އައްޑޫގެ ތަރައްގީއަށް ކުރާ ކޮންމެ މަސައްކަތެއްގައި އައްޑޫ ސިޓީ ކައުންސިލް އޮންނާނީ ސަރުކާރާ އެކުގައި ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން ރާވާ ހިންގާ ކޮންމެ މަޝްރޫއެއްގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުރިހަަމައަށް ލިބޭނެ ކަމަށެވެ.
"ހަގީގަތުގައި ލާމަރުކަޒީ ނިޒާމު އެންމެ ރަނގަޅަށް ހިނގާނީ ވެސް ކައުންސިލްތަކުން ސަރުކާރާ ގުޅިގެން ކުރާ މަސައްކަތުން. ހުރިހާ ކައުންސިލަކުންވެސް ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށްވެސް އަޅުގަނޑު ގޮވާލަން،" ނިޒާރު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ތައުރީފް ކުރައްވަމުން ނިޒާރު ވިދާޅުވީ ކައުންސިލްތަކާ މަޝްވަރާކޮށްގެން ސަރުކާރުން މަސައްކަތް ކުރާކަން މިސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ފާހަގަކުރެވޭ ކަމަށެވެ. އެގޮތަށް މަޝްވަރާއާއި އެކު ކުރިއަށް ދެވޭނަމަ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ކޮންމެ ރައްޔިތަކުވެސް ބޭނުންވަނީ އައްޑޫ އަކީ އިގްތިސާދީ ކުރިއަރާފައިވާ ދިރިއުޅުން ފަސޭހަ ސިޓީއަކަށް ވުމަށް ކަމަށެވެ. އެކަން ކުރެވޭނީ ސަރުކާރާއި ކައުންސިލް ގުޅިގެން ކުރާ މަސައްކަތްތަކަށް ރައްޔިތުންވެސް އެހީތެރިކަމާއި އެެއްބާރުލުން ދީގެން ކަމުގައިވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫއާއި ދެމެދު އަޅާ ބްރިޖަކީ އައްޑޫގެ ރައްޔިތުންގެ ޒަމާންވީ ހުވަފެނެއް ކަމަށް ފާހަގަކުރައްވާ އަލީ ނިޒާރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ މިހާރު ކުރީ ކުރީކޮޅު އެ މަސައްކަތް ފެށުމަކީ ރައްޔިތުން އެކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ.
"މިއީ އައްޑޫގެ ތަރައްގީ އާއި ކުރިމަގާ ވަރަށް ބޮޑަށް ގުޅިފައިވާ އެހާމެ ބޭނުންތެރި މުހިއްމު މަޝްރޫއެއް،" މޭޔަރު ވިދާޅުވި އެވެ.
ނިޒާރު އިތުރަށް ވިދާޅުވީ އައްޑޫ ބްރިޖަކީ މުޅި އައްޑޫ ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށެވެ. އަދި މި ބްރިޖު ވެގެންދާނީ އައްޑޫގެ ތަރައްގީގެ ބިންގަލެއްގެ ގޮތުގައި ކަމަށް ނިޒާރު ސިފަކުރެއްވި އެވެ.