އިއްޒުއްދީން ސްކޫލް

އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް ބަދަލުކުރީ މާކުރަތު ސްކޫލަށް

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވިފައިވާ އިއްޒުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ރ. މާކުރަތު ސްކޫލަށް ބަދަލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ އަވަސް އަށް ވިދާޅުވީ، ނަސީރު މާކުތަރު ސްކޫލަށް ބަދަލުކުރީ އޭނާގެ އެކަމަށް އެދިގެން ކަަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިސްމާއިލް އެހެން ސްކޫލަށް ބަދަލުކޮށް ދިނުމަށް އެދިފައިވަނީ މިއަހަރުގެ ދިރާސީ އަހަރު ނިމެން އުޅެނިކޮށް ކަމަށެވެ. އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ އެކަމާ ގުޅުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ އެކުވެސް އިސްމާއިލާ މެދު ފިޔަވަޅެއް ނާޅައި އެހެން ސްކޫލަށް ބަދަލުކުރުމުން ޓީޗާސް އެސޯސިއޭޝަންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެއީ ޕްރިންސިޕަލަށް ދިން ޕްރޮމޯޝަނެއްކަމަށް އެ އެސޯސިއޭޝަނުން ސިފަކޮށްފައި ވެއެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ޓީޗާސް އެސޯސިއޭޝަންގެ ތުހުމަތުތައް ދޮގުކުރެ އެވެ. މިނިސްޓްރީން ބުނީ އިސްމާއިލް އެހެން ސްކޫލަކަށް ބަދަލުކުރުމަކީ ޕްރޮމޯޝަނެއް ދިނުން ނޫން ކަމަށެވެ. އަދި ޕްރިންސިޕަލަށް ކުރެވޭ ތުހުމަތުތައް ބަލައި ރިޕޯޓެއްވެސް މިހާރު އެކުލަވާލައިފައިވާ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހޭނަމަ ފިޔަވަޅު އަޅާނެ ކަމަށެެވެ.

އިސްމާއިލުގެ ފަރާތުން ފުރައްސާރަތައް ކުރިމަތިވާ ކަމަށް ބުނެ އިއްޒުއްދީން ސްކޫލުގެ ބައެއް ޓީޗަރުން ލީޑިން ޓީޗަރު ކަމުން މިއަހަރު ކުރީކޮޅު އިސްތިއުފާވެސް ދީފައި ވެއެވެ.