ނިމިގެން މިދަނީ 2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ އެވެ. އޭގެ ކުރީން ނިމިގެން އެ ދިޔައީ ސަރުކާރު ބަންދު 15 ދުވަހެވެ. ހައްޖު ދުވަހާއި އީދުގެ މުނާސަބަތާއި ބަންދާއި މިނިވަން ދުވަހުގެ ބަންދު ލިބުނީ ދަރިވަރުންގެ ޗުއްޓީ ފެށިފައި ވަނިކޮށެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދިނެވެ. އެ ލުއިތައް ދިނީ ކޮވިޑްގެ ހާލަތު ބޮޑުތަނުން ރަނގަޅުވެ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ރާއްޖޭގެ އާބާދީގެ 50 ޕަސެންޓް ޖަހާފައިވާތީ އެވެ. ލިބުނު ބޮޑު ލުޔާއެކު ދަތުރުނުކުރެވި ރަށު ބަންދުގައި ތިބެން ޖެހުނު އެތައް ހާސް ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރި އެވެ. ސަރުކާރު ބަންދު 15 ދުވަސް ލިބުމުން އެތައް ހާސް ސަރުކާރުގެ މުވައްޒަފުންނަށް ވެސް ދަތުރުކޮށްލަން ލިބުނީ ރަނުގެ ފުރުސަތެކެވެ.
ދަތުރުކުރުމުގައި ލިބުނު އެންމެ ބޮޑު ލުޔަކީ ކޮވިޑް ޖެހި 60 ދުވަސް ނުވާ މީހުންނަށް ކަރަންޓީނެއް ނެތި ދަތުރުކުރުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނަށް ކަރަންޓީނެއް ނެތި ދަތުރުކުރުމުގެ ލުޔެވެ. އެހެން ކަމުން އެތައް ބަޔަކު އެ މީހުންގެ އުފަން ރަށާއި އެކި ގޮތްގޮތުން ގުޅުން އޮތް ރަށްތަކަށް ދަތުރުކޮށް މި ޗުއްޓީގައި ހާއްސަކޮށް އީދު ބަންދުގައި ލައްކަ ފޯރި ނެގިއެވެ. ބައެއް ރަށްރަށުން ފެނުނު މަންޒަރުން ކޮވިޑްގެ ގަދަ ފަދަ ބަންދުން މުޅީން ވީއްލިފައި އޮތްހެން ހީވި އެވެ.
މުޅި ރާއްޖޭގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް ނަމަވެސް ކޮވިޑްގެ ކޭހެއް ނެތުމުން މާސްކަށް އޮތީ މާބޮޑު ސަމާލު ކަމެއް ނުދެވި އެވެ. ޖަމާއަތް ހަދައިގެން އީދަށް ކެއްކުމާއި ކެއުމާއި އީދު ކުޅިވަރުގައި މުޅި ރާއްޖެެހެން ޝާމިލުވި އެވެ. އުފާވެރި އަދި ފޯރިގަދަ ދުވަސްތަކަށް ނިމުން އައިސް މިހާރު މި އޮތީ އަލުން މަސައްކަތަށް ނިކުނަން ޖެހިފަ އެވެ. އިއްޔެ ސަރުކާރު އެ ހުޅުވުނީ 15 ދުވަހުގެ ދިގު ބަންދަކަށް ފަހު އެވެ.
އަދި އަންނަ އަންގާރަ ދުވަހު ސުކޫލުތައް ހުޅުވޭނީ ދޮޅު މަހަށް ވުރެ ދިގު އަހަރީ ޗުއްޓީއަކަށް ފަހު އެވެ. އެހެންކަމުން ޗުއްޓީ ދަތުރު ނިންމާ އެނބުރި މާލެ އައުމުގެ ދަތުރުގަައި އެތައް ބަޔަކު އެބަތިއްބެވެ. އެތައް ބަޔަކު ދަތުރަށް ފަހު މާލެ އައިސްފި އެވެ. ނަމަވެސް އަނެއްކާވެސް މިއޮތީ ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު އުފެދިފަ އެވެ.
އީދު ބަންދަށް ފަހު ކޮވިޑް ކޭސްތައް ފެންނަ ނިސްބަތް ފާހަގަކުރެވޭ މިންވަރަށް އަދި އިތުރުވެފައި ނުވި ނަމަވެސް ކޮވިޑް ނަންބަރު އިތުުރުވެދާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. ކޭސްތައް ފެނި އެޗްޕީއޭގެ "ކޮވިޑް ބަންދަށް" ގެންދަން ޖެހޭ ރަށްރަށް ދަނީ އިތުރުވަމުންނެވެ. އެގޮތަށް ބަންދުކުރާ ބައެއް ރަށްރަށަކީ އީދުގެ ފޯރި ވަރަށް ގަދައަށް އޮތް ރަށްރަށެވެ. މުޅި ރައްޔިތުން ނިކުމެ ކުޅިވަރުތަކާއި ކެއުމުގެ ހަރަކާތްތައް ބޭއްވި ރަށްރަށެވެ. އެހެންކަމުން އަލުން ކޮވިޑްގެ ބިރުގެ ތެރެއަށް އެ ރަށްރަށް ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
އެޗްޕީއޭގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ފަހުން ފެނުނު ވަރަށް ގިނަ ކޭސްތަކަކީ މިދިޔަ ދުވަސްތަކުގެ އާދަކާދައާ ގުޅުންހުރި ކޭސްތަކެކެވެ. ގައިދުރުކަމަށް ސަމާލުނުވުމާއި މާސްކު ނޭޅުމުގެ ނަތީޖާ އެވެ. އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް ކުޅިވަރު ހަރަކާތްތައް ބޭއްވުމުގެ ނަތީޖާ އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައް ނުފެނުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ނަންބަރު އިތުރުވުމުގެ ބިރު އެބައޮތެވެ. އަދި ބައެއް ރަށްރަށުގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިން ނަމަވެސް ވެކްސިން ޖެހޭ އުމުރުގެ 25 ޕަސެންޓް އަދިވެސް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖަހަ އެވެ. 18 އަހަރުން ދަށުގެ ބޮޑު އުމުރުފުރާއެއް އޮތްއިރު އެއީ ވެކްސިން ނުޖެހޭ އުމުރުގެ ކުދީންނެވެ.
ޗުއްޓީއަށް އާއިލާތަކުން ކުރި ދަތުރުތަކުގައި ވެކްސިން ނުޖެހޭ އުމުރުގެ ކުދީން ވެސް ބައިވެރިވި އެވެ. އަދި މިފެށޭ ދިރާސީ އައު އަހަރާ އެކު ސުކޫލުތަކުގެ ކިޔެވުން ފެށުމުންވެސް ކޮވިޑް ޖެހޭ ކުދިންގެ އަދަދު އިތުރުވެދާނެ ކަމަށް ކުރީންވެސް އޮތީ ބެެލެވިފަ އެވެ. މިހާރުވެސް އޭގެ ބައެއް ނިޝާންތައް އެ ދަނީ ފެންނަމުންނެވެ. ކޮވިޑް ޖެހޭ ކުދިންގެ އަދަދު އިތުރުވަމުންދާއިރު 10 އަހަރުން ދަށުގެ ކުދީންގެ ތެރެއިން 9،000 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ބަލިޖެހިފަ އެވެ. އަދި އުމުރުން 20 އަހަރާއި 10 އަހަރާއި ދެމެދުގެ 9،500 ވުރެ ގިނަ ކުދިންނާއި މީހުންނަށް ބަލި ޖެހިފައިވާއިރު މިއީވެސް ވަރަށް ބޮޑު އަދަދެކެވެ.
އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ބަަލި ޖެހޭ ކުދީންގެ އަދަދު އިތުރުވެއްޖެނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމަކަށްވާނެ އެވެ. އަދި ކުޑަކުދިންނަކީ ވެކްސިން ނުޖަހާ ތިބި ކުދީން ކަމަށްވާތީ ބަލިޖެހުމުގެ ފުރުސަތު އޮތީ ހުރިހާ ގޮތަކުންވެސް ފަހިކޮށެވެ. އެކަން އެހެން ވެއްޖެނަމަ ކޮވިޑްގެ ވަރަށް ނުރައްކާތެރި ދުވަސްތަކެއް އަދިވެސް ދިވެހިން ތަޖުރިބާކުރަން ޖެހިދާނެ އެވެ.
ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށްވެސް ކޮވިޑް ޖެހެ އެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ފަހުންވެސް ކޮވިޑް ޖެހިފައިވެ އެވެ. ބައެއް މީހުން ވެކްސިން ފުރިހަމަކުރާ ފަހުން ކޮވިޑް ޖެހި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވެެސް ވެއެވެ. އެހެންވީމަ ވަރަށް ބޮޑަށް ސަމާލުނުވެއްޖެނަމަ ކޮވިޑްގެ ހާލަތު އަލުން ގޯސްވުމުގެ ފުުރުސަތު އޮންނާނީ ވަރަށް ކައިރީގަ އެވެ.
ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑްގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށް ފިޔަވަޅުތަކުގައި ވަރަށް ގަދައަށް ހިފަހައްޓަން ޖެހެއެވެ. އަދި ބައެއް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންވެސް ޖެހެ އެވެ. ހާއްސަކޮށް މާސްކު އެޅުމާއި ގައިދުރުކަން އިސްކުރުން ވަރަށް މުހިންމެވެ. އަދި ވީހާވެސް އަވަހަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރަން އިސްކަން ދޭން ޖެހެ އެވެ. އެއީ ބަލީން ރަނގަޅު މުޖުތަމައަކަށް ކޮންމެހެން ބޭނުން ކަންކަމެވެ.
ދެން އޮތީ މިހާރު ހުރި ބައެއް ފިޔަވަޅުތަކަށް ބައެއް ބަދަލުތައް ގެނައުމެވެ. ކޮވިޑް ކޭސް ފެނިގެން އަރާ ފޭބުން މަނާ ރަށްރަށުންވެސް މާލެއަށް މީހުންނަށް އާދެވެ އެވެ. އެއީ މާލެ ސިޓީ އަކީ ކޮވިޑްގެ ޓްރާސްމިޝަން އޮތް ތަނަކަށްވާތީ އެވެ. ނަމަވެސް ހަރުކަށި އެތައް ފިޔަވަޅަކާ އެކު މާލެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ.
ކޮވިޑްގެ ހާލަތު މިހާރު އެންމެ ގޯހީ މާލެ ސިޓީގަައޭ ނުބުނެވޭނެ އެވެ. ކޮންމެ ދުވަހަކު އެތައް ހާސް ސާމްޕަލެއް ނަގާ ޓެސްޓް ކުރަމުންދާއިރު މާލޭގައި ޕޮޒިޓިވް ނަންބަރު ހުންނަނީ ސާޅީހުން ދަށުގަ އެވެ. އެ ގޮތުގައި ހޭދަވާތާ މަހެއްހާ ދުވަސްވެއްޖެ އެވެ. މިދިޔަ ދުވަސްތަކުގައި ވިހިން ދަށަށްވެސް ޕޮޒިޓިވް ނަންބަރު ގޮސްފައިވެ އެވެ. އެހެންވީމަ މާލެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ.
ނަމަވެސް އަތޮޅު ތެރެއިން މާލެ އަންނަ މީހުން އިތުރުވުމަކީ މާލެ ސަރަހައްދުގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެކެވެ. މިހާރުވެސް ރަށްރަށުން މާލެ އައި އެތައް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންގައި އެބަ ތިއްބެވެ. އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނަށްވި މާލޭގައި ތިބި ބައެއް މީހުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެހެންވީމަ މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. ކޮވިޑްގެ ނަންބަރު މައްޗަށް ގޮސް ހާލަތު ގޯސްވުމުގެ ކުރީން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.
މިހާރުވެސް ބައެއް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެންމެ މުހިއްމު އެއް ފިޔަވަޅަކީ އަންނަ މަހުން ފެށިގެން ސުކޫލުތަކަށް ވަަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް ހަމަޖެއްސުމެވެ. ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން ދަަނީ ދިރާސީ އައު އަހަރު ފެށޭއިރު ހުރިހާ ޓީޗަރުންނާއި ސުކޫލު މުވައްޒިފުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށެވެ. ނަމަވެސް އެ އަމާޒަށް މުޅީން ވާސިލު ނުވެވިދާނެ އެވެ.
އެހެން ކަމުން ސެޕްޓެމްބަރުގެ ނިޔަލަަށް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ސުކޫލުތަކަށް ނުވަދެވޭ ގޮތް ހެދުމަށް ނިންމީ އެވެ. ނަމަވެސް އެއީ މިކަމަށް އޮތް އެންމެ މުޖައްރިބު ފަންޑިތައެއް ނޫނެވެ. ސުކޫލުތަކަށް ނުވަދެވުނު ނަމަވެސް ސުކޫލަށް އަންނަ ދަރިވަަރު އޭގެ ކުރީން ހޭދަކުރާ މާހައުލުން ސުކޫލުގެ ތެރެއަށް ކޮވިޑް ވައިރަސް އައުމުގެ ފުރުސަތު އެބައޮތެވެ. އެހެންވީމަ މި ބަލިމަޑުކަމުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ވެކްސިން ފުރިހަމަ ކުރުމެވެ.
އެކަން ކުރެވެން ދިވެހިންނަށް އެބައޮތެވެ. މި ގައުމުގައި މިވަގުތު ތިބި އެންމެންނަށް ދެވޭނެ ވަރަށް ދިވެހި ސަރުކާރުން ވެކްސިން ހޯދައިފި އެވެ. އެތައްހާސް ޑޯޒެއްގެ ވެކްސިން ރާއްޖޭގައި އެބަހުއްޓެވެ. ފަސޭހަ ކަމާއެކު ހަދައިލެވޭ އެޕޮއިންޓްމަންޓަކުން ވެކްސިން ޖެހެން އެބައޮތެވެ. އެކަމަށް ފަސޭހައަކަށް މާލެ ސަރަހައްދުގައި ގިނަ ސެންޓަރުތަކެއް ވަނީ ހަދާފަ އެވެ. އެހެންވީމަ ވެކްސިން ޖެހުން އަވަސް ކުރުން ވަރަށް މުހިންމެވެ. އޭގެ އިތުުރުން މާސްކު އެޅުމާއި ގައިދުރުކަން އިސްކުރުމާއި ބަލީން ސަލާމަތްވުމަށް ސާފުތާހިރު ކަމަށް އިސްކަން ދިނުމާއެކު ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކުގައި ގަދައަށް ހިފެހެއްޓުން މުހިންމެވެ.
އެހެން ނޫންނަމަ ބޮޑު ޗުއްޓީއަށް އަނެއްކާވެސް ކޮވިޑްގެ ނުރައްކާތެރި ރާޅެއްގެ ތެރެއަށް ދިވެހިން ހިނގައިދާނެ އެވެ. މެއި މަހު ދިވެހިން ތަޖުރިބާކުރި ހިތާމަވެރި ބިރުވެރި ދުވަސްތައް ހަނދާނުން ފިލައިގެން ނުދާނެ އެވެ. ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް ބަލި ޖެހި އެތައް ބަޔަކު މަރުވެ ދިޔައީ ލޯ ކުރިމަތީގަ އެވެ. ލޯބިވާ އެތައް ބަޔަކު ވަކިވެ ދިޔަ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެ އެވެ.