ދުނިޔެ

ބެލްޖިއަމްގެ ނިއުކްލިއާ ރިއެކްޓަރަކުން ލީކުވަނީ

ބެލްޖިއަމްގައި ބޭނުން ކުރެވޭ ދެ ނިއުކްލިއާ ރިއެކްޓަރުގެ ތެރެއިން އެއް ރިއެކްޓަރު ބަންދު ކުރަން ޖެހިއްޖެ ކަމަށް އެ ގައުމުން ބުނެފި އެވެ. އެއީ ހައިޑްރޮޖަން ލީކްވާ ކަމަށް ޝައްކު ރެވިގެން ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ބެލްޖިއަމްގެ ނިއުކްލިއާ އިދާރާއިން ބުނީ ކަރަންޓް އުފައްދަން ހިންގާފައި ހުރި އެޓޮމިކް ޕަވާ ޕްލާންޓެއް ހުއްޓާލަން ޖެހިފައި ވަނީ ހައިޑްރޮޖަން ލީކުވާތީ ކަމަށެވެ. އެއީ އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ ގޮތް ހަދައި ދުރާލާ ރައްކާތެރިވުމަށް ކަމަށެވެ.

ނިއުކްލިއާ ރިއެކްޓަރު ބަލަހައްޓާ އޮފިޝަލަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން އާންމު ހާލަތުގައި ރިއެކްޓަރަށް ހައިޑްރޮޖަން ބޭނުންވާ މިންވަރަށް ވުރެ ގިނައިން ހައިޑްރޮޖަން ބޭނުންކުރާ ކަމަށް ފާހަގަ ކުރެވުމާ ގުޅިގެން ރިއެކްޓަރު ހުއްޓުވާލަން ޖެހުނީ އެވެ. އޭނާ ބުނީ ބޮޑަށް ޝައްކު ކުރެވެނީ ރިއެކްޓަރުގެ ކޮންމެވެސް ތަނަކުން ލީކުވަނީ ކަމަށެވެ.

ޕަވާ ޕްލާންޓުން ލީކުވާން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. މިކަމާ ގުޅިގެން ނުރައްކަލެއް ހިނގާފާނެ ކަމަށް ބަލައި ސަލާމަތީ ގޮތުން މުޅި ސަރަހައްދު ހޭލުންތެރި ކުރުވައި ސެކިއުރިޓީން ފޯރި މަރަމުން ގެންދާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ރިއެކްޓަރުން ލީކްވުމުގެ ސަބަބުން އާންމުންނަށް ނުރައްކަލެއް ނެތެވެ. އެހެން ނަމަވެސް މިއީ ބެލްޖިއަމްއަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ޖެހިލުންވެ އެވެ. ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ނިއުކްލިއާ ރިއެކްޓަރުން ލީކުވާ ވިހަ ގޭސް ފެނާ އެކުވެދާނެ ކަމަށް ބިރު އޮތެވެ.