ދުނިޔެ

ޔޫކޭ ކެރިއާ ސްޓްރައިކް ގްރޫޕް އިންޑިއާ ކަނޑުގައި

ޔޫކޭ ސްޓްރައިކް ގްރޫޕް އިންޑިއާ ކަނޑަށް ވަދެ އިންޑިއާއަށް މިސްރާބު ޖަހައިފި އެވެ. މިއީ އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ކުރިން ތާވަލް ކޮށްފައި އޮތް މެރިޓައިމް ފަރިތަ ކުރުންތަކެއްގައި ބައިވެރިވާން އަންނަ ހަނގުރާމަމަތީ އުޅަނދުތަކެއް ކަމަށް އިނގިރޭސި ދިފާއީ ވުޒާރާއިން ބުނެ އެވެ.

އިނގިރޭސި ޑިފެންސް ސެކްރެޓަރީ ބެން ވޮލަސް ވިދާޅުވި ގޮތުން ޔޫކޭ ކެރިއާ ސްޓްރައިކް ގުރޫޕާ މެދު އެ ގައުމުން އުފާ ކުރެ އެވެ. އިނގިރޭސި ދިފާއީ ބާރުތަކުގައި ޒަމާނީ ޓެކްނޮލޮޖީއާ ހުނަރުވެރިކަން ގާއިމު ކުރެވޭތީ ފަހުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކޭ ކެރިއާ ސްޓްރައިކް ގްރޫޕް އިންޑިއާ ކަނޑަށް ވަދެފައި ވަނީ މެޑިޓަރޭނިއަންގައި ހަރަކާތްތަކެއް ހިންގުމަށް ފަހު އެވެ. މި ދަތުރުގައި އުޅަނދުތައް 40 ގައުމަކަށް ޒިޔާރަތް ކުރާނެ ކަމަށް ވެއެވެ. އޭގެ ތެރޭގައި އިންޑިއާ ހިމެނޭ ގޮތުން ޖަޕާނާއި ސައުތު ކޮރެއާ އަދި ސިންގަޕޫރު ހިމެނެ އެވެ.

ބެން ވޮލަސް ވިދާޅުވީ މިފަދަ ފަރިތަކުރުން ތަކަކީ ދުނިޔޭގެ ސުލްހަައަށް އިނގިރޭސިން ދޭ އަހަންމިޔަތުކަން ކަމަށެވެ. އެކުވެރި ގައުމުތައް އަދި ޝައުގުވެރިވާ ގައުމުތަކާ އެކު ފަރިތަކުރުންތައް ބޭއްވުމަށް އިނގިރޭސިން ޝައުގުވެރިވަނީ 21 ވަނަ ގައުރުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވި ގޮތުން ވަކިވަކި ސަރަހައްދުތަކުގައި ކަނޑުގެ ފަރިތަކުރުންތައް ބޭއްވުން ވަރަށް މުހިންމު ކަމަށާއި އިންޑިއާ ދަތުރަށް ފަހު އެމެރިކާއާ ގުޅިގެން ދެކުނު ޗައިނާ ކަނޑަށް ވަންނާނެ ކަމަށެވެ.

ރާބް ވިދާޅުވީ މިއީ އިންޑިއާއާއެކު މުޅިން އާ ފެށުމެއް ކަމަށާއި ދިފާއީ އެއްބާރުލުން މިގޮތުގައި އިންޑިއާއާއެކު ދެމި އޮންނާނެ ކަމަށެވެ.

މިއަހަރު މާޗުގައި އިންޑިއާއާ އެމެރިކާ ގުޅިގެން ވައިގެ ސިފައިންގެ ފަރިތަކުރުންތަކެއް ވެސް ވަނީ ބާއްވާފަ އެވެ.