ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޓޯކިޔޯ އޮލިމްޕިކްސް: ކޮވިޑް ފެތުރިގެންފި

ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވާ ޖަޕާނަށް ގޮސް ތިބި ބްރެޒިލް ޖޫޑޯ ޓީމްގެ ތެރޭގައި ކޮވިޑް ފެތުރިގެންފި އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ޓީމާއެކު ޖަޕާނަށް ގޮސް ތިބި އޮފިޝަލުންގެ ތެރެއިންނެވެ.

ހެލްތު އެންޑް ސްޕޯޓްސް އޮފިޝަލުން ވިދާޅުވާ ގޮތުން ބްރެޒިލް ޓީމާއެކު ޖަޕާނަށް ދިއަ 30 މީހުން ކޮވިޑަށް ޓެސްޓްކުރި އެވެ. އެ ހުރިހާ މީހުން ވަކި ހޮޓަލެއްގައި ތިބޭއިރު އެތުލީޓުން ތިބެނީ ވެސް ވަކިންނެވެ. އެހެންކަމުން އެތުލީޓުންގެ ތެރެއިން އެކަކަށް ވެސް ކޮވިޑް ޖެހިފައި ނުވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ޓޯކިޔޯގައި އޮލިމްޕިކް ގޭމްސް ބާއްވަން ހަމަޖައްސައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ސްޓޭޑިއަމްތަކަށް އަދި ކުޅިވަރު ކޯޓުތަކަށް ޓީމްތައް ވެއްދުމުގައި އަދަދު ކަނޑައެޅުމާއި ބައެއް އިވެންޓްތަކަށް އެއްގޮތަކަށް ވެސް ކުޅިބަލަން މީހުން ނުވެއްދުން ހިމެނެ އެވެ. އޮފިޝަލުންނާއި ނޫސްވެރިންނަށް ވެސް ވަދެވެނީ ސިއްހީ އުސޫލުތަކުން ވަރަށް ބޮޑަށް ފުރޭނިގެނެވެ.

ބްރެޒިލް ޓީމް ތިބި ސިޓީގެ ސްޕޯޓްސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ޓީމްތައް ޖަޕާނަށް އަރުވަނީ ވެސް ކޮވިޑް ނެތްކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ. އޭނާ ވިދާޅުވީ އޮފިޝަލުންގެ މެދުގައި ވަކި ބަބްލްއެއް އުފެދުމުން ކޮންޓްރޯލް ކުރަން އުނދަގޫ ނުވާނެ ކަމަށާއި އެތުލީޓުންނަށް ވެސް އެކަން އަންގާފައިވާ ކަމަށެވެ.

ޖަޕާނުގައި އޮލިމްޕިކް ގޭމްސް ބޭއްވުން ލަސް ވެގެން ގޮސްފައި ވަނީ ވެސް ކޮވިޑާ ހެދި އެވެ. މިއަހަރު ޓޯކިޔޯގައި އިވެންޓްތައް ޖުލައި 23 ގައި ފަށާއިރު ވެސް ކޮވިޑަށް މާބޮޑު ލުޔެއް ލިބިފައި ނުވެ އެވެ. ޓޯކިޔޯ މިހާރު ވެސް އޮތީ މެޑިކަލް އިމާޖެންސީގަ އެވެ. އޮލިމްޕިކްސް ގޭމްސް ނިމެންދެން ވެސް އިމާޖެންސީ ހާލަތު ދަމަހައްޓަން ޖަޕާނުން އޮތީ ނިންމާފަ އެވެ. ޓޯކިޔޯއިން ބުދަ ދުވަހު އެކަނި ވެސް 1،149 މީހުންނަށް މުޅިން އަލަށް ކޮވިޑް ޖެހިފައި ވެއެވެ.