ހިންދީ ފިލްމު އިންޑަސްޓްރީއަކީ މަސައްކަތްކުރަން ފަސޭހަ އިންޑަސްޓްރީއެއް ނޫންކަމަށް އެ މަސައްކަތުގައި އުޅޭ ގިނަ މީހުން ބުނެ އެވެ. ޚާއްސަކޮށް ބަތަލާއިންނަށް ބޮލީވުޑަކީ ހަމަ ފެންނަ ރީތި ހުވަފެނެއް ފަދަ އެއްޗަކަށް ވަރަށް ގިނަ ފަހަރު އޮންނަނީ ވެފަ އެވެ. ދުވަސްކޮޅަކު ފިލްމު ކުޅެލާފައި އެމީހުން ދެން ސްކްރީނުން ގެއްލިގެން ދަނީ މި ސަބަބާ ހުރެ އެވެ.
ބޮލީވުޑުގައި މަސައްކަތްކުރާ މީހުން ގަބޫލުކުރާ އިތުރު ހަގީގަތެއް އެބައޮތެވެ. އެއީ ހިތްބަލި މީހުންނަށް ވެސް އުޅެވޭނެ ތަނެއް ނޫން ކަމެވެ. އެތަނުގައި އުޅެވޭނެ ވަރަށް ކެރޭ، ހިތްވަރުގަދަ މީހުންނަށެވެ.
އެއް ފިލްމެއް ދެ ފިލްމަކުން ވަރަށް ވިދާލާފައި ކުއްލިއަކަށް ގެއްލިގެންދާ އެކްޓަރުން ގިނަވަނީ އެހެންވެ އެވެ. ބައެއް މީހުން ފިލްމީ ފަރުދާ އާ ދުރަށް ދަނީ ހާލަތު ނިޔާކުރާ ގޮތުންނެވެ. އަނެއްބަޔަކު ހަމަ ގަސްތުގައި އިތުރަށް އެކްޓިން ރޮނގުން ކުރިއަށް ދާން ބޭނުން ނުވަނީ އެވެ.
ބައެއް ބަތަލުންނާއި ބަތަލުންނާއި ގެއްލިގެން ގޮސްފައިވަނީ އުމުރުން ދުވަސްވެގެންނެއް ވެސް ނޫނެވެ. ގާތްގަނޑަކަށް 32 ވަރަކަށް އަހަރުގައި ވެސް ބައެއް އެކްޓަރުން ފިލްމުތަކުން ގެއްލިފައި ވެއެވެ.
ސޯނަމް، ސޯނޫ ވާލިއާ، ކިމް ޝަރުމާ، ކާޖަލް ކިރަން، އައިޝާ ޖުލްކާ އަދި ފަރަހަ ފަދަ ތަރިން މިހާރު ކޮބައި ހެއްޔެވެ؟
ސޯނަމް ވިދާލީ 1988ގައި ރިލީޒްކުރި "ވިޖޭ" އިންނެވެ. އެ ފިލްމަށްފަހު ގިނަ ފިލްމުތަކެއްގައި ސޯނަމް ބައިވެރިވި އެވެ. އަދި 1992ގައި އޭނާ ކުޅުނު "ވިޝްވާތުމާ"އަށް ފަހު ސޯނަމް ވަނީ ގެއްލިފަ އެވެ. މި ބަތަލާއިން ފިލްމީ ދުނިޔެއާ ވަކިވެގެން ގޮސްފައިވަނީ ވަކިވުމުގެ ސަލާން ވެސް ނުކޮށެވެ. އަދި އެމީހުންގެ ޚަބަރެއް ދަބަރެއް ފަހަކުން ނުވެ އެވެ. މިތަރިން ގެއްލުނީ ހެއްޔެވެ؟ އެމީހުން ކޮބާ ހެއްޔެވެ؟
ޓައިމްސް އޮފް އިންޑިއާ އިން މީގެ ތެރެއިން ބައެއް ބަތަލާއިންނަށް ގުޅައި އެމީހުންގެ މިހާރުގެ ހާލަތު އޮޅުން ފިލުވާފައި ވެއެވެ.
އެގޮތުން "ޚޫން ބަރީ މާންގް"ގައި ދެ ވަނަ ބަތަލާގެ ރޯލު ކުޅުނު ސޯނޫ ވާލިއާ ބުނީ އޭނާ ފަރުދާއިން ގެއްލުނީ ނޫން ކަމަށާއި ފިލްމު ކުޅުމުގެ ފުރުސަތު އިތުރަށް ނުލިބެނި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ދެކެނީ އިސްކޮޅުން މާ ދިގުވުމެވެ. އޭނާ ފިލްމު ކުޅުނު ދުވަސްވަރު އޭނާހާ ދިގު ބަތަލާއެއް ނޫޅޭކަމަށް ސޯނޫ ބުންޏެވެ. އެހެންވެ އޭރުގެ ނަން މަޝްހޫރު ބަތަލުން އޭނާ ކަހަލަ ދިގު ބަތަލާއަކާ އެކު ފިލްމު ކުޅެން ބޭނުން ނުވީ ކަމަށް ސޯނޫ ބުންޏެވެ.
ސޯނަމްގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު ރާޖީވް ރާއީ ބުނި ގޮތުގައި ސޯނަމް ނުގެއްލެ އެވެ. ސޯނަމް އާއި އޭނާ ކައިވެނި ކުރީ ސޯނަމްގެ އުމުރުން 18 އަހަރުގައި ކަމަށާއި 2006 ގައި އެ ދެ މީހުން ވަކިވެ ސޯނަމް މިހާރު ދެ ވަނަ ކައިވެންޏެއް ކޮށްގެން އޫޓީގައި ދިރިއުޅެމުންދާ ކަމަށް އޭނާގެ ކުރީގެ ފިރިމީހާ ބުންޏެވެ.
ރާޖީވް ބުނި ގޮތުގައި އެކްޓިން އަށް ސޯނަމްގެ ހުރި ޝައުގުވެރިކަން މަޑުމަޑުން ފަނޑުވީ އެވެ. އަދި މިހާރުވެސް އެކަށީގެންވާ މޮޅު ވަރުގަދަ ރޯލެއް ލިބިއްޖެނަމަ ސޯނަމް އެ ރޯލެއް ގަބޫލު ކޮށްފާނެކަމަށް އޭނާއަށް ހީވެ އެވެ.
މި ރިޕޯޓު ލިޔުނު ނޫސްވެރިޔާ ފާހަގަ ކޮށްފައިވާ ގޮތުގައި ގިނަ ބަތަލާއިން މިހާރު ވަނީ އެމީހުން ކުރިން ބޭނުންކުރި ފޯނު ނަންބަރު ބަދަލުކޮށްފަ އެވެ. އަދި އެމީހުން އުޅޭ ނޫޅޭ ތަނެއް ވެސް އެއްވެސް މީހަކަށް ނޭނގެ އެވެ. އެހެންވެ ގިނަ މީހުންގެ ހާލު އަހުވާލު ބަލަން އުނދަގޫވީ ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
"ހަމް ކިސީސޭ ކަމް ނެހީ"ގައި ރިޝީ ކަޕޫރާއެކު ބަތަލާގެ ރޯލު އަދާކުރި ކާޖަލް ކިރަން ބޮލީވުޑްގައި 13 އަހަރު މަސައްކަތް ކުރުމަށްފަހު ވަނީ ގެއްލިފަ އެވެ. އޭނާ މިހާރު ދިރިއުޅެނީ ފިރިމީހާއާއި ދެ ދަރިންނާއެކު ނެދަލެންޑްސްގައި ކަމަށް ވެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން މީނާކްޝީ ޝެޝާދަރްތީގެ ފޮޓޯތަކެއް އިންޓަނެޓުގައި ވައިރަލްވި އެވެ. އޭނާ ވެސް ކައިވެނި ކޮށްގެން ބޭރު ގައުމެއްގައި ދިރިއުޅެމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ބޮލީވުޑް ބަތަލާއިން މާ ގިނަ ދުވަސްތަކެއް ނުވެ ގެއްލެން ދިމާވާ އެއް ސަބަބެއް ކަމަށް ފިލްމީ ތަޖުރިބާކާރަކު ބުނީ ޓީވީ ސިލްސިލާތަކުގެ ބަތަލާއިން ފަދައިން އުމުރުން 30 ވަރަކަށް އަހަރު ވެސް ނުވަނީސް މަންމައެއްގެ ރޯލު ކުޅެން އެމީހުން ފަސް ޖެހޭތީ އެވެ. މިސާލަކަށް އޭނާ ނެގީ މާދުރީ ޑިކްޝިޓް ފަދަ ތަރިންނެވެ. މާދުރީއަށް މިހާރު 54 އަހަރު ފުރިއްޖެ އެވެ. ނަމަވެސް މިހާރު ވެސް އޭނާ ކައިރީގައި އާލިއާ ބަޓް ފަދަ ބަތަލާއެއްގެ މަންމަގެ ރޯލު ކުޅެފާނަންތޯ ސުވާލު ކުރިޔަސް ވަގުތުން ދެކޮޅު ހަދާނެ އެވެ. ކިތަންމެ ދުވަސްވިޔަސް ބޮޑެތި ދަރިން ތިބޭ މަންމައެއްގެ ރޯލު ކުޅޭކަށް އެމީހުން ބޭނުމެއް ނުވެ އެވެ. އެހެންވެ މަޑުމަޑުން ފަރުދާއިން ގެއްލުން ނޫން ގޮތެއް އެމީހުންނަށް ނޯންނަނީ އެވެ.