ޓެކްނޯލޮޖީ

2021 ގެ ސްޕޯޓްސްޓާ ދައްކާލައިފި

ހާލީ ޑޭވިޑްސަން ކުންފުނީގެ އެންމެ ފަހުގެ ސްޕޯޓްސްޓާ ދައްކާލާފި އެވެ.

"ސްޕޯޓްސްޓާ އެސް" ގެ ނަމުން ނަން ދީފައިވާ މި ސައިކަލަކީ ހާލީއިން 1950 ވަނަ އަހަރު ނެރެން ފެށި ސްޕޯޓްސްޓާ މޮޑެލްގެ އެންމެ ފަހުގެ ސައިކަލެވެ. އަދި މި ސައިކަލު މި އަހަރުގެ ފަހުކޮޅު ގަންނަން ލިބޭނެ އެވެ.

"ސްޕޯޓްސްޓާ" މޮޑެލަކީ ހާލީގެ އެހެން ސައިކަލު ތަކާއި ހިލާފަށް "ސްޕޯޓްސް" ޑިޒައިނެއް އިންނަ ސައިކަލެކެވެ. އަދި އެ މޮޑެލް ނެރުމަށް ފަހު ސްޕޯޓްސްޓާ ވަނީ ހާލީއިން ލިބޭ އެންމެ އަގުހެޔޮ މޮޑެލްގެ ގޮތުގައި މީހުންގެ މެދުގައި މަގުބޫލު ކަމެއް ހޯދާފަ އެވެ. އެހެން ކަމުން މި އަހަރުގެ "ސްޕޯޓްސްޓާ އެސް" އެހެން ހާލީގެ ސައިކަލު ތަކާ ބަލާ އިރު އަގު ހެޔޮ ވެފައި ފެކްޓަރީ އަގުގެ ގޮތުގައި 15،000 އެމެރިކާ ޑޮލަރަށް ލިބޭނެ އެވެ.

މި އަހަރު ހާލީއިން ދަނީ އެ ކުންފުނީގެ އާ އިންޖީނު ކަމަށްވާ "ރެވެލިއުޝަން މެކްސް 1250" އިންޖީނު ބޭނުން ކޮށްގެން ސައިކަލުތައް ނެރެމުންނެވެ. އެގޮތުން ފުރަތަމަ މި އިންޖީން ފެނިފައި ވަނީ އެ ކުންފުނީގެ ފުރަތަމަ "އެޑްވެންޗާ" ސައިކަލު ކަމަށްވާ "ޕޭން އެމެރިކާ" އިންނެވެ. އަދި ސްޕޯޓްސްޓާ އެސް އަށް މި އިންޖީނުގެ ޓިއުން ކުރުމަށް ބަދަު ތަކެއް ގެނެސް ބޭނުން ކޮށްފައި ވެއެވެ.

ސްޕޯޓްސްޓާ އެސް ގައި މި އިންޖީނުން 121 ހޯސްޕަވާ އުފައްދާ އިރު 94 ފުޓް ޕައުންޑްގެ ޓޯކް އުފައްދަ އެވެ. އަދި މި ސައިކަލުގެ "ރެޑްލައިން" އަކީ 9400 އާރުޕީއެމް އެވެ.