ދުނިޔެ

ފަލަސްތީނު މީހުންގެ ގެދޮރު ސުންނާފަތި ކުރުން ހުއްޓާލަން އދ. އިން ގޮވާލައިފި

ޔަހޫދީ އިޒްރޭލުން، ފަލަސްތީނުގެ އަވަށްތަކަށް ވެރިވެގަނެ ގެދޮރު ސުންނާފަތިކޮށް މީހުންގެ މުދާ ފޭރުން ހުއްޓާލަން ޖެހޭ ކަމަށް އދ. އިން ބުނެފި އެވެ. އދ. އިން ބުނީ އިޒްރޭލަށް ކުރެވޭ ނުކުރެވޭ ކަމެއް ވެސް ނޭނގޭ ކަމަށާއި ފަލަސްތީން މީހުން ބިކަ ކުރުން ހުއްޓާލަން ވެއްޖެ ކަމަށެވެ.

ރާމަﷲ ގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި އުޅޭ އދ. ގެ އޮފިޝަލުންނާ ހަވާލާދެއްވާ އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވި ގޮތުގައި ބުދަ ދުވަހު އެކަނި 84 މީހެއްގެ ގެދޮރު އިޒްރޭލުން ޖަހައިގަތް ކަމަށެވެ. އަދި އާންމު ދިރިއުޅުމާ ގުޅިގައި ހުރި 49 ބިނާއެއް ނައްތާލަން ލިސްޓްކުރި ކަމަށެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން މަގުތަކުން މިހާރު ވެސް ފެންނަނީ ބިނާތައް ތަލައި ބިމާ ހަމަކުރާ މަންޒަރެެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާން ފަރުހާން ހާގް ވިދާޅުވީ ބައިނަލްއަގުވާމީ އިންސާނީ ގާނޫންތަކަށް ރުޖޫއަވުމަށް އިޒްރޭލަށް ގޮވާލާ ކަމަށާއި އިޒްރޭލު ސަރުކާރު އިސްވެ އޮވެ ހިންގާ ފޭރުމާއި ލޫޓުވުން ހުއްޓާލަން ގޮވާލާ ކަމަށެވެ.

އިޒްރޭލުން މި އަހަރުގެ މި ހިސާބަށް ހުޅަނގު އައްސޭރީގައި 421 މީހެއްގެ މުދާތައް ފޭރިގެންފައިވާ ކަމަށް އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒުން ބުނެ އެވެ. އިޒްރޭލުގެ ސަރުކާރު ބަދަލުވުމަކުން ފަލަސްތީން މީހުންނަށް ކުރާ ޖެއްސުމާއި އަނިޔާއަށް ބަދަލެއް ނާންނަ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.