެން ދެކޭ ގޮތާ ދިވެހި ގައުމިއްޔަތާ އަދި ރާއްޖޭގެ މިނިވަންކަމާ ދިވެހިރާއްޖޭގެ އިގްތިސޯދުކުރިއަށް ގެންދިއުމާ މިފަދަ ކަންކަމާ. މިއީ ބިނާކުރަނިވި ފިކުރަތާ ފަނާކުރަނިވި ފިކުރެއް މި އުޅެނީ." ޝިޔާމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސިޔާސީ މަސްރަހު ޝިޔާމް ސިފަކުރެއްވީ ފެތެމުންދާ އޮޑިއެއްގެ މިސާލުން ނެވެ. އަދި އެ އޮޑި ފެތެމުންދަނީ އެމަނިކުފާނު ހުންގާނުގައި ހުންނަވަނިކޮށްކަމަށް ކަމަށެވެ. އެހެންކަމުން ސިޔާސީ ގޮތުން ދެކޮޅު ވާދަވެރި ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް/ ޕީއެންސީ އޮންނައިރު ރައީސް ނަޝިދުގެ ސިޔާސީ ވިސްނުމަށް ޖާގައެއް ނެތް ކަމަށް ޝިޔާމް ވިދާޅުވި އެެވެ.

އެމްޑީޕީ - ޕީޕީއެމް ކޯލިޝަނެއް ބޭނުން ވާކަން މީގެ ކުރިން ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި ހަމަ އެ މޭރުމުން މިއަދުވެސް ވާހަކަ ދައްކަވައި ވިދާޅުވީ އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރި ކަމަށް އެދުން އެއީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.