ސްޓެލްކޯ

އޭޝިއާގެ ކުންފުނިތަކުގެ ނަމޫނާ ލީޑަރަކަަށް މުޣުނީ ހޮވިވަޑައިގެންފި

އޭޝިއާ ކުންފުނިތަކުން އެންމެ ފާހަގަ ކޮށްލެވޭ ލީޑަރަކަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ހޮވިވަޑައިގެންފި އެވެ.

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑާ އޮފް ދި އިޔާ" ގެ އެވޯޑް މުޣުނީ އަށް ލިބިވަޑައިގެންނެވީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންނާ ވާދަ ކުރައްވަ އެވެ.

މި އެވޯޑް މުޣުނީ އަށް ލިބިވަޑައިގެންނެވީ މުޣުނީ ކޮށްދެއްވި ހިދުމަތްތަކުގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އެގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކުކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ކުންފުނި ބަދަލު ކުރުމާއި ހަކަތަ އުފެއްދުމަށްޓަކައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން އިޔާދަކުރަނިވި ހަކަތައާއި ދިމާލަށް ކުންފުނި ދީލާލުމަށް މުޣުނީގެ ލީޑާރޝިޕްގެ ދަށުން ކުރެއްވި މަސައްކަތް ފާހަގަކޮށްފައި ވެއެވެ.

އޭގެ ތެރޭގައި، ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ސޯލާ ޕެނަލްސް ވިއްކުމާއި މުޣުނީގެ އިރުޝާދުގެ ދަށުން ރާއްޖެ އަށް ތައާރަފްކޮށްފައިވާ މުޅިން އައު އީޖާދުތަކުގެ ތެރޭގައި ހިމެނޭ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ ގްރީން ލައިފް ބަސް ސްޓޮޕްއާއި، ދިވެހި ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ފްލޯޓިންގ ސޯލާ ޕޮޑް ހިމެނެ އެވެ.

މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އިމާޖިން ލީޑާ އޮފް ދި އިޔާގެ އެވޯޑް ވެސް މުޣުނީ އަށް ލިބިވަޑައިގެންފައި ވެއެވެ.