ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކޮށް 8000 އެނދު ގާއިމް ކުރަން ހިފައިފައިވާ އަމާޒަށް ދެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީގައި 8000 އެނދު ތަރައްގީ ކުުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފައި ވެއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މިހާރު މަސައްކަތައް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ލިންކް ރޯޑަށް ގެންނަ ބަދަލާއެކު ހަންކެޑެ ރިސޯޓަށް ވެސް 1000 އެނދު އިތުރު ކުރާނެ ކަމަށެވެ.
"އޭގެ އިތުރުން ހިތަދޫ ޓުއަރިޒަމް ޒޯން، ފޭދޫ ޓުއަރިޒަމް މަރަދޫ ޓުއަރިޒަމް ޒޯންގެ އަމަލީ މަސައްކަތް އެބަދޭ ކުރިއަށް. އެއީ ގާތް ގަނޑަކަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ 1200 އެނދު،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ފަސް ރަށަކުން މިހާރު ވެސް ބިން ހިއްކަމުން ދާކަން ނިޒާރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޮންމެ ރަށަކަށް އަށް ހެކްޓަރުގެ ބިން ލިބިގެންދާނެ ކަމަށާއި ގަމުގައި އިތުރު ހޮޓަލެއް އަޅަން ނިންމައި ބިޑިންގެ މަސައްކަތްތައް ވެސް ހިނގާ ކަމަށެވެ.
"އަމަލީ މަސައްކަތް މިހާރު ފެށިފަ މިއޮތީ. ދެން އެނދުތައް ފެންނަން ފަށާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދެ އަހަރު ވަރު ނަގާނެ. އައްޑޫގައި 8000 އެނދު އަޅަން ކަނޑައެޅި އަމާޒަށް ވާސިލް ވެވޭނެ" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގައި 4000 އެނދު ގާއިމް ކުރަން 62 ބިމެއް ވެސް އެކި ފަރާތްތަކަށް ދީފައި ވެއެވެ.