އިންޑިއާ

އިންޑިއާގައި 22 ގަޑިއިރު ހިފެހެއްޓުމަށްފަހު ސިޔަޅޭ ޑީޕޯޓްކޮށްލައިފި

Mar 8, 2022
4

އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ދަތުރުކުރި ދިވެއްސަކު ގާތްގަނޑަކަށް 22 ގަޑިއިރު ބެންގަލޫރު އެއާޕޯޓުގައި ހިފެހެއްޓުމަށްފަހު ޑީޕޯޓްކޮށްލައިފި އެވެ.

ޑީޕޯޓްކޮށްލާފައިވަނީ ވެމްކޯގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ހ. ހެދޭތުނޑި، ޝިއާން ޝަފީއު (ސިޔަޅޭ) އެވެ.

ޝިޔާން އިއްޔެ މެންދުރު 12:00 ހާއިރު ރާއްޖެއިން ފުރީ ބެންގަލޫރާއި ރައިޕޫރުގައި ޓްރާންސިޓް ކުރުމަށްފަހު ނިއުދިއްލީއަށް ދިއުމަށެވެ.

އިއްޔެ ހަވީރު ބެންގަލޫރު އެއާޕޯޓުން އޭނާ ހިފެހައްޓައިގެން ގެންގުޅުމަށްފަހު މިހާރު ޑީޕޯޓް ކޮށްލަން ނިންމާފައިވާ ކަމަށް އަންގާފައިވާ ޝިޔާން ވަނީ މައުލޫމާތު ދީފަ އެވެ.

ޝިޔާން މިއަދު އަވަސް އަށް މައުލޫމާތު ދެމުން ބުނީ އޭނާ ހިފެހެއްޓި ސަބަބު އެމީހުން ސާފުކޮށްދީފައި ނުވާ ކަމަށެވެ. ހަމައެކަނި އޮފިޝަލުންގެ ފަރާތުން ބުނެފައިވަނީ އޭނާ ހިފަހައްޓާފައި ވަނީ ރާއްޖެއިން އެދިގެން ކަމަށެވެ.

އެއާޕޯޓުން ހިފެހެއްޓި ފަހުން ރޭ 7:00 ޖަހަންދެން އޭނާ ބޭންދީ ގޮނޑިއެއްގައި ކަމަށާއި އޭގެ ފަހުން ކޮޓަރިއަކަށް ގެންދިޔަ ކަމަށެވެ. ކޮޓަރި ދޮރުމަތީގައި ގާޑުކޮށްގެން އޮފިސަރުން އަބަދު ތިބި ކަމަށްވެސް ބުންޏެވެ.

ޝިޔާން ބުނި ގޮތުގައި އެކި ގޮތްގޮތުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި އޭނާ އެ ގައުމަށް އެތެރެވިޔަ ނުދިނުމަށާއި އެގައުމުން ޑީޕޯޓު ކޮށްލުމަށް އެންގީ ދިވެހި ސަރުކާރުން ކަމަށެވެ. އެކަން ނިއުދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް އޭނާއަށް އެންގި ކަމަށާއި އެކަމަކު އެފަދަ އެންގުމެއް އެންގި ސަބަބު ބަޔާންކޮށްދީފައި ނުވާ ކަމަށެވެ.

ޝިޔާން ހިފެހެއްޓި ކަމަށް ބެލެވެނީ ސިވިލް ކޯޓުގައި ހިނގަމުން ދިޔަ މައްސަލައެއްގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުން ކުރިން ނެރެފައި އޮތް އަމުރެއް އޮތުމުން ކަމަށް ބެލެވެ އެވެ. އެކަމަކު ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން މިދިޔަ މަހުގެ އަށްވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބާތިލުކޮށްފައިވާ ކަމަށް އަންގައިދޭ އިތުރު އަމުރެއް ޝިޔާން ވަނީ އަވަސްއާ ހިއްސާކޮށްފަ އެވެ. މިމަހުގެ ހަވަނަ ދުވަހު ނެރެފައިވާ އެ އަމުރުގައި ސޮއި ކުރައްވާފައިވަނީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު އެވެ.

"އަޅުގަނޑު ސާފުކުރިން އިމިގްރޭޝަނުން ވެސް ކޯޓުން ވެސް ބުނީ އެއްވެސް މައްސަލައެއް ނެތޭ ހިފަހައްޓަންޖެހޭ. ޕާސްޕޯޓު ވެސް އަތުލިގޮތަށް ނުދިން. މައްސަލައެއް އުޅޭނަމަ އަޅުގަނޑަށް މިތަނަށް އާދެވިގެން ނުވާނެދޯ ފުރަތަމަ ކަމަކަށް. ހަމަ އެއްގޮތަކަށް ވެސް އަހާ އަހާ ނުބުނި ވީގޮތެއް،" ބެންގަލޫރު އެއާޕޯޓުގައި މިވަގުތު ހުރި ޝިޔާން ބުންޏެވެ.

ޝިޔާން ރާއްޖެ އައުމަށް ފުރަން ތައްޔާރުވެފައިވާއިރު، 25،000 ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ބުންޏެވެ. ދެކޮޅު ޓިކެޓާއި ހޮޓެލް އަށް ފައިސާ ދައްކާފައިވާ ކަމަށާއި، އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ނުވި ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑު މިދިޔައީ ފޮރިން މިނިސްޓްރީއާ ވެސް ވާހަކަ ދައްކަމުން. އެކަމަކު އެވަރުންވެސް ސަބަބެއް ސާފެއް ނުވޭ. އަޅުގަނޑު ހިފެހެއްޓީ އިންޓެލިޖެންސް ރިޕޯޓެއް ލިބިގެން ކަމަށް މައުލޫމާތު ލިބޭ. އެކަމަކު އިތުރު ކަމެއް ސާފެއް ނުވޭ. އަޅުގަނޑު މިތަނުގައި ހަމަ ހައްޔަރެއްގައި ބައިންދާފަ އެ ފޮނުވާލަނީ،" ޝިޔާން ބުންޏެވެ.

ޝިޔާން ބުނި ގޮތުގައި އޭނާއަށް މިއަދު ހަވީރުގެ ވަގުތެއްގައި ރާއްޖެ އާދެވޭނެ އެވެ.