ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދަރިފުޅަށް ވެކްސިން ނުދެވުނީތީ ހިތާމަކުރަން!

އެމެރިކާގެ އާކަންސޯގައި ދިރިއުޅޭ އެންޖެލާ މޮރިސް ވަނީ ހިތާމައިން ގޮސް ހިތް ހަލާކުވެފަ އެވެ. އޭނާގެ 13 އަހަރުގެ އަންހެންދަރިފުޅަށް ކޮވިޑް ޖެހި ހާލުބޮޑުވެ ވެންޓިލޭޓަރުގައި އޮތީމަ އެވެ.

އެންޖެލާ އެންމެ ދެރަވާ އެއް ކަމަކީ ދަރިފުޅުގެ ގަޔަށް ކޮވިޑް ވެކްސިން ޖަހާނެ ފުރުސަތު ލިބި އެ ފުރުސަތުގެ ބޭނުން ނުހިފާ ހުއްޓާ ދަރިފުޅުގެ ހާލު އެހާ ބޮޑުވީމަ އެވެ.

އޭނާ ކަހަލަ އެހެން މައިންބަފައިންނަށް މިއަދު އެންޖެލާ ދޭ އިންޒާރަކީ ފުރުސަތުގެ ބޭނުން ހިފައި ހުރިހާ އެންމެން ވެސް އެމީހުންގެ ދަރިން ކޮވިޑުން ރައްކާތެރި ކުރުމަށް އެ ކުދިންނަށް ވެކްސިން ދިނުމަށެވެ. މިހާރު އެމެެރިކާގައި ފެތުރެމުންދާ ކޮވިޑް-19 ގެ ޑެލްޓާ ވޭރިއަންޓަކީ ކުޑަކުދިންނަށް ބަލި ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާ ކުރާ އެއްޗެއް ކަމަށް އެންޖެލާއަށް ވެސް މިހާރު ޔަގީން ވާތީ އެވެ.

އެންޖެލާއަށް ވެސް އޭނާގެ ދަރިފުޅަށް ވެސް ވެކްސިން ޖަހާނެ ފުރުސަތު ލިބުނެވެ. ނަމަވެސް އެންޖެލާ ވެސް ވެކްސިނެއް ނުޖަހަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބަލިން ދިފާއު ވެވިދާނެ ކަމަށް ހިތުގައި އޮތް ޔަގީންކަމެއްގެ ބޮޑު ކަމުންނެވެ.
ކޮރޯނާވައިރަހުން ދިފާއުވުމަށް އެންޖެލާ އުޅުނީ މާސްކް އަޅައިގެން އެހެން މީހުންނާ ގައިދުރުކަން ބަހައްޓައިގެން ވެސް މެއެވެ. އަދި ދަރިފުޅު ވެސް ގެންގުޅުނީ އެގޮތަށެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އޭނާގެ ދަރިފުޅަށް ބަލި ޖެހި މިހާރު އޮތީ މަރާ ހަނގުރާމަ ކުރާށެވެ.

"އަހަރެންނަށް ހީވެފައި އޮތީ ކޮވިޑަކީ ހަމަ އާދައިގެ އަރިދަފުސް ރޯގާއެކޭ. އެހެންވެ އަހަރެން އެއްވެސް ވަރަކަށް އެ ބައްޔާ މެދު ސީރިއަސް އެއް ނުވަން. ނަމަވެސް މި ބަލީގެ ސީރިއަސްކަން މިހާރު އަހަންނަށް އެނގިއްޖެ. ކުރިން ވިސްނުނު ނަމައޭ ހިތަށް އަރާ،" އެމެރިކާގެ ޓީވީ އަކަށް އެންޖެލާ ބުންޏެވެ.

ދަރިފުޅަށް ކޮވިޑް ޖެހިގެން ހާލު ބޮޑުވި ވާހަކަ އެންޖެލާގެ ފޭސްބުކް ޕޭޖްގައި ވެސް އޭނާ ދަނީ ޝެއާ ކުރަމުންނެވެ. އެންޖެލާ އެފްބީ ޕޭޖްގައި ޝެއާކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން އޭނާގެ ދަރިފުޅު ކައިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މި ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ދެ ދުވަސް ފަހުން އެ ދަރިފުޅު އޮތީ އާކަންސޯ ހޮސްޕިޓަލެއްގައި ވެންޓިލޭޓަރު ގުޅާފައި ކަމަށް އެންޖެލާ ބުންޏެވެ.

"ދަރިފުޅު މި ހާލުގައި އޮތްތަން ބަލާކަށް ފަސޭހައެއް ނޫން. ދަރިފުޅު އަނބުރާ ގެއަށް އަންނާނެ ކަމުގެ ޔަގީންކަން ވެސް ނެތުމުން އިތުރަށް ހިތްދަތިވޭ. މިހާރު ހިތަށް އަރާ ވެކްސިން ޖަހާނެ ފުރުސަތު ލިބުނުއިރު އޭގެ ބޭނުން ހިފުނު ނަމައޭ،" އެންޖެލާގެ އެފްބީ ޕްރޮފައިލްގައި ލިޔެފައި ވެއެވެ.

އެންޖެލާ ބުނަނީ ދަރިފުޅު ކައިއާ އާއި އޭނާ ވެކްސިން ނުޖަހައިތިބީ އެމީހުންނަށް ލިބިފައިވާ ގޯސް މައުލޫމާތުތަކުގެ ސަބަބުން ކަމަށެވެ.

އާކަންސޯގެ އާބާދީގެ 45 ޕަސެންޓް މިހާރުވަނީ މަދުވެގެން އެއް ޑޯޒް ވެކްސިން ޖަހާފަ އެވެ. އަދި 35 ޕަސެންޓް ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. އެ ސްޓޭޓުގައި އުމުރުން 12 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވެސް ފަސޭހަ ކަމާއެކު ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ވެއެވެ.

ނަމަވެސް ވެކްސިން ޖަހަން ބޭނުންވާ މީހުން މަދުވުމުގެ ސަބަބުން އެމެރިކާގެ އާ އެޕިސެންޓަރަކަށް ނުވަތަ ކޮވިޑް-19 އިގެ ހާއްޔަކަށް އާކަންސޯ ސްޓޭޓު ވަނީ ވެފަ އެވެ. ޚާއްސަކޮށް އެ ސްޓޭޓުގައި މިހާރު އެންމެ ބާރަށް ފެތުރެމުންދަނީ ޑެލްޓާ ވޭރިއަންޓަށް ވެފައި މިއީ ކުޑަކުދިންގެ ފުރާނައަށް ވެސް އިންތިހާއަށް ނުރައްކާ އެއްޗެއް ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

އާކަންސޯ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖެސިކާ ސްނޯޑެން ވިދާޅުވީ ޑެލްޓާ ވޭރިއަޓް ބާރަށް ފެތުރޭއިރު ކުޑަކުދިންނަށް ބަލި ޖެހި ހާލުބޮޑުވާ މަންޒަރު މިހާރު ވަރަށް ގިނައިން ފެންނަމުންދާ ކަމަށެވެ.

"ވަރަށް ސިއްހަތު ރަނގަޅުކޮށް ތިބޭ ކުދިން ކުއްލިއަކަށް ހޮސްޕިޓަލުގެ އައިސީޔޫގައި މަރާ ހަނގުރާމަކުރާތަން މި ފެންނަނީ. އެހެންވީމާ މިއީ ހަގީގަތުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ ކަމެއް،" ޑޮކްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 ޖެހިގެން އާކަންސޯ ހޮސްޕިޓަލުގައި އެކި އުމުރުގެ ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދެމުން ދިޔަ ނަމަވެސް ޑރ. ޖެސިކާ ފާހަގަކުރެއްވީ މީގެ ތެރޭގައި ކުޑަކުދިން ގިނަ ކަމެވެ.

"މިހާރު އައިސީޔޫގައި ތިބީ ވެކްސިން ދެވޭ އުމުރަށް ވުރެ ހަގު ކުދިންނާއި ވެކްސިން ދެވޭ އުމުރުގެ ކުދިންނަށް ވިޔަސް ވެކްސިން ނުދީ ތިބި ކުދިން،" ޑރ. ޖެސިކާ ވިދާޅުވި އެވެ.

އެންޖެލާގެ ދަރިފުޅު ވެންޓިލޭޓަރުގައި އޮންނަތާ މިހާރު 13 ދުވަސް ވެއްޖެ އެވެ. އެހެންވެ އޭނާގެ ވާހަކަ ޝެއާކޮށްގެން އެންޖެލާ ބޭނުންވީ އޭނާ ފަދަ އެހެން މައިންނަށް ވެސް މި ޚަބަރު އެނގުމެވެ. އަދި ވެކްސިން ޖަހާނެ ފުރުސަތެއް ލިބިއްޖެނަމަ ނުޖަހާ ނުތިބުމަށް އޭނާ އިލްތިމާސް ކުރި އެވެ.