ލައިފްސްޓައިލް

ކުއްޖެއްގެ އަނގައިން 82 ދަތް ނަގައިފި

އިންޑިޔާގެ ފުރާވަރުގެ ފިރިހެންކުއްޖެއްގެ އަނގައިގައި އާދަޔާހިލާފަށް ދަތް ފަޅާފައި ހުރުމުގެ ސަބަބުން މި ކުއްޖާއަށް \އުޅެން ދަތިވެ ގިނަ ދަތްތަކެއް ސާޖަރީ ހަދައިގެން ނަގައިފި އެވެ. ސޯޝަލް މީޑީއާގައި މިހާރު ވައިރަލް ވެގެން އުޅޭ މި ހަބަރު ކިޔާފައި ގިނަ ބަޔަކު ބުނަނީ މިއީ އަޖައިބެއްފަދަ ކަމެއް ކަމަށެވެ. އިންސާނެއްގެ އަނގައިގައި 100 އަށް ވުރެ ގިނަ ދަތް ހުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

އިންޑިޔާގެ ބިހާރް ސްޓޭޓުގެ ޕަޓްނާގައި ހުންނަ އިންދިރާ ގާނދީ އިންސްޓިޓީއުޓް އޮފް މެޑިކަލް ސައިންސަސްގައި މި ކުއްޖާގެ އަނގައިގައި ސާޖަރީއެއް ހަދައި 82 ދަތް މިހާރު ވަނީ ނަގާފަ އެވެ. މިހާ ގިނަ ދަތް އިތުރަށް ހުރުމުގެ އިތުރުން 17 އަހަރުގެ މި ކުއްޖާގެ އަނގައިގެ ތެރެއިން ވަރަށް ބޮޑު ޓިއުމަރެއް ވެސް އިނެވެ.

ނިތިޝް ކުމާރު ނަމަކަށް ކިޔާ މި ކުއްޖާގެ ކަރު ތެރޭގައި މި ޓިއުމަރު އިނދެގެން ބޭސް ކުރާތާ މިހާރު ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. މިފަދަ ޓިއުމަރެއް އަނގައިގެ ތެރޭގައި ނެގުމަކީ ލައްކަ އަކުން އެކަކަށް ދިމާވާ ކަމެއް ކަމަށް ނިތިޝް އަށް ފަރުވާކުރާ ޑޮކްޓަރުން ބުނެފައިވެއެވެ.

ފާއިތުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ނިތިޝްގެ ކަރުތެރޭ އިން ޓިއުމަރު ބޮޑުވަމުން ދިޔައީ ބޭސް ފަރުވާ ކުރެވޭ ވަރުގެ ތަނަވަސްކަމެއް އޭނާގެ އާއިލާގައި ނެތުމުން ފަރުވާ ނުކޮށް ބަހައްޓާފައި ހުރީމަ އެވެ.

ހަގީގަތުގައި މި ޓިއުމަރު އުފެދެން މެދުވެރިވީ ދަތްތަކުގެ އުފެދުމަށް ބޭނުންވާ ސަބްސްޓެންސް އެއްގައި ހުރި މައްސަލަ ތަކަކާ ހެދި އެވެ. ޑޮކްޓަރުން ބުނި ގޮތުގައި ނިތިޝްގެ އަނގައިގައި އިތުރަށް ހުރި ދަތްތަކުން ބޮޑުބައެއް ހުރީ ކޯކަށިގަނޑާ ދިމާލުން އެތެރޭގައި ގުޅަވަރަކަށެވެ.

ސާޖަރީ އަށްފަހު 82 ދަތް ނެގުމުން ނިތިޝްގެ ހާލު މުޅިން ރަނގަޅުވެ މިހާރު ގެއަށް ފޮނުވާލާފައިވާ ކަމަށް ވެސް ޑޮކްޓަރުން ބުނެފައި ވެއެވެ.