ޓެކްނޯލޮޖީ

ދެ މިލިއަން އެކައުންޓް ވަޓްސްއެޕުން ބްލޮކް ކޮށްފި

ފޭސްބުކްގެ މެސެޖިންގް އެޕްލިކޭޝަން، ވަޓްސްއެޕްއިން ދެ މިލިއަން އެކައުންޓް ބްލޮކް ކޮށްފި ކަމަށް ބުނެފި އެވެ.

ވަޓްސްއެޕްއިން ބުނި ގޮތުގައި އެ ކުންފުނިން ބްލޮކް ކުރި މި އެކައުންޓް ތަކަކީ އެހެން މީހުންގެ ރައްކާތެރި ކަމަށް އެޅި ފިޔަވަޅެކެވެ. ބްލޮކް ކުރި މި އެކައުންޓް ތަކަކީ އޮޓޮމޭޓެޑް ބަލްކް މެސްޖް ފޮނުވާ އެކައުންޓްތަކާއި، ނުރައްކާތެރި ލިންކްތައް ޝެއާ ކުރާ އެކައުންޓްތަކާއި، ސްކޭމްގެ ގޮތުގައި ރިޕޯޓް ކޮށްފައިވާ އެކައުންޓް ތަކެވެ.

ވަޓްސްއެޕްއިންް އެ އެޕްލިކޭޝަން ބޭނުން ކުރުމުގައި ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކަންތަކެއް ކުރަމުން އަންނަ މި ދަނޑިވަޅުގައި އެ ކުންފުނިން ވަނީ ޕްރައިވެސީ ޕޮލިސީ ވެސް އަޕްޑޭޓް ކޮށްފަ އެވެ. އަދި އެ ކުންފުނީގެ އޮޓޮމެޓިކް ޑިޓެކްޝަނަށް ބަދަލުތަކެއް ވެސް ގެނެސްފަައި ވެއެވެ.

އެ ކުންފިނިން ބުނާ ގޮތުގައި ބްލޮކް ކުރި އެކައުންޓް ތަކުގެ 95 ޕަސެންޓް އެކައުންޓް ތަކަކީ އޮޓޯމޭޓެޑް ބަލްކް މެސެޖް ނުވަތަ ސްޕޭމް މެސެޖް ފޮނުވާ އެކައުންޓް ތަަކެވެ. އަދި ބްލޮކް ކުރި ދެ މިލިއަން އެކައުންޓްގެ ތެރެއިން 25 ޕަސެންޓަކީ އިންޑިއާގެ ނަންބަރުތަކަށް ރެޖިސްޓާ ކޮށްފައިވާ އެކައުންޓް ތަކެވެ.

މި ދެ މިލިއަން އެކައުންޓްތައް ބްލޮކް ކުރީ 1 މަސް ދުވަހުގެ މުއްދަތަށެވެ.