ވިޔަފާރި

ބީއެމްއެލްއިން އަންނަ އަހަރު ރާއްޖޭން ބޭރުގައި ވިޔަފާރި ފަށަނީ

Nov 19, 2015

ރާއްޖޭން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަ އަހަރު ވިޔަފާރި ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

ޓައިވާންގެ ޓައިޕޭގައި މިދިޔަ ހަފުތާގައި ކުރިއަށް ދިޔަ އޭޝިޔާގެ ބޭންކްތައް ތަމްސީލް ކުރާ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި ގައުމީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭން ބޭރުގައި ބޭންކުގެ ވިޔަފާރި ފެށުމަށް ވިސްނަމުންގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒު ހުރީ ދިވެހި ރާއްޖޭގައި އަޅުގަނޑުމެން ދެމުންދާ ހިދުމަތް އިތުރަށް ފުޅާކުރުމަށް. މި ގޮތުން އަޅުގަނޑުމެންގެ ލޯނު ޕޯޓްފޯލިއޯ، ބްރާންޗް، އޭޓީއެމް، އަދި ކޭޝް އޭޖެންޓް ނެޓްވާކް ފުޅާވަމުން ދިޔުމުން ދައްކުވައިދެނީ އަޅުގަނޑުމެން ވެފައިވާ ވައުދާ އެއްގޮތަށް ރާއްޖޭގައި ކުރަމުންމިދާ އިންވެސްޓްމަންޓް،" އެންޑްރޫއާ ހަވާލާދީ ބީއެމްއެލްއިން މިއަދު ނެރުނު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެންޑްރޫ ވިދާޅުވީ ބޭރަށް ހިދުމަތް ފުޅާކުރުމުން ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް އިތުރަށް ފައިސާ ލިބިގެންދާނެ ކަމަށެވެ. އަދި މިއާއެކު އިތުރު ފަންޑްތައް ލިބި، އޭގެ ފައިދާ ބޭންކުގެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް ހީލީ ވިދާޅުވި އެވެ.

" ބޭންކުގެެ ބޯޑުން ދެކެނީ މިވަގުތު ބީއެމްއެލް މިވަނީ ރާއްޖޭން ބޭރުގެ އިތުރު މާކެޓެއް ނުވަތަ ދެ މާކެޓެއްގައި ހިދުމަތް ދޭން ފެށޭނެ ފަދަ ހާލަތެއްގައި،" ހީލީ ވިދާޅުވި އެވެ.

ގައުމީ ބޭންކުގެ އެންމެ ފަހުގެ މާލީ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓާގެ ސާފު ފައިދާ ވަނީީ އޭގެ ކުރީ ކުއާޓަރާ (ތިން މަހާ) ބަލާއިރު 38 ޕަސެންޓްގެ ކުރިއެރުމެއް ލިބި، 159 މިލިއަން ރުފިޔާއަށް އަރާފަ އެވެ.