ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އީދު ފާހަގަ ކުރުން

ކޮވިޑު ބަންދުން ވީއްލި އީދު ބަންދަށް!

ބޮޑު އީދަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. ކުޑަ އީދަށްވުރެ އެތައް ގުނައެއް ފޯރިގަދަ އެވެ. އީދު ބަންދާ ދިމާކޮށް ތޮއްޖެހިފައިވާ މާލެ "ހުސްވެ" އެވެ. އީދު ޗުއްޓީއަށް ގިނަ ބަޔަކު ފުރަފުރައިގެން އަތޮޅުތަކުގެ ތެރެއަށް ދެއެވެ. އެ ފޯރި ގެއްލުނީ މިދިޔަ އަހަރު ރާއްޖެއަށް ބިންދައިލި ކޮވިޑް-19 އިގެ ރާޅުންނެވެ. ރާއްޖެއަށް ކޮވިޑް އައިފަހުން ބޮޑު އީދެއް އަދި ދެ ކުޑަ އީދު އައިސް ހިނގައްޖެ އެވެ. ހުރިހާ އެންމެން ތިބީ ގޭބަންދުވެ މާޔޫސްކަމާއި ހާސްކަން މަތީ އެވެ. ކުރީގައިނަމަ މާލޭ މީހުންނަށް ހިތްހަމަޖައްސައިލާން ލިބޭނީ އީދު ބަންދެކެވެ.

ދިގުލައިގެން ދިޔަ ކޮވިޑުގެ ބޮޑު ބަންދެއްގެ އެކި ރާޅުތައް އެކި ލެވެލްގައި ފެނިއްޖެ އެވެ. އީދުތައް ދިޔައިރު އަތޮޅުތަކުތެރޭގެ ކޮވިޑު ހާލަތު ވެސް ގޯހެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އިތުރުން އަތޮޅުތަކުގެ ތެރެވެސް އޮތީ ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. އެއްރަށުން އަނެއް ރަށަށް ނުދެވި ރަށު ބަންދުގައި ވެސް އެތައް ދުވަހަކު ތިބޭން ޖެހުނެވެ. އެ ހާލަތުގައި އަދިވެސް އެއްބަޔަކު އެބަތިއްބެވެ.

ކުރިއަށް އޮތީ ބޮޑު ބަންދެކެވެ. ބޮޑު އީދުގެ އިތުރުން ރާއްޖޭގެ މިނިވަން ދުވަސް ވެސް މިފަހަރު ދިމާވަނީ އެއްކޮށެވެ. ސަރުކާރު ބަންދުވެފައި މިވަނީ ސުކޫލު ކުދިންގެ ވެސް ބޮޑު ޗުއްޓީއާ ދިމާކޮށެވެ. އެގާރަ ދުވަސް އަދި ހަފުތާ ބަންދު ލައިގެން ގާތްގަނޑަކަށް 16 ދުވަސް ޗުއްޓީގެ ގޮތުގައި ލިބެ އެވެ. ވޭތުވެދިޔަ އަހަރުގެ ދެ އީދާއި މި އަހަރުގެ ކުޑައީދާއި މި ބަންދު ވަރަށް ތަފާތެވެ. އީދެއް އައިސްފައި ދިޔަހެނެއް ހީވެސް ނުވެ އެވެ.

މިފަހަރު ވަރަށް ތަފާތެވެ. ޝަރުތުތަކަކާއެކު އަތޮޅުތަކަށް ދާން ލިބުނު ހުއްދައަކީ އެތައް ބަޔަކަށް ލިބުނު ބޮޑު އުފަލެކެވެ. ބޮޑު ހިތްހަމަޖެހުމެކެވެ. ބޮޑެތި ލުއިތަކެއް ލިބި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ކަރަންޓީނު ވާކަށް ވެސް ނުޖެހެ އެވެ. ކޮވިޑް ޖެހި ބަލިން ރަނގަޅުވާތާ 60 ދުވަހު ކަރަންޓީނާ ނުލާ ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ އިއުލާނު ކޮށްފަ އެވެ. ކޮވިޑްގެ ބޮޑު ބަންދަކަށް ފަހު ކޮންމެއަކަސް ހިތް އުފާ ކޮށްލާނެ ޗުއްޓީއެއް އައިސް ބައްދަލުކުރީ އެވެ.

"މިދަނީ އަހަރެއް ފަހުން ރަށަށް ގޮސްލާން. ކޮވިޑް އައިފަހުން މިކަހަލަ ޗުއްޓީއެއް އަދި ނުލިބޭ. އާއިލާ ކައިރިޔަށް ދެވޭތީ ވަރަށް އުފާވެފަ މިހުރީ. އެންމެ ހިތްހަމަޖެހެނީ މާލެއިން ބޭރަށް ހަމަހިމޭން މާހައުލަކަށް ދެވޭތީ. ރަށުން ހިތްހަމަޖެހުން ލިބޭނެ. ސާފު ވައި ލިބޭނެ. ގައުމު މިއޮތް ހާލަތުން އަޅުގަނޑުމެންނަށް ބްރޭކެއް ބޭނުންވޭ ހިތްހަމަޖައްސާލަން،" ކުރިއަށް އޮތް ޗުއްޓީއަށް މާލެ އިން ބޭރަށް ފުރަން ދިޔަ މީހުން ބުންޏެވެ.

މިހާރުވެސް މީހުން ދަނީ މޮނީޓަރިންގައި ނެތް ރަށްރަށް ދަތުރު ކުރަމުންނެވެ. އެމީހުންނަށް އީދު އުފަލުގެ އިތުރުން ކޮވިޑްގެ މި ބަލިމަޑުކަމުގައި ލިބުނު ހާސް ކަމުން މިންޖުވާނެ ނުވަތަ ހިތްހަމަޖައްސާލާނެ ފުރުސަތެއް މިއޮތީ ލިބިފަ އެވެ. ކޮވިޑްގައި މީގެ ކުރިން މީހުން ހާސް ނުވާ ވަރަށް ވޭތުވެދިޔަ ދެ ތިން މަހެއްހާ ދުވަސްތެރޭ ދިވެހިން އުޅުނެވެ. އަތޮޅުތަކުގެ ތެރޭގެ ހާލަތު ވެސް ގޯހުންގޯހަށް ގޮސް ބޮޑެތި އާބާދީތަކުގެ ރަށްތައް ވެސް ގިނަ ދުވަސްތަކެއް ވަންދެން ބަންދުވި އެވެ.

މިހާތަނަށް މީހުން ތިބީ އަދި ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުން ތިބީ ހަމަނޭވައެއް ލާން ބޭނުންވެފަ އެވެ. މި ޗުއްޓީއަކީ އެމީހުންނަށް ކޮންމެހެން ވެސް ބޭނުންވާނެ ޗުއްޓީ އެކެވެ.

ލުއިތަކެއް ލިބި އީދު ބަންދަށް ރަށްރަށަށް ދާން ހުއްދަ ދިން ނަމަވެސް އާންމު ހާލަތުގައި އޮތްއިރު ނެގި ފޯރިއެއް ނުނެގޭނެ އެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ވެސް ނުކުރާނެ އެވެ. ފޯރިގަދަ ކުޅިވަރުތަކާއި އީދު ހަރަކާތްތައް ހިންގުން މަނާ ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ. އީދު ކުޅިވަރުތަކަކީ ވަރަށް ގައިގޯޅިވެ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެގެން ވަރަށް ފޯރިޔާއެކު ހިންގާ ހަރަކާތްތަކެކެވެ. މިފަހަރު އެ ފޯރިއެއް ނޯންނާނެކަން ޔަގީނެވެ. ނަމަވެސް ކޮވިޑު ނެތް ބައެއް ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

"މައްސަލައެއް ނޫން ފޯރިގަދަކޮށް އީދު ފާހަގަ ނުކުރެވުން. މިތަނުން [މާލެއިން] ބޭރަށް ދާން ހުއްދަ ލިބުމަކީ ހަމަ އީދު ހާ އުފާވެރި ކަމެއް. ބޮޑު ހާސްކަމެއްގެ ތެރޭގައި މިއުޅުނީ. ބަލިމަޑުކަމެއްގެ ތެރޭގަ އެންމެން ހަތަރުފާރުތެރޭގަ މިހުރިހާ ދުވަހަކު މިއުޅުނީ. ބޭރަށް ނިކުމެލާ، ރަށަށް ގޮސްލާ އާއިލާ އާއިއެކު ވަގުތު ހޭދަކޮށްލަން ދުވަސްކޮޅެއް ލިބުމުން ވަރަށް އުފާވެފަ މިހުރީ،" ޒުވާން އަންހެނަކު ބުންޏެވެ.

ވިއްސަކަށް ރަށް އަދިވެސް އޮތީ އެޗްޕީއޭގެ ބަންދުގަ އެވެ. ދެ ޑޯޒް ހަމަނުކުރެވޭ މީހުންވެސް އެބަތިއްބެވެ. ނަމަވެސް ގިނަ ބަޔަކު މިހާރު ވަނީ ދެ ޑޯޒް ވެކްސިން ޖަހައިފަ އެވެ. މި ލިބުނު ބޮޑު ޗުއްޓީއަކީ ނުތަނަވަސްކަމުން ނުކުންނަން ލިބުނު ޗުއްޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.