ދެ ރަށެއްގައި އަޅަމުންދިޔަ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ހުއްޓިފައިވާތީ އެ ޔުނިޓްތައް ނިންމަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެގޮތުން ހދ. ހަނިމާދޫއާއި ހދ. ނޮޅިވަރުންފަރުގައި އަޅަމުން ދިޔަ ހައުސިން ޔުނިޓްތައް ނިންމަން މިއަދު ވަނީ ދެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ހދ. ހަނިމާދޫގައި 52 ހައުސިން ޔުނިޓް އަޅަން 2011 ވަނަ އަހަރު ފެށިނަމަވެސް އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެހެންވެ އެ މަސައްކަތް ނިންމައި އަދި އެ ރަށުގައި އިތުރު 48 ހައުސިން ޔުނިޓް އަޅަން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ މިއަދު ވަނި ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުުރީ 330 ދުވަހުން ނިންމާގޮތަށް 79 މިލިއަން ރުފިޔާ އަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަހުމަދު ވިޝާން ނަސީމް އެވެ. އަދި ދޮންބެޒް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫން އެވެ.
ހދ. ނޮޅިވަރަންފަރުގައިވެސް ހައުސިން ޔުނިޓްތަކެއް އަޅަން މީގެ ކުރިން ހަވާލުކޮށްފައި ވެއެވެ. އެރަށުގައި 100 ހައުސިން ޔުނިޓްއަޅަން 2011 ވަނަ އަހަރު ހަވާލުކުރި ނަމަވެސް 2014 ވަނަ އަހަރު އޮތީ މަސައްކަތް ހުއްޓިފަ އެވެ. އެހެންވެ އެ މަސައްކަތް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 53 މިލިއަން ރުފިޔާއަށް 240 ދުވަހުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަހުމަދު ވިޝާން ނަސީމް އެވެ. އަދި ރަޝީދު ކާޕެންޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ޕްރޮޖެކްޓްސް އާދަމް ރަހީމް އެވެ.