ފެހެންދޫ

ފެެހެންދޫ ސްކޫލު ކުދިން ގޮއިދޫއަށް ދިއުން ނިމުމަކަށް ގެންނަނީ

ކުޑަކުޑަ އާބާދީ އޮތް ބ. ފެހެންދޫގެ ކިޔަވާ ކުދިން އެ އަތޮޅުގެ ގޮއިދޫ ސްކޫލަށް ދިއުން ނިމުމަކަށް ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ފެހެންދޫގެ ދަރިވަރުން ކިޔަވަން ގޮއިދޫއަށް ދަނީ ފެރީގަ އެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައިވަނީ ފެހެންދޫ ދަރިވަރުން ރަށުގައި ތިބެގެން ކިޔެވޭނެ ގޮތް ހަދަން ޑިޖިޓަލް ކްލާސްރޫމްތަކެއް ގާއިމުކުރުމަށެވެ.

އެގޮތުން ފެހެންދޫ ސްކޫލުގައި ދެ ކްލާސްރޫމާއި އޮފީސް އިމާރާތެއް އަޅަން ކޭޑީ އެންޓާޕްރައިސަސްއާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ. ތިރީސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރީ 1.2 މިލިއަން ރުފިޔާ އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު އަލީ އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެހެންދޫ ސްކޫލު ކުދިންގެ ކިޔެވުން ކުރިއަށް ގެންދާނީ މާލޭގެ ސްކޫލަކާ ގުޅިގެން ޑިޖިޓަލްކޮށް ކަމަށެވެ. ނަމަވެސް އިތުރު ހަރަކާތްތަކާއި އެހެނިހެން ބައެއް ކަންކަމަށް ބ. އަތޮޅުގެ އެހެން ސްކޫލަކަށް ދަރިވަރުންނަށް ދެވޭނެ ކަމަށެވެ. އަދި ފެހެންދޫ ސްކޫލުގައި ދަރިވަރުންނަށް އެހީތެރިވުމަށް ޓީޗަރުންވެސް ތިބޭނެ ކަމަށެވެ.

"އުއްމީދުކުރަނީ މި ފެށޭ ދިރާސީ އަހަރާއެކު ޑިޖިޓަލްކޮށް ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށް" އަލީ ވިދާޅުވި އެވެ.

އާބާދީ މަދުވުމުގެ ސަބަބުން އެކަށީގެންވާ އަދަދަށް ދަރިވަރުން ނެތުމުގެ ސަބަބުން ފެހެންދޫ ސްކޫލް ބަންދުކުރީ 2008 ވަނަ އަަހަރު އެވެ. އެރަށުގެ މިހާރުގެ އާބާދީގައި 300 މީހުން ހިމެނޭ އިރު ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު 100 އަށް ވުރެ މަދެވެ.