އުމުރުން އެންމެ ހަ އަހަރާއި ނު މަހުގައި ކީރިތި ގުރުއާން ހިތުދަސްކުރި އެކްސެލް އިންޓާނޭޝަނަލް ސްކޫލްގެ ދަރިވަރު އަމަން އަހްމަދު އާތިފްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުން ފަޒުނާ އަހްމަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަމަން އަހްމަދު އާތިފަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އަދި އެހާ ޅަ އުމުރެއްގައި އަމަން، ކީރިތި ގުރްއާން ހިތުދަސްކުރީތީ އެކަމަށް ތައުރީފް ކުރައްވައި އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ އަމަންގެ މަންމަ ލުބާނާ މުހައްމަދަށާއި ބައްޕަ އަހްމަދު އާތިފަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ކީރިތި ގުރުއާން ހިތުދަސްކުރުމަށް އަމަން ޝައުގުވެރިވިގޮތާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.
އަމަން އަހްމަދު އާތިފް ކީރިތި ގުރުއާން ހިތުދަސްކުރުމާ ގުޅިގެން އެކްސެލް އިންޓާނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން މި ބައްދަލުކުރެއްވުމުގައި އަމަންއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އަމަންގެ މަންމަ ލުބާނާ މުހައްމަދާއި ބައްޕަ އަހްމަދު އާތިފް ދެއްކެވި ވާހަކައިގައި އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ގުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއްކަން ފާހަގަކުރެއްވިއެވެ. އަދި އަމަންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޝުކުރު ދެންނެވިއެވެ.
އަމަން، ކީރިތި ގުރްއާން ހިތުދަސްކުރި ހާފިޒެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ހާފިޒު ކަމުގެ އިމްތިހާނުގައި ބައިވެރިކުރެއްވުމަށް އެކްސެލް އިންޓާނޭޝަނަލް ސްކޫލުން މިހާރު ވަނީ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒަށް ހުށަހަޅުއްވާފައެވެ.
އެކްސެލް އިންޓާނޭޝަނަލް ސްކޫލަކީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން އެމެރިކާގެ ކަރިކިޔުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އަދި ކޯ ކަރިކިޔުލަމްގެ ގޮތުގައި ކީރިތި ގުރުއާން އާއި އިސްލާމް އާއި އަރަބި އަދި ދިވެހިބަސް މި ސްކޫލުގައި ކިޔަވައިދެމުން ގެންދެއެވެ.