ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގެސްޓް ހައުސް ވިޔަފާރި

އިންޑިއާ މީހުން ވަގަށް އެތެރެކުރީ ކިހިނެއް؟

ހުޅުމާލޭގައި ފުޅާކޮށް ގެސްޓްހައުސް ހިންގާ އަބްދުﷲ އިދުރީސް - އަސްލުނަމެއް ނޫން - މި މަހުގެ އަށް ވަނަ ދުވަހު އޭނަ ހުޅުމާލޭގައި ހިންގާ ގެސްޓްހައުސް ދޮރުމައްޗަށް ނުކުތްއިރު، ޖެހިގެން ހުރި ގެސްޓްހައުސްގެ ކުޑަ ދޮރު ހުޅުވާލައިގެން ކުރިން ނުފެންނަ ބަޔަކު ތިއްބެވެ. އެ މީހުން ތިބި ގޮތުން އެއީ އާއްމުކޮށް ހުޅުމާލޭގެ ގެސްޓްހައުސް ތަކަށް އަންނަ ޓޫރިސްޓުންގެ ބަޔަކު ނޫންކަން ދެނެގަންނަން އޭނާގެ ތަޖުރިބާއިން މާގިނަ ވަގުތެއް ނުނެގި އެވެ. އެއީ ކަރަންޓީން ވާން ހުޅުމާލޭގެ ގެސްޓްހައުސް އަކަށް ވަގަށް އެތެރެކޮށްފައި ތިބި އިންޑިޔާގެ "ކަރަންޓީ ޓޫރިސްޓުން" ގެ ބައެކެވެ.

އެކަމަކު މީހުން މި ގެސްޓްހައުސް ތަކަށް ގެންދިޔައީ ކޮން ބައެއް ހެއްޔެވެ؟ ކޮވިޑުގެ ބަލިން ރައްކާތެރިވާން އެޗްޕީއޭ އިން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތައް ފޫއަޅުވާލައި އިންޑިއާ މީހުން "ވަގަށް" ގެސްޓްހައުސް ތަކަށް އެތެރެވީ ކިހިނެއް ހެއްޔެވެ؟

"ވަރަށް ބޮޑަށް ރޭވިގެން ހިނގިކަމެއް މިއީ،" އިންޑިއާ މީހުންގެ ކަން ހިނގިގޮތް ވަރަށް ރަނގަޅަށް އެނގޭ މީހަކު އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ނަން ނުޖެހަން އެދި ބުންޏެވެ. "ފުރަތަމަ އެތެރެވަނީ ހަމަ ރަނގަޅު ބުކިންގަ އެހެންވީމަ ޓްރެކް ކުރަން ދަތިވެގެން ހިނގި ކަމެއްގެ ގޮތުގައި ބެލެވެނީ،"

ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ޓޫރިޒަމް ސިނާއަތުގެ މި މައުލޫމާތު އެނގޭ މުއުތަބަރު އެތައް ފަރާތްތަކުން އަވަސް އަށް ދިން މައުލޫމާތުތަކަށް ބަލާއިރު މިފަދަ "ވައްކަމެއް" އަދި ކަންތައްގަނޑެއް ހިންގަން އުޅޭ ކަމުގެ އަލާމާތްތަކެއް މި މަހުގެ ކުރީކޮޅުން ފެށިގެން ދިޔައީ ފެންނަމުންނެވެ.

މަހުގެ ކުރީ ކޮޅުންފެށިގެން ދުނިޔޭގެ އެންމެ ބޮޑެތި އޮންލައިން ބުކިން ސައިޓު ތަކުން ރާއްޖެ އަންނަ ބުކިންތައް ކުއްލިއަކަށް އިތުރުވާކަން ފާހަގަވި އެވެ. ހީކުރެވުނީ ދެކުނު އޭޝިއާ މާކެޓު ހުޅުވެން ފަށާތީ ރާއްޖެ އަންނަ ޓޫރިސްޓުން ހައްދާ ރަނގަޅު ބުކިންތަކެއްގެ ގޮތުގަ އެވެ. ސަބަބަކީ ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި މިހާރު އިންޑިއާ އޮތުމެވެ. ނަމަވެސް ކަންވީ މިގޮތަކަށް ނޫނެވެ.

ރާއްޖެ އެތެރެވެފައި ބުކިން ކެންސަލް!

މިގޮތަށް އެންމެ ގިނައިން މި ބުކިންތައް ލިބެމުން ދިޔައީ ވެސް އިންޑިއާ އިންނެވެ. އެ ގައުމުން ރާއްޖެއަށް އަންނަން ބުކިން ހައްދަމުން ދިޔައީ ސަފާރީތަކާއި ރިސޯޓު ތަކަށެވެ. ސަބަބަކީ ގެސްޓްހައުސް ތަކަށް ދެކުނު އޭޝިއާއިން ޓޫރިސްޓުން ގެންނަން ސަރުކާރުން ހުއްދަ ނުދިނުމެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ތިބެ "ލޯވަޅަކުން" އެ މީހުން ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ވަންނަމުން ދިޔައީ ސަފާރީތަކާއި ރިސޯޓުތަކަށް އައުމުގެ ނަމުގައި ގެސްޓްހައުސް ތަކަށެވެ. ބިއްދޮށުގައި ފޮރުވިގެން ތިބި ދިވެހިންގެ ބައެއްގެ އެހީގަ އެވެ.

އިންޑިއާގެ "ބައިގަނޑެ" އް ރާއްޖެއަށް ވައްދާލަން އިމިގްރޭޝަން ކްލިއަރެންސް ހައްދަނީ މި ބުކިންތަކުގެ "ހިމާޔަތުގައި" ތިބެ އެވެ. ރާއްޖޭގައި "ކަރަންޓީނު ވެ" އެ މީހުންގެ ފައިނަލް މަންޒިލް، މެދުއިރު މައްޗަށްދާން އެތެރެވަމުން ދިޔަ އެ މީހުން އިމިގްރޭޝަނުން އެތެރެވުމަށް ފަހު ބުކިންތައް ކުއްލިއަކަށް ކެންސަލްކޮށްލަ އެވެ.

"ކޮވިޑް-19 ގެ ހާލަތުވީމަ ބުކިން ކެންސަލޭޝަންގައި އޮންލައިން ތަކުން ލުއިތައް ހުރީ ދީފަ، އޭގެ ފައިދާ ނަގައި އެ މީހުން އެތެރެވީ. ކުރިން އިމިގްރޭޝަނަށް ވެސް އެކަން ވަމުންދާ ގޮތެއް ނޭނގެ،" ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުުންނެވި އިސް ވެރިއަކު ވިދާޅުވި އެވެ.

ފުރަތަމަ އެ މީހުން އެތެރެވަމުން ދިޔައީ ގްރޫޕުތަކެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް މި މައްސަލަ ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކުން ސަރުކާރުގެ އެންމެ މައްޗަށް ގެންގޮސް އެލާޓް ކުރި އެވެ. އަދި ޕަބްލިކް ފޯރަމްތަކުގައި މި ވާހަކަ ދައްކަން ފެށި އެވެ.

އެނގުނީ އެތައް ބަޔަކު އެތެރެވި ފަހުން!

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ސީނިއާ ބޭފުޅެއް ކަމަށްވާ އިނަ މޯލްޑިވްސް މުހައްމަދު ފިރާގު މިމަހުގެ 15 ވަނަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި އިންޑިއާގެ ގޯއެއާއިން ރާއްޖެއަށް 150 މީހުން އެތެރެ ވެއްޖެ އެވެ. އަދި އެކަމާމެދު އޭނާ ވަނީ އެކަން އެލާޓް ކުރައްވާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އައިއިރު އެތައް ބަޔަކު ތިބީ ރާއްޖެއަށް އެ ގޮތަށް "ވަގަށް" އެތެރެވެފަ އެވެ. ބައެއް މީހުން ހުޅުމާލޭގައި ތިބިއިރު އެތައް ބަޔަކު މީހުން ދިރިއުޅޭ ރަށްރަށަށް ވެސް ދަތުރު ކޮށްފައިވާކަން އަވަސްއަށް އެނގިފައިވެ އެވެ. އެގޮތުން ކ. މާފުށީގެ ގެސްޓްހައުސްތަކުގައި ތިބި އެތައް ބަޔަކު ފަހުން ވަނީ އެ ރަށުން ސަފާރީތަކާއި ރިސޯޓުތަކަށް ބަދަލުކޮށްފަ އެވެ. ސަބަބަކީ ދެކުނު އޭޝިއާ އިން އަންނަ މީހުނަށް މީހުން ދިރިއުޅޭ ރަށްރަށާއި ގެސްޓްހައުސްތަކުގައި ތިބުން މިވަގުތަށް ހުއްދަ ނެތުމެވެ. ނަަމަވެސް މި "ޖަރީމާ" އޭރު އޮތީ ހިންގާ ނިންމާލާފަ އެވެ.

އެ ދުވަހު އެކަނި އިންޑިއާ އިން ހަތް ފްލައިޓެއް ރާއްޖެ އަށް ޖެއްސި އެވެ. މިކަން އާއްމުން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމާއެކު އިމިގްރޭޝަނަށް ވެސް "ރޭކާލި" އެވެ. ފޮރިން ޕޮލިސީގެ ޕްރެޝަރު ބޮޑު މި މައްސަލާގައި އިމިގްރޭޝަނަށް ފިޔަވަޅު އެޅުން ނޫން ދެވަނަ ޗޮއިސްއެއް ނެތެވެ. އެހެންވެ އެންމެ ފަހުން މިކަމަށް ފިޔަވަޅު އަޅަން ފެށި އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެފައިވާ ގޮތުގައި ހޮޓަލެއްގައި ބުކިން ހަދާފައިވާ ކަމަށް ދައްކައިގެން ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު އަނބުރާ ފޮނުވާލާފައިވާނެ އެވެ.

ކޮންޓްރޯލަރު ހަނަފީގެ ޓުވީޓް

ކޮންޓްރޯލާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ސަބަބުން އިމިގްރޭޝަންގެ އުސޫލުތަކަށް އަންނަ ބަދަލުތައް ހުރިހާ ދަތުރުވެރިން ފުރިހަމައަށް ބަލަން އެދި ވަޑައިގަންނަވަ އެވެ ކުރިއަށް އޮތްތަނުގައި ވެސް ބޯޑަރުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ އެވެ.

ފަހުން އިންޑިއާގެ ނޫސްތަކުގައި ވެސް ވަނީ މި ވާހަކަ ގެނެސްފަ އެވެ. ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން ރާއްޖޭން ފޮނުވާލި 168 މީހަކު ނިސްބަތް ވަނީ އިންޑިއާ އަށެވެ. އެ މީހުންނަކީ މެދުއިރުމަތީގެ ގައުމުތަކަށް ވަޒީފާއަށް ދިއުމުގެ ކުރިން ރާއްޖޭގައި ކަރަންޓީނުވާން ދިޔަ ބައެކެވެ.

ބައިވެރިވީ ކޮން ގެސްޓްހައުސްތަކެއް

ކޮވިޑުގެ ފުރަތަމަ ރާޅަށް ފަހު ނެގި ދެވަނަ ރާޅު މިވަނީ ބަނޑު ދަމާލާފަ އެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ތިންވަނަ ރާޅެއްގެ ބިރު ވެސް މުޅިން ނެތެއް ނޫނެވެ. އެހެންވެ ތިބެން ޖެހެނީ ސަމާލުވެ އެވެ. އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ބޭނުމަކީ ވެސް އެއީ އެވެ. ހާއްސަ ގައިޑްލައިންތައް ހެދީ ވެސް އެހެންވެ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިންޑިއާ ހިމެނޭ ގޮތަށް ދެކުނު އޭޝިއާ ބައްރުން މީހުން އައުން ހުއްޓުވީ ވެސް އެހެންވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަލުން ދެކުނު އޭޝިއާ ހުޅުވާލައި ކަނޑައެޅޭ ތަންތަނެއްގައި ނޫނީ އަންނަ މީހުންނަށް ނުތިބެވޭނެ ގޮތް ހެދީވެސް އެހެންވެ އެވެ. އެކަމަކު ގައިޑްލައިނާ ހިލާފަށް ބިރު ކުޑަކޮށް މިކަން ކުރީ ކޮން ބައެއް ހެއްޔެވެ؟ މިކަން ކުރި ފަރާތްތަކުގެ ނަންތައް ނަންތައް ސަރުކާރުން އާންމު ނުކުރަނީ ކީއް ވެގެން ހެއްޔެވެ؟ މިއީ ގައުމީ ޕަބްލިކް ހެލްތުގެ ބޮޑު އިޝޫއެކެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ރާއްޖެއަށް އައިސްފައި ވަނީ ދުރާލާ ތައްޔާރު ވެގެން ކަރަންޓީނު ވާށެވެ. މި މީހުންގެ ކަރަންޓީން ޕެކޭޖު ވިއްކާފައިވަނީ 15 ދުވަހަށެވެ. ބޮލަކަށް ނަގާފައިވަނީ 60 ޑޮލަރާއި 70 ޑޮލަރެވެ. އެއިން ކޮންމެ މީހެއްގެ އަތުން އެ މީހުން ތިބޭ ގެސްޓްހައުސް އަށް އެވްރެޖުކޮށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި އެ 150 މީހުން ރާއްޖޭގައި ހޭދަ ކުރާ ކަރަންޓީން މުއްދަތުގައި އެ މީހުން ގެނައި މީހުންނަށް ޖުމްލަކޮށް 150،000 ޑޮލަރު ނުވަތަ 2.3 މިލިއަން ރުފިޔާ ހަމައެކަނި ކޮޓަރި އަށް ލިބޭނެ އެވެ.

އިންޑިއާ އިން ވަގަށް މީހުން އެތެރެ ކުރުމުގެ އަޑީގައި ތިބި ގެސްޓްހައުސް ތަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ފިޔަވަޅެއް އަޅާފަ އެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސްއަދު ރިޒާ ވިދާޅުވެފައިވާ ގޮތުގައި އެ ގެސްޓްހައުސްތަކުގެ ހުއްދަ ބާތިލު ކުރީ ޓޫރިޒަމް ލިބުނު މައުލޫމާތުތަކާ ގުޅިގެން އެ މިނިސްޓްރީން ހިންގި އޮޕަރޭޝަނަކަށް ފަހު އެވެ. ހުއްދަ ބާތިލްކުރީ ވަގުތީ ގޮތުންނެވެ.

ކޮވިޑުގެ ގައިޑްލައިންއާ ހިލާފަށް ޓޫރިސްޓުން ގެނެސް ހިދުމަތް ދިން ތިން ގެސްޓްހައުސް އަކަށް ފުރަތަމަ ފިޔަވަޅު އެޅި އެވެ. ރޭ ވަނީ އިތުރު ތަނެއް ވެސް ބަންދުކޮށްފަ އެވެ. ނަމަވެސް ހުއްދަ ބާތިލް ކުރި ގެސްޓްހައުސްތަކުގެ ނަންތައް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައެއް ނުވެ އެވެ.

ހުއްދަ ބާތިލު ކުރި ގެސްޓްހައުސްތަކުގެ ބައެއް ނަންތައް އަވަސް އަށް ވަނީ ހޯދާފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ހުއްދަ ބާތިލު ކޮށްފައި ވަނީ މާލޭގައި ހިންގާ ސިކްސް އިން ވަން ގެސްޓްހައުސް އާއި "އައިއެލްއެލްއޭ ގްރޭންޑް" ގެ ނަމުގައި ހިންގަމުން ދިޔަ ގެސްޓްހައުސްއަކާއި އެހެން ގެސްޓްހައުސްއެއްގެ އިތުރުން ރޭ ހުއްދަ ބާތިލްކުރި ގެސްޓްހައުސްގެ ނަން މިވަގުތާ ހަމައަށް އަވަަސް އަށް އެނގިފައެއް ނުވެ އެވެ.

މި ގެސްޓްހައުސްތަކުގެ ހުއްދަ ސަރުކާރުން އަތުލިކަން އެނގެނީ ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ހުޅުވާފައިވާ ޓޫރިސްޓު ޕްރޮޕަޓީތަކުގެ ލިސްޓުންނެވެ.

އެ ލިސްޓު މި މަހުގެ 17 ވަނަ ދުވަހު އާއްމު ކުރިއިރު ލިސްޓުގެ 41 ވަނާގައި 18 ކޮޓަރީ (38 އެނދު) ގެ "ސިކްސް އިން ވަން" ގެސްޓްހައުސް އިނެވެ. ނަމަވެސް އިއްޔެގެ ލިސްޓުން މި ގެސްޓްހައުސްގެ ނަން ވަނީ އުނިކޮށްފަ އެވެ.

މި އަމަލު ރާއްޖެއަށް ބޮޑު ހުތުރެއް!

މިގޮތަށް މީހުން ފޮނުވާލަން ޖެހުމުން ރާއްޖެއަށް އިތުރު މައްސަލައެއް ކުރިމަތި ވެދާނެ އެވެ. މިއީ ރާއްޖޭގެ އިމޭޖަށް ކުރިމަތިވާނެ ހަޑި ނަމެކެވެ. ރާއްޖެ އެތެރެވެފައި ތިބި ބަޔަކު ގެސްޓްހައުސްތަކުން ނެރެ އެހެން ތަންތަނަށް ފޮނުވާލުމާއި އެތެރެވިޔަ ނުދީ ފޮނުވާލުން ފަދަ ކަންކަމަކީ ރާއްޖޭގެ ޓޫރިޒަމްގެ ވައްޓަފާޅިއެއް ނޫނެވެ. މިއީ ދިވެހި ޓޫރިޒަމަށް އޮތް ބޮޑު ހަޑިއެކެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ނައިބު ރައީސް ހަމްޒާ ގާސިމް ވިދާޅުވި ގޮތުގައި މަދުބައެއްގެ އެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަށް ހަޑި ނަން ލިބިފައި ވެއެވެ. އަދި އެކަމަކީ ރާއްޖެ ނުރައްކަލަށް ވެއްޓިގެންދާނެ ފަދަ ނުރައްކާ ކަމެކެވެ.

"މި މަހުގެ 30 ގެ ފަހުން ދެކުނު އޭޝިއާ ހުޅުވަން ނިންމީ ވެސް އެހެންވެ، އާއްމުންގެ ސިއްހަތަށް ކޮށްފާނެ ނުރައްކާތެރިކަމަށް ބަލާފަ. ނަމަވެސް މިގޮތަށް މީހުން ގެނައުމަކީ ބޮޑު ނުރައްކަލެއް. މި އަމަލު މުޅި އިންޑަސްޓްރީއަށް މިވަނީ ނިކަމެތިކަން ލިބިފައި،" ހަމްޒާ ވިދާޅުވި އެވެ.

ކޮންމެ ގޮތެއްގައި ކޮންމެ ބަޔަކު ނަމަވެސް ކަން އޮތީ ވަގަށް ކޮށްފަ އެވެ. ބަޔަކު އަޑީގައި ތިބެގެން އިންޑިއާއިން ވަގަށް މީހުން "ސްމަގްލް" ކޮށްފަ އެވެ. އާއްމުންގެ ނުރައްކަލުގެ ތެރެއަށް ވައްޓާލާފަ އެވެ. މިކަމަކީ އާދައިގެ ކަމެއް ނޫނެވެ. ކޮވިޑުގެ ދެވަނަ ރާޅު ވެސް އުފެދުނީ މިފަދަ ގޯސްތައް ހަދައިގެނެވެ. އަނެއްކާ މިފަދަ ކަމަކުން ތިންވަނަ ރާޅަކަށް ދަމާލައިފިނަމަ މީގެ ހުރިހާ ނުރައްކަލެއް އޮތީ ދިވެހި ރައްޔިތުންނަށެވެ.