އެމެރިކާގެ ރައީސް ޖޯ ބައިޑަން ޖަރުމަންގެ ޗާންސެލާ އެންޖެ މާކެލްއާ ވައިޓް ގައުސްގައި ބައްދަލު ކުރައްވައިފި އެވެ. އެންޖެލާ މާކެލްގެ މި ދަތުރުފުޅަކީ މިއަހަރު ފަހުކޮޅު އެކަމަނާ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެމެރިކާއާ ޖަރުމަނާ ސިޔާސަތު އަޅާ ކިޔާލައި އެޖެންޑާ އެއްގޮތް ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ދެ ލީޑަރުން މަޝްވަރާ ކުރައްވަން ހުރި މައުލޫތައް ގިނަ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. އޭގެ ތެރޭގައި ކޮވިޑް ބަލިމަޑުކަމާއި މޫސުމީ ބަދަލުތައް، ބައިނަލްއަގުވާމީ ރައްކާތެރިކަން އަދި ނޯޑް ސްޓްރީމް 2 ހިމެނެ އެވެ.
ނޯޑް ސްޓްރީމް 2 އަކީ ރަޝިއާއިން ޖަރުމަނަށް ގޭސް ފޯރު ކޮށްދިނުމަށްޓަކައި ކަނޑުއަޑިން ހޮޅިއަޅައި ގާއިމު ކޮށްފައި އޮތް ނިޒާމެކެވެ. މި ނިޒާމުގައި ހިމެނޭ ދެހޮޅި އަޅާފައި އޮންނަނީ ބޯލްޓިކް ކަނޑު އަޑިން، ޑެންމާކާއި ފިންލޭންޑާއި އަދި ސްވިޑްންގެ ސަރަހައްދީ އިމުގެ ތެރެއިންނެވެ.
މިއީ ބައިޑަންގެ ޒައާމަތުގައި ޖަރުމަންގެ ޗާންސެލާ ވައިޓް ހައުސްއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި މަގާމުގައި ހުންނަވައި އެންޖެލާ މާކެލް ވައިޓް ހައުސްއަށް ވަޑައިގެންނެވޭ އެންމެ ފަހު ފަހަރަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އެމެރިކާއާ ޖަރުމަނުން ޚިޔާލު ކިތަންމެ އެއްގޮތް ކުރަން ބޭނުންވާ ކަމަށް ދުނިޔެއަށް ދެއްކި ނަމަވެސް އެއީ ނުވާނެ ކަމެއްކަން ދާދި ކަށަވަރެވެ. ދެ ބޭފުޅުން ވާހަކަ ދެއްކެވުމަށް އެމެރިކާ އެންމެ ބޮޑަށް ޝައުގުވެރިވާ ނޯޑް ސްޓްރީމް 2 އާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ޖަރުމަނުން ދައްކާނެ ކަމަކަށް ނުބެލެވެ އެވެ.
އެމެރިކާއަށް އޮތް ނުތަނަވަސް ކަމަކީ އެވަރުގެ ބިޔަ ޕްރޮޖެކްޓަކުން ރަޝިއާއަށް ލިބިދާނެ މާލީ ތަނަވަސް ކަމެވެ. އެމެރިކާގެ ވިސްނުމަކީ އެމެރިކާއަށް ވުރެ ގިނައިން އެހެން ގައުމަކުން "ލިކުއިޑް ނެޗުްރަސް ގޭސް" (އެލްއެންޖީ) ދުނިޔެއަށް ސަޕްލައި ކުރިއަ ނުދިނުމެވެ.
އެންޖެލާ މާކެލްއާ ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ ނޯޑް ސްޓްރީމް 2 ނުވަތަ ހަކަތައަކީ ހަތިޔާރެއް ގޮތުގައި ރަޝިއާއިން ބޭނުން ހިފައިގެން ނުވާނެ ކަމަށެވެ.