ވާހަކަ

ގެއްލިދާކަށް ނޭދެން

ގޭތެރެ ފުރިފައިވަނީ ދަތުރު ފޮށި ތަކުންނެވެ. ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ވާތީ ޔަނާލު ފިޔަވާ އެންމެންވެސް ތިބީ ނުހަނު އުފާވެފައެވެ. މަންމަގެ ގޮތް ދޫނުކުރުމުގެ ސަބަބުން ދިރިއުޅޭ ގެ ކުއްޔަށް ދިނުމަށް އޭނާގެ ބައްޕަ ނިންމީ ހިތާ ދެކޮޅަށެވެ. ގެއިން ލިބޭ ކުލީ ފައިސާ އިން ރާއްޖެއިން ބޭރުގައި ޚަރަދު ކުޑައަރާމު ދިރި އުޅުމެއް އުޅެވޭނެ ކަމަށް އޭނާގެ މަންމަ ބުނަމުން ދިޔައެވެ. މި ވާހަކަތައް ޔަނާލު އަޑު އަހަމުން ދިޔައީ ހިތްހަމަ ނުޖެހުމާ އެކުގައެވެ. މަންމަގެ ވިސްނުން ބަދަލު ކުރެއްވުން އެދި ކެނޑި ނޭޅި ﷲގެ ޙަޟްރަތުގައި ދުޢާ ކުރަމުން ދިޔައެވެ.

އާއިލާގެ މި ނިންމުމާ މެދު ޔަނާލު ފާޅުގައި ދެކޮޅު ހަދަމުން ދިޔައެވެ. މަންމައަށް ވިސްނައި ދެވޭތޯ އެތައް ގޮތަކުން އޭނާ މަސައްކަތް ކުރިއެވެ. ޔަނާލަކީ ކުޑަކުއްޖަކަށް ވުމުން ދުނިޔޭގެ އާޖު ފާޖު ނޭނގޭނެ ކަމަށް މަންމަ ބުނަމުން ދިޔައެވެ. އެހެން ނަމަވެސް ޔަނާލުގެ ކުރިމަތީގައި މަންމަގެ އެ ނިންމުމަކީ ތާކުން ތާކު ނުޖެހޭ މޮޔަ ނިންމުމެކެވެ. އުފަން ވަޒަނުގައި ތިބެގެން ބައިނަލް އަޤްވާމީ އިމްތިހާނު ތަކުގައި ވާދަކޮށް ވަނަ ހޯދުމަށް ފަހިވެފައިވާ އިރު ބޮޑު ޚަރަދާއެކު ރާއްޖެއިން ބޭރަށް ދަރިން ގޮވައިގެން ކިޔަވައިދޭން ދިއުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް ޔަނާލު ބުނަމުން ދިޔައެވެ.

އަމިއްލަ ފަސްގަނޑުން ލިބޭފަދަ ހިމާޔަތާއި ރައްކާތެރިކަން އެހެން ޤައުމަކުން ނުލިބޭނެކަން ޔަނާލުގެ ދުރުވިސްނޭ ސިކުނޑިއަށް އެނގެއެވެ. އިސްލާމް ދީނާ ފުށުއަރާ ގޮތަށް ބައްޓަން ކުރެވިފައިވާ މަންހަޖެއްގެ ތެރެއިން ފަށާތައުލީމުގެ މަރުހަލާތައް ނިންމުމަކީ ކުދިންގެ ދިނާ ބަހާ ޝަގާފަތަށް ނުރަނގަޅު އަސަރު ކުރުވާނެ ކަމެއްގެ ގޮތުގައި ޔަނާލު ފާހަގަ ކުރިއެވެ.

މީގެ އިތުރުން އުޅުމާއި އަޚްލާޤަށް ކުރާނެ ނޭދެވޭނެ އަސަރު ތަޞައްވަރު ކުރެވެމުން ދިޔައެވެ. ދީނި އަރާރުން ވުންތަކާއި މަސްހުނި ސަޤާފަތެއްގެ ތެރޭގައި އިސްލާމްދީން އުނގެނުމަށް ކުރިމަތީވާނެ ގޮންޖެހުން ތަކާމެދު ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ. ދިރިއުޅޭ ވެށިގެ އާދަކާދަޔާއި ސަގާފަތަށް ލޯބިކޮށް އިޙްތިރާމް ކުރުމުގެ ތެރެއިން ގެއްލިދާނެ އަމިއްލަ ވަންތަކަމާއި މެދު ފިކުރު ބޮޑުވެފައިވާތި މަންމަގެ އެ ނިންމުން ބަދަލު ކުރުމަށް ހެދެންހުރި ހުރިހާ ފަނޑިތައެއް ޔަނާލު ހަދަމުން ދިޔައެވެ. ނަމަވެސް މަންމަގެ ބޯ މާހަރެވެ. މި ހުރިހާ ޝަކުވާ އަކާއި އެކު މަންމަގެ އެ ނިންމުމަށް ބޯލެނބީ،ޔަނާލު އަށް ދެއްކޭނެ މާގިނަ ބަހަނާތަކެއް ނެތުމުންނެވެ. ހިތާ ދެކޮޅަށެވެ. ބޮޑަތި މީހުންގެ ކުރިމަތީގައި ކުޑަކުދިން ބަސްކިޔުމަކީ އަދަބާ ޚިލާފް ކަމަކަށް ވާތީ އިތުރަށް ދެން އެއްޗެކޭ ބުނުމަކީ ނެތް ކަމެއް ކަމަށް އޭނަ ދެކުނެވެ.

ލަންކާ އަށް ދެވުމާ އެކު ސްކޫލް ކަންތައް ހަމަޖެހޭތޯ ބައްޕަ މަސައްކަތް ފެށިއެވެ. ޔަނާލުމެން ތިބޭ ގެއާއި ކައިރީގައި އިސްލާމި ތައުލީމްދޭ ސްކޫލެއް ނެތެވެ. ދަތުރު ފަތުރަށް ކުރަން ޖެހޭނެ ހޭދަޔަށް ބަލާ މަޖުބޫރު ވީ ގެއާއި ކައިރި ތަނަކުން ހުރިހާ ކުދިންނަށް ޖާގަ ހޯދުމަށެވެ.

ލަންކާއަށް ދިޔަތާ ހަފްތާއެއްގެ ތެރޭގައި ސްކޫލަށް ލުމާއި ގޭތެރޭގެ ކަންތައްތައް ހަމައަކަށް އެޅި އާދައިގެ ހާލަތަކަށް ބަދަލު ވެއްޖެއެވެ. ބައްޕަ އެނބުރި ދާން ނިންމިއެވެ. ބައްޕަ މާލެ ދާން ނިންމީ ފައިސާގެ ދަތިކަން ދިމާވެދާނެތީ ކަމަށް ބައްޕަ ބުނަމުން ދިޔައެވެ. މީގެ އިތުރުން އެކޮޅުގައި ކުރަން ޖެހޭ ކަންތައްތައް ހުރުމާއި ލިބިފައިވާ ވަޒީފާ ދޫކޮށް ލުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ބައްޕަ ދެކުނެވެ. ބައްޕަ މާލެދާ ވާހަކަ ބުނުމުން ޔަނާލު ވަރަށް ދެރަވިއެވެ. އެތާ ހުންނަހިތް ނުވާ ވާހަކަ ބުނެ، މާމަމެން ކައިރި އަށް ޔަނާލު ގެންދިއުމަށް އެދުނެވެ. ބައްޕަގެ ކުރިމަތީ ރޮމުން އެތައް އާދޭހެއް ކުރިއެވެ. އެހެން ނަމަވެސް ޔަނާލު ދެއްކި އެއްވެސް ވާހަކައަކަށް އާއިލާއިން އިޖާބައެއް ނުދިނެވެ. ޔަނާލު ނިންމީ ކޮންމެ ހާލަކާއި ލައިގެން ވެސް ކިޔެވުން ފުރިހަމަ ކުރުމަށެވެ.

މަސްތަކާ އަހަރުތައް ބަދަލުވަމުން ދިޔައީ ބަލަބަލާ ތިއްބައެވެ. ޕްރީސްކޫލް ތައުލީމާ އެކު ކުޑަ ދެކޮއްކޮގެ އިލްމީ ބިންގާ އެޅެމުން ދިޔައީ އިސްލާމް ދީނުގެ ކަންފުޅެއްވެސް ނެތިއެވެ. ޔަނާލުގެ ދައްތަ ސަމްލާއަށް މި މާހައުލަކީ މާގަޔާވާ ތަނަކަށް ވިއެވެ. ވަރަ ފަޅާ އުދުހެން ލިބިފައިވާ މިނިވަން ދޫންޏެއް ފަދައެވެ. މަންމަގެ އުފަލަކަށްވީ އުމުރާ ނުގުޅޭ އެކުވެރިންނާއި އެކު މަޖާ ނެގުމެވެ. ބާޒާރު ކުރުމާ ކޮފީ ދަޢުވަތު ތަކާއެކު ހީ މަޖާ ނެގުމުގައި ދުވަސް ދުއްވާލުމެވެ. ގޭތެރޭގެ ކަންތައްތައް ވަނީ މަންމަގެ ޒިންމާއިން ބޭރުގައެވެ. ގޭތެރެ ސާފުކޮށް ކައްކާ ހެދުމަށް މީހަކު ގެންގުޅެއެވެ. ހަގު ދެބެން ސްކޫލަށް ގެންގޮސް ގެނެސް ހެދުމަށް ހަވާލު ކޮށްފައި ވަނީ އެތަނުގެ މީހަކާއެވެ. މި ކަންކަން މިހެން ހުރުމުގެ ސަބަބުން ޔަނާލުގެ ތުންފިއްތުންތައް ދިޔައީ ހައްތާ އިތުރު ވަމުންނެވެ. މިފަދަ ކަންކަމާ މަންމަޔާއި ދެބަސްވުން އިތުރު ވަމުން ދިޔައެވެ. އެފަދަ ވަގުތު ތަކުގައި ޔަނާލުއަށް އެއްވެސް ކަމެއް ނޭނގޭނެ ކަމަށްބުނެ، އަނގަ މަޑުން ލައިގެން ހުރުމަށް އޭނާގެ މަންމަ އެދުނެވެ.

ލަންކާއަށް ބަދަލު ވީފަހުން މިހާރު ފަސް އަހަރު ވީއެވެ. ބޮޑު ޗުއްޓީ އަށް ސްކޫލްތައް ބަންދު ވުމުން ރާއްޖެ ދެވޭނެތީ ޔަނާލު ކޮންމެ ފަހަރަކު ވެސް ހުންނަނީ އުފަލުންނެވެ. ނަމަވެސް ދެވޭ ގޮތެއް ނުވެއެވެ. އާއިލާގެ ނުވަތަ ގާތް ބަޔަކު ބޭސްފަރުވާއަށް އަންނާތީ މާލެ ދިއުން ހުއްޓާލަންޖެހެއެވެ. ވުމާއެކު ރާއްޖެ ދިއުމަށް ކުރާ ހުރިހާ ތަދު ބީރެއް ނާކާމިޔާބު ވެގެން ދެއެވެ.

ފެނަށް މަސް ދިރޭ ފަދައިން މިވެއްޓަށް އާއިލާގެ އެންމެން ދިރިއްޖެއެވެ. ބަލާ ބެލުމަށް އެއީ މުސްލިމު ދިވެހި އާއިލާ އަކަށް ނިސްބަތް ކުރެވޭ ބައެކޭ ބުނާނެ ކުޑަވެސް ކަންފުޅެއް އުޅޭ އުޅުމަކުން އަޅާ ހެދުމަކުން ނުބުނެދެއެވެ. ދިވެހި ވަންތަ އަގުތައް ވަޅުޖަހާ ނެތެމުންދާތީ ކަންބޮޑުވުން ފާޅު ކުރުމުން ދިވެއްސަކަށް ވީތީ ފަޚުރު ވެރިވާން ބޭނުން ނުވާކަމަށް ފާޅުގައި ބުނަމުން ދިޔައެވެ. ޔަނާލުގެ ހިތް ކުދި ކުދިވެ ފޮތިފޮތި ވަމުން ދިޔައީ، އެހެން މެމްބަރުންގެ ބަލިކަށި ވަމުންދާ އަޤީދާއާއި މެދުގައެވެ. މިކަން ކަމާ ދެރަވެ ޝަކުވާ ކުރުން ފިޔަވާ އެހެން ކަމެއް މިއަދަކު ޔަނާލަކަށް ނެތެވެ.

ދޮށީ ދައްތަ ''ސަމްލާ'' އެއުޅޭ މުޑުދާރު އުޅުމުގެ ސަބަބުން ގޭތެރޭގައި ދެލޯ މަރާލައިގެން އުޅެން ޖެހެނީ މަދެއްކޮށް ނޫނެވެ. އަދި މަންމަގެ ވިޔާނުދާކަން ދައްތައަށް ވުރެ ދެގުނަ އިތުރެވެ. ދެ ފަސްގަނޑެއްގައި އުޅެން ޖެހުމުގެ ސަބަބުން ބައްޕަގެ ފުށުން އުނިވެފައިވާ ލޯބި، މަންމަ ހޯދަމުން ދަނީ ހިލޭ ފިރިހެނުންގެ ފުށުންނެވެ. ބައްޕަ ފޮނުވާ ފައިސާގެ ބޮޑު ބައެއް މަންމަ ހޭދަކުރަމުން ދަނީ މިފަދަ އުފާތަކަށެވެ. ދުނިޔަވީ ލައްޒަތާއި ލޯބީގެ ޝަރުބަތު ތަކުން ހައިހޫނު ކަން ފިލުވަމުން ދިޔައެވެ. ނަމުނާދެކެން ހުރި އަންހެން ދަރިވެސް އެދަނީ އެމަގުން ހިނގަމުނެވެ.

ދިވެހި ހަރުބަހެއްގައި ވާފަދައިން އަހިވަކާޖެހި އަހިވައް ފާވުމަކީ ކަން ހިނގާ އުސޫލެވެ. ޔަނާލުއަސް އެއްބަނޑު އެއްބަފާ ދައްތަ އެގޮތަށްހަލާކުވާމަންޒަރު ދެކުން ވީ އަނިޔާ އަކަށެވެ. ބަނޑު އަޅާވިހޭ މައިމީހާ މިހާދަށު ދަރަޖައަކަށް ވެއްޓިގެން ފާފައިގެ މައްޗަށް ފާފަ ކުރާ މަންޒަރު ދެކެން ހުރުމަކީ ނަފްސާ ހިތަށް ކެތް ކުރެވޭ ވަރު ކަމަކަށް ނުވިއެވެ. ބައްޕަގާތު އެވާހަކަތައް ބުނަން ކިތަންމެ ފަހަރަކު ބޭނުންވިއެވެ.

ނަމަވެސް ދެން ކަންތައް ހިނގާނެ ގޮތް ހިތަށް ސިފަވާތީ ހަގަށްތިބި ދެކޮއްކޮގެ ހައްޤުގައި ހަނު ހުންނަށް މަޖުބޫރު ވިއެވެ. މަންމައާއި ބައްޕަގެ ކައިވެނި ރޫޅިދާނެތީއެވެ. އެކަމުގެ ސަބަބުން ދެންތިބި މެމްބަރުން އުފުލަފާނެ ހިތާމަޔަކަށް ޓަކައެވެ.

ކިޔެވުމާ މެދު ފިކުރު ކުރާ އެންމެ ކުއްޖެއް ވެސް ނެތެވެ. ގޭތެރެ ޔަނާލަށް ސިފަވަމުން ދިޔައީ ކުށުގެ ހާއްޔެއްގެ ގޮތުގައެވެ. މި ކަހަލަ ވެއްޓެއްގައި ކިޔެވުމަކީ ދަތި އުނދަގޫ ކަމަކަށް ޔަނާލަށް ވިއެވެ. މިފަދަ ހިޔާވަހި ތަކުގައި ކިޔެވުމަށް މުޑިފައި ވިއްދައިގެން ތިބޭ އެހެން ޒުވާނުންގެ ހާލަކީ ކޮބައި ބާއޭ ޔަނާލުގެ ހިތަށް އަރަމުން ދިޔައެވެ. ކޮންމެ ހާލަކައި ލައިގެން ވެސް ކިޔެވުމަށް ކުރާ މަސައްކަތުން ރޮއްޖެއް ވެސް ދޫ ނުކުރުމަށް އަޒުމު ކަނޑައެޅިއެވެ.

ޔަނާލުގެ މިއުދާސްތައް ހިއްޞާކުރާނެ އެކުވެރި އަކަށް އުމުރު ފުރައިގެ ގޮތުން ދިއައީ ބޭނުން ވަމުންނެވެ. ޔަނާލުއާއި އެއް ކުލާހެއްގައި ދިވެހި އަންހެން ކުއްޖަކު ކިޔަވަމުން ދިޔައެވެ. އެއީ އަންހެން ކުއްޖަކަށް ވާތީ އެހާ ރައްޓެއްސެއް ނޫނެވެ. އަދި އޭނާގެ މިޒާޖު ނޭނގޭތީ ވާހަކައެއް ނުދައްކައެވެ. ދީނީގޮތުން ފުށު އަރާ މާއްދާތައް ނުކިޔަވާތީ އެގަޑި ތަކުގައި ދެމީހުން ވެސް ދަނީ ލައިބުރަރީ އަށެވެ. ދުރުގައި ތިބެގެން ދެމީހުން ވެސް އެކަކު އަނެކަކާއި ދިމާލަށް ބަލާ ހަދަނީ ވަގަށެވެ. ފުރާ ވަރަށް އަރަމުން އަންނަ ޔަނާލުގެ ހިތުގައި ސަދަފްގެ ތަސްވީރު ކުރެހެމުން ދިޔައީ ފަތްމިންޏެއްގެ ގޮތުގައެވެ. ހެދި ހުރި ހަށިގަނޑުން ފެންނަ އަންހެން ވަންތަކަމުގައި ޔަނާލު ޖެހެމުން ދިޔައީ ދަގަތްފާނަށް ދަގަނޑު ދަމާ ބާރު މިނުގައެވެ. ސަދަފްގެ މަސްތީ ބަލާލުން ތަކުގައި ޔަނާލު ޖެހެމުން ދިޔައީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. އޭނަގެ ނަފުސު ކޮންޓްރޯލު ކުރަމުން ދިޔައީ ލިބިފައިވާ ޚުލުގެވެ.

ސަދަފްގެ ހަނާ އަޅާލުމަކަށް ޔަނާލު ހުރީ ބަލަ ބަލައެވެ. އޭލެވެލު އިމްތިހާނަށް ޔަނާލު ތައްޔާރު ވަމުން ދިޔަ ދުވަސްވަރު ޕާސްޓް ޕޭޕަރުތައް މުޠާލިޔާ ކުރުމުގައި ލައިބުރަރީގައި ގިނަ ވަގުތުތައް ހޭދަ ކުރަމުން ދިޔައީ ނަތީޖާ ބޭނުންވާތީއެވެ. ސަދަފް ވެސް އެދުވަހު ލައިބުރަރީގައި އިނެވެ. ސަދަފްގެ ގާތަށް ޔަނާލު އައުމަށް އަތުން އިޝާރާތް ކުރާތަން ޔަނާލަށް ފެނުނެވެ. ފުރުޞަތަކަށް ބަލަބަލާ ހުރި ޔަނާލު ވަގުތުގެ ބޭނުން ހިފިއެވެ. ސަދަފް ހަދަން ގެންގުޅުނު ނަމްބަރު ބެލަންސް ނުވެގެން އެހީއަކަށް އެދުނެވެ. ވަރަށް ގަޔާވެގެން ހުރެ، ސަދަފަށް އެނަމްބަރު ބެލަންސް ކުރާނެ ގޮތް ބުނެދިނެވެ.

އިތުރު އެހީއެއް ބޭނުންތޯ ސަދަފް ގާތު ޔަނާލު އެހިއެވެ.

ސަދަފް "ނޫން މިވަގުތަކު އިތުރު ކަމެއް ނެތް އެކަމަކު އިތުރު އެހީއެއް ފަހަރެއްގައި ބޭނުން ވެދާނެ."

އެހެން ރަނގަޅަށް ނުބުނެ ވެނީސް ޔަނާލު އޭނަގެ ފޯނު ނަމްބަރު ސަދަފްގެ ފޮތުގައި ލިޔެލަދިނެވެ. ސަދަފް ރަކި ހިނިތުން ވުމަކާ އެކު " ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭ ބުނެލިއެވެ. (ނުނިމޭ)