އެމްޑީޕީ

އެމްޑީޕީގެ ޒުވާނުން ނަޝީދާއެކު ސަރުކާރާ ދެކޮޅަށް

Jul 18, 2021
14

ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތައް ރުއްސުމުގެ މަގުސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތައް ބޮލާލާ ނުޖެހުމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގުސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތަށް ބޮލާލައި ނުޖެހުމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ.

ބަޔާނުގައި ބުނާ ގޮތުން އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުމެވެ. އެގޮތުން ނިމިގެން ދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާ މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދެވެ.

މިބަޔާނުގައި ބުނެފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް ނަޝީދުގެ ފުރާނަ ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ އެބޭފުޅުންނަކީ ވަކި ކަހަލަ ބައެއް ކަމަށް ތުހުމަތުކޮށް އެޅުވި ލޭބަލެއްގެ ސަބަބުން ކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްގެން ކަމަށް ޒުވާނުންގެ ހިތްވަރުން ދެކެ އެވެ. ހިސާން ބިލްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ ބިލްގައި ވަކިވަކި ފަރުދުންނާއި މެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް ޕާޓީގެ ޒުވާނުންނަށް ފެންނަ ކަމަށްވެސް ބުނެފައިވެ އެވެ.

"އެހެން ނަމަވެސް ސަރުކާރުގެ އިއްތިހދުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން, ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް, މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މިޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް މިޕާޓީގެ ޒުވާނުންގެ ހިއްވަރުން ދެކެމެވެ،"

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތްކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށް ވުރެ ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށްގެން ކަމަށެވެ. އެހެންވެ އެމްޑީޕީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސް ކުރުމާއި އެކު ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށްވެސް ގޮވާލާފައިވެ އެވެ.