ބޮލީވުޑް

ކުޑައިރު އުޅެންޖެހުނީ ބަނޑުހައިހޫނުކަމުގައި: ބާރްތީ ސިންގް

ބާރްތީ ސިންގަކީ އިންޑިޔާގެ ކޮމެޑިއަނުންގެ ތެރެއިން އެންމެ މަޝްހޫރު އަންހެން ކޮމޭޑިއަން އެވެ. އޭނާގެ ކޮމިކް ޓައިމިން ރަނގަޅު ކަމުން އޭނާ ކިޔާ ކޮންމެ ޑައިލޯގަކަށް ހީނުގަނެވި އެއްވެސް މީހަކަށް ނުކުރެވެ އެވެ. މި ހުނަރުވެރި އެކްޓަރަކީ ކުޑައިރު ވަރަށް ފަގީރު ހާލުގައި އުޅުނު މީހެކެވެ.

އިންޓަނެޓުގައި މަނީޝް ޕޯލް އަލަށް ފެށި ޝޯއެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ބާރްތީ ވަނީ އޭނާ ކުޑައިރު އުޅުނު ފަގީރު ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

ބާރްތީ ބުނިގޮތުގައި އޭނާގެ އާއިލާއަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހި ބައެއް ދުވަސްދުވަހު ކާން ލިބެނީ އެންމެ ރޮއްޓެކެވެ. އަދި ރޮށި ޖައްސާނެ ރިހަކޮޅެއް އެއްޗެއް ނުލިބި އެމީހުން ގިނަ ފަހަރަށް އެ ރޮށި ވެސް ކާލަނީ ލޮނުކޮޅެއްގެ ޖައްސާލައިގެނެވެ.

މަނީޝް ކައިރީގައި ބާރްތީ ބުނި ގޮތުގައި އޭނާގެ އަމިއްލަ ރަށަށް ދާން ބޭނުން ނުވަނީ އެ ބަނޑުހައިހޫނުކަން ފެންނާނެތީ އެވެ.

"ކާނެ ތަރުކާރީކޮޅެއް އެއްޗެއް ނުލިބޭ. އެހެންވެ ރޮށިގަނޑެއް ފިހެގެން ކަޅުސައިގަ ޖައްސައިގެން ކަނީ. ރެޔާ ދުވާލު އިވެނީ މަންމަގެ ފަހާފޮށީގެ އަޑު. އުމުރުން 21 އަހަރު ވަންދެން އެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމާލަ ގުގުމާލަ ހުރި. މިއަދު ވެސް ފަހާފޮށިން މީހަކު ފަހާ އަޑު އިވިއްޖެނަމަ އަހަރެން ވަރަށް ރުޅި އާދޭ،" ބާރްތީ ބުންޏެވެ.

ބާރްތީގެ މަންމަ އޭނާ އާއި އޭނާއާ އެއްބަނޑު އެއްބަފާ އެހެން މީހުން ގެންގުޅެފައި ވަނީ އެކަނި މާއެކަނި ފަހައިގެން ހޯދި ފައިސާ އިންނެވެ. ސަބަބަކީ ބާރްތީއަށް ދެ އަހަރުގައި އޭނާގެ ބައްޕަ މި ދުނިޔެއާ ވަކިވެފައިވާތީ އެވެ.

"އަހަރެންގެ ހަޔާތުގައި ހުރީ ހަމައެކަނި މަންމައެއް. ބައްޕައެއް ނެތް. ބައްޕަގެ ހަނދާނެއް އަހަރެންގެ ނެތް. އަދި އަހަރުމެންގެ ގޭގައި ބައްޕަގެ ފޮޓޮއެއްހާ ހިސާބު ވެސް ނެތް. ބައްޕަ ދުނިޔޭގައި ހުރިއިރު ވެސް އަހަރެން ދެކެ ލޯތްބެއް ނުވޭ. ބައްޕަ ލޯބިވީ ދައްތަ އާއި ބޭބެ ދެކެ. ބޭބެގެ ފަރާތުން ވެސް އަހަންނަށް ލޯތްބެއް ނުލިބުނު. ދިރިއުޅުމުގެ މަސައްކަތުގައި އެމީހުންނަށް އުޅެން ޖެހުނުލެއް ބުރަކަމުން ލޯބި ދޭނެ ވަގުތު ވެސް ނުވީ،" ބާރްތީ ބުންޏެވެ.

ބާރްތީ ބުނި ގޮތުގައި އޭނާއަށް ހަޔާތުގައި އުނިވެފައި އޮތް ލޯބި ލިބުނީ ފިރިމީހާ ހަރްޝް ލިމްބާޗިއާގެ ފަރާތުންނެވެ.