މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިއްޒުއްދީނާއި ސަލާހުއްދީންގައި އޯލެވަލްއަށް ކިޔަވައިދޭން ފަށައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލާއި މާލޭގައި ހުންނަ އިއްޒުއްދީން ސްކޫލްގައި ފުރަތަމަ ފަހަރަށް ގްރޭޑް 10 އަށް ކިޔަވައި ދޭން ފަށައިފި އެވެ.

މިއަހަރުގެ ދިރާސީ އާ އަހަރާ އެކު މި ދެ ސްކޫލުގައި އޯ ލެވަލްއަށް ކިޔަވައިދޭން ފެށިއިރު މާލޭގެ އެހެން ސްކޫލުތަކަށް ވުރެ މި ދެ ސްކޫލުގައި އޯލެވަލް އަށް ކިޔަވާ ކުދިންގެ އަދަދު މަދެވެ.

އިއްޒުންދީން ސްކޫލުގައި މިއަހަރު އޯ ލެވަލްއަށް ކިޔަވަން ފެށީ 18 ކުދިންނެވެ. ސަލާހުއްދީންގައި އޯ ލެވަލް އަށް ކިޔަވަން ފެށި ކުދިންގެ ސާފު އަދަދެއް އެނގިފައެއް ނުވެ އެވެ.

އިއްޒުންދީން ސްކޫލު ހުޅުވީ ޖެނުއަރީ 12، 2020 ގައެވެ. ސަލާހުއްދީން ސްކޫލު ހުޅުވީ އޯގަސްޓް 6، 2023 ގައެވެ.

މި ދެ ސްކޫލު ހުޅުވީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް މިއަހަރުން ފެށިގެން ސަލާހުއްދީން ސްކޫލުގައި ކިޔަވައިދެނީ ދެ ދަންފަޅި އަށެވެ.

އިއްޒުންދީން ސްކޫލު ހުޅުވިއިރު އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ ގުރޭޑް އެކަކުން 6 އަކަށެވެ. ސަލާހުއްދީން ސްކޫލު ހުޅުވިއިރު އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ ގްރޭޑް އެކަކުން 9 އަކަށެވެ.