ލައިފްސްޓައިލް

އެންމެ ސެލްފީއަކުން މަރުގެ ހަމަލައެއް

މިއީ ދާދިފަހުން އިންޑިޔާގައި ހިނގައިގެން އުޅޭ ހަގީގީ ހާދިސާ އެކެވެ. ސެލްފީ ނެގުމާއި ބަދަލުހިފުމާއި ގުޅިފައިވާ އިބުރަތްތެރި ވާހަކައެކެވެ. އުމުރުން 34 އަހަރުގެ ސޫމަން (އަސްލު ނަމެއް ނޫން) އަކީ ސެލްފީ ނަގައި ސޯޝަލް މީޑިއާގައި ޝެއާކުރާ މީހެކެވެ. ނަމަވެސް އޭނާގެ އެންމެ ސެލްފީއަކުން މަރާ ހަނގުރާމަ ކުރަން ޖެހޭ ފަދަ ކަމެއް ކުރިމަތި ވެދާނެ ކަމަކަށް ސޫމަން ދުވަހަކު ވެސް ހިޔެއް ނުކުރެ އެވެ.

ހަރްޔާނާގައި އުޅެ ބޮޑުވި ސުމަން އަކީ ސޮފްޓްވެއާ އިންޖިނިއަރެކެވެ. މީގެ ތިން އަހަރު ކުރިން އޭނާ ޕޫނޭގެ ސޮފްޓްވެއާ ކުންފުންޏެއްގައި މަސައްކަތްކުރިއިރު ތުޝާރު ކިޔާ 36 އަހަރުގެ ޒުވާނަކާ ބައްދަލުވި އެވެ. އަދި އެ ދެމީހުން ރައްޓެހިވެގެން ދެ އަހަރެއްހާ ދުވަހު އުޅުނެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން ދެ މީހުން ވަނީ ރުޅިވެފަ އެވެ. ދެ މީހުންގެ މެދުގައި ޚިޔާލުތަފާތުވާ މައްސަލަތައް ގިނަވެ އަބަދު ޒުވާބުކުރަން ޖެހޭތީ އެވެ.

ތުޝާރު އާ ރުޅިވުމަށްފަހު ޕޫނޭގައި ހުންނަން ވެސް ސޫމަން ބޭނުމެއް ނުވި އެވެ. އެހެންވެ އޭނާ ބެންގަލޫރޫގެ ކުންފުންޏަކުން ވަޒީފާ ހޯދައިގެން އެ ރަށަށް ބަދަލުވީ އެވެ. ތުޝާރު އަކީ ޕޫނޭ މީހަކަށް ވާތީ އޭނާ ދިރިއުޅެމުން ދިޔައީ އެ ރަށުގަ އެވެ.

ތުޝާރު އާ ރުޅިވުމުން ލިބުނު ހިތްދަތިކަން ފިލައި ސުމަން ހަމައަކަށް އެޅިލުމުން އޮފީހުގެ އެކުވެރިންނާއެކު ޗުއްޓީއަކަށް ގޯކަރްނާ ކިޔާ ރަށަކަށް ދާން ސުމަން އާއި އޭނާއާއެކު މަސައްކަތްކުރާ އެކުވެރިންތަކެއް ނިންމި އެވެ. މިއީ ފަރުބަދަ އާއި ބިޗު އެކުލެވޭ ވަރަށް ރީތި ހިސާބެކެވެ. އެމީހުން މި ދަތުރު ރޭވީ އޮފީހު މަސައްކަތް ވެސް ކުރަމުން ޗުއްޓީ ހޭދަކުރާ ގޮތަށެވެ.

މި ރަށުގައި ހުރިއިރު ސުމަން އެއް ދުވަހު ވަރަށް ރީތި ތަނެއްގައި ހުރެ ނެގި ސެލްފީއެއް އިންސްޓަގްރާމަށް ލިއެވެ. އޭނާ ހުރި ލޮކޭޝަން ވެސް ޓެގް ކޮށްފަ އެވެ.

ސުމަންގެ ކުރީގެ ލޯބިވެރިޔާ ތުޝާރަށް މި ފޮޓޯ ފެނުމުން ވަރަށް ރުޅި އައެވެ. އޭނާ މަތިން ހަނދާން ނައްތާލައި ސުމަން މަޖާ ނަގާތީ އެވެ. ވަގުތުން ގޯކަރްނާ އަށް ދާން ތުޝާރު ވެސް ދަތުރު ފެށީ އެވެ. ސުމަން ހުރީ ގޯކަރްނާގައި ކަން ތުޝާރުއަށް އެނގުނި ސެލްފީގައި އެ ރަށް ޓެގްކޮށްފައި އިނީމަ އެވެ.

އެ ރަށުގައި ޓޫރިސްޓުން އައިސް ތިބެނީ ކޮޓެޖުތަކުގަ އެވެ. ތުޝާރު ބުކް ކުރީ ސުމަން މެން ތިބޭ ކޮޓެޖާ ޖެހިގެން ހުރި ކޮޓެޖެވެ. އަދި ސުމަން އަށް އޭނާ ފާރަލާން ފެށި އެވެ. އެއް ދުވަހެއްގެ މެންދުރު ކެއުމަށް ސުމަން ދާން ބޭނުން ނުވުމުން އޭނާގެ އެކުވެރިން އެތަނުގައި ހުންނަ ޑައިނިން ހޯލަށް ކާން ދިޔަ އެވެ. ސުމަން އިނީ ކޮޓެޖުގައި އެކަނިކަން ތުޝާރަށް އެނގުމާއެކު އައިސް އެ ކޮޓެޖުގެ ދޮރުގައި ޓަކި ޖެހި އެވެ.

ސުމަން ވެސް މާ ބޮޑަށް ވިސްނާ ނުލައި ދޮރު ހުޅުވާލުމާއެކު ތުޝާރު ގަދަކަމުން އެ ކޮޓެޖު ތެރެއަށް ވަނެވެ. އޭނާގެ އަތުގައި އެވަގުތު އޮތީ ގަލަމަކާއި އުލެކެވެ. ވަގުތުން ތުޝާރު އެ ދޭތިން ސުމަން އަށް ހަމަލަ ދޭން ފެށި އެވެ. އަދި އިންޓަކަމް ކޭބަލްގެ ވާގަނޑު ދަމައިގަނެ އޭގެން އޭނާގެ ކަރުގައި ބައްދައި މަރާލަން މަސައްކަތް ކުރި އެވެ. ނޭވާ ނުލެވިގެން ތެޅިތެޅި ސުމަން ހޭނެތުމުން ތުޝާރު ހީކުރީ އޭނާ މަރުވީ ކަމަށެވެ. އެހެންވެ ދޫކޮށްލާފައި އެތަނުން ނުކުމެގެން ގޮސް އަވަހަށް ދަބަހާ އެއްޗެތި ހިފައިގެން އެ ރަށުން ފުރައިގެން ދިޔައީ އެވެ.

ސުމަންގެ އެކުވެރިން ކައިގެން އައިއިރު ސުމަން އޮތީ ހޭނެތިގެން ވެއްޓިފައެވެ. މުޅި މޫނާއި ގައިގައި އަދި އޭނާ އޮތް ތަނުގައި އޮތީ ހުސް ލެޔެވެ. ވަގުތުން މަނިޕާލް ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި އެވެ. ފުރަތަމަ ދުވަސްތަކުގައި އޭނާ އޮތީ ވެންޓިލޭޓަރުގައެވެ. ސުމަން ހޭއެރީ މެންގަލޫރުގެ ހޮސްޕިޓަލަށް ބަދަލުކޮށް އެތައް ދުވަހަކު ފަރުވާ ދިން ފަހުންނެވެ.

އޭނާއަށް އަނިޔާކުރީ ތުޝާރުކަމަށް ސުމަން ފުލުހުންނަށް ބަޔާން ދިނުމާއެކު ތުޝާރު ހޯދަން ފުލުހުންގެ ޚާއްސަ ޓީމެއް ޕޫނާ އަށް ދިޔަ އެވެ. ޕޫނޭ އަށް އައިސް ތުޝާރު އެންމެ ކުރިން ވެސް ކުރި ކަމަކީ ބޯ ބޭލުމެވެ. އޭނާ ހޯދަން ފުލުހުން އުޅެދާނެކަމަށް ބަލާފަ އެވެ. ނަމަވެސް ފުލުހުން އޭނާ ހޯދައި މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ސުމަން އަދިވެސް މަރާ ހަނގުރާމަ ކުރަނީ އެވެ. ތުޝާރުގެ އަދަބަށް ލުއި ލިބުން ނުވަތަ އަދަބު އިތުރުވުން ގުޅިފައިވަނީ ސުމަންގެ ފުރާނަޔާ އެވެ. މަރުވެއްޖެނަމަ މަރުގެ ހުކުމެވެ. ގަދަވެއްޖެނަމަ އެއަށް ވުރެ ތަންކޮޅެއް އަދަބު ލުއިވާނެ އެވެ.