މޯލްޑިވްސް އިމިގްރޭޝަން

ޑީޕޯޓް ކޮށްލި މީހުންގެތެރޭ އިންޑިއާގެ 168 މީހުން

ސައްހަ ނޫން ލިޔެކިޔުންތަކެއްގައި ރާއްޖެ އެތެރެވާން އުޅެނިކޮށް އިއްޔެ ޑީޕޯޓް ކޮށްލި 248 މީހުންގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ 168 މީހުން ހިމެނޭކަން އެނގިއްޖެ އެވެ.

ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓް ކޮށްލިކަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އިއްޔެ ވިދާޅުވި ނަމަވެސް އެ މީހުންގެ ގައުމު ވިދާޅެއް ނުވެއެވެ.

ނަމަވެސް އިންޑިއާގެ ދުވަހު ނޫހެއް ކަމަށް "ޓައިމްސް އޮފް އިންޑިއާ" އިން މިއަދު ބުނީ ޑީޕޯޓްކޮށްލި މީހުންގެ ތެރޭގައި 168 އިންޑިއާ މީހުން ހިމެނޭ ކަމަށެވެ. އަދި އެމީހުން ރާއްޖެ އައީ މެދު އިރުމަތީގެ ގައުމުތަކަށް ވަޒީފާއަށް ދިއުމުގެ ކުރިން ރާއްޖޭގައި 14 ދުވަހު ކަރަންޓީނު ވުމުގެ ގޮތުން ކަމަށާއި ނަމަވެސް އެކަމުގައި އެމީހުންނަށް އެޖެންޓުން އޮޅުވާލީ ކަމަށެވެ.

"އެ މީހުންނާއެކު ޓްރެވަލް އެޖެންޓުންވެސް ދަތުރުކުރި ރާއްޖެއަށް. ޕްލޭންކޮށްފައި އޮތީ އެ މީހުން ސައުދީ އަރަބިއްޔާއަށް ދިއުމުގެ ކުރިން ރާއްޖޭގެ ހޮޓަލެއްގައި 14 ދުވަސް ކަރަންޓީނުކުރުން. ނަމަވެސް ރާއްޖެ އައުމާއެކު އިިމިގްރޭޝަނުން ބެލިބެލުމުން އެނގުނީ ރާއްޖޭގައި މަޑުކުރަން އެއްވެސް ޑޮކިއުމެންޓޭޝަނެއް ފުރިހަމަކޮށްފައި ނެތްކަން" ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވެއެވެ.

ޑީޕޯޓްކޮށްލި މީހުން އެނބުރި އިންޑިއާއަށް ދެވުމާއެކު އެމީހުން ވަނީ އެޖެންޓުން އޮޅުވާލި މައްސަލަ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ. އަދި މެދުއިރުމަތިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އެޖެންޓުން އެއް ލައްކައަށް ވުރެ ގިނަ ރުޕީޒް ނަގައިފައިވާކަމަށް ވެސް އެމީހުން ބުނެ އެވެ.

އިންޑިއާގެ ގިނަ ބަޔަކު ޑީޕޯޓްކޮށްލި އިރު އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މެދުއިރުމައްޗަށް ދަތުރުކުރުމުގެ ކުރިން ރާއްޖޭގެ ގެސްޓް ހައުސްތަކުގައި މަޑުކުރުމުގެ މައްސަލަ ކުރިން ވަރަށް ބޮޑުވެފައި ވެއެވެ. އެމީހުން ގެސްޓު ހައުސްތަކުގައި ތިބެމުން ދިޔައީވެސް "ކަަރަންޓީނު ޕެޖޭކް"ތައް ނަގައިގެން ނެވެ. މައްސަލަ ބޮޑުވުމުން އިންޑިއާގެ ރައްޔިތުންނަށް ގެސްޓު ހައުސްތައް ދިއުން އޮތީ މަނާވެސް ކޮށްފަ އެވެ. ނަމަވެސް ޓްރާންސިޓްވުމަށް މާލޭގެ ގެސްޓު ހައުސްތަކުގައި މަޑުކުރެވޭގޮތަށް މިހާރު ވަނީ ލުއިދީފަ އެވެ.