ލައިފްސްޓައިލް

ވަޅަށް ވެއްޓުނު ކުއްޖަކު ނަގާތަނަށް އެއްވި ބަޔަކު މަރުވެއްޖެ

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ވިޑީޝާ ޑިސްޓްރިކްޓްގެ ގަންޖްބަސޯޑާ ކިޔާ އޭރިއާއެއްގައި އޮތް ބޮޑު ވަޅަކަށް ވެއްޓުނު ކުޑަ ކުއްޖެއް ސަލާމަތް ކުރުމުގެ މަސައްކަތް ކުރާތަން ބަލަން އެއްވި އެތައް ބަޔަކު އެ ވަޅުގަނޑަށް ވެއްޓި މަރުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ކުއްޖާ ވެއްޓުނު ވަޅުގަނޑުން އެ ކުއްޖާ ނަގާ މަންޒަރު ބަލަން އެއްވި މީހުން ތިބީ ވަޅުގެ ވަށައިގެންނެވެ. ކުއްލިއަކަށް ފަސްގަނޑު ކަނޑައިގެން ގޮޮސް ގަނބައިގަނެ އޭގެ ތެރެއިން 40 ވަރަކަށް މީހުން ވަޅުގަނޑަށް ވެއްޓުނީ އެވެ. ވަޅުގަނޑަކަށް ވެއްޓުނު 19 ވަރަކަށް މީހުން ސަލާމަތުން ނެގުނުއިރު އިތުރު 11 މީހަކު ނެގިއިރު ވެސް ވަނީ މަރުވެފަ އެވެ.

އެންމެ ފަހުން އެ ވަޅުގަނޑުން ނެގީ އެ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރަން މި ރެސްކިއު އޮޕަރޭޝަން ހިންގި ކުއްޖާގެ ފުރާނަނެތް މަސްގަނޑެވެ. މި އެންމެން އެއްވެ އެ ވަޅުގަނޑުގެ ފަސްތައް ގަނބައިގަނެގެން ވަޅުގަނޑަށް ފައިބައިގެން ނުދިޔަނަމަ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮތެވެ.

ލާލްޕަތަރު އަވަށުގައި ގާތްގަނޑަކަށް 40 ވަރަކަށް ފޫޓު ފުންމިނުގައި ހުރި މި ވަޅަށް ވެއްޓުނީ 10 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ކުއްޖާ އެ ވަޅަށް ވެއްޓުނީ ވަޅުގެ ވަށައިގެން ލާފައި ހުރި ފާރުބުރި ގަނބައިގެން ދިއުމުންނެވެ. މި ވަޅުން ފެން ހިއްކަން ބޭނުންކުރި ޓްރެކްޓަރެއް ވެސް ފަސްގަނޑު ގަނބައިގަނެގެން އެ ވަޅުގެ ތެރެއަށް ވެއްޓިފައި ވެއެވެ.

މި ހިތާމަވެރި ހާދިސާގެ ޒިންމާ އެ އަވަށުގެ މީހުން އަޅުވަނީ އެ އަވަށުގެ އިސް މީހާ (ސަރްޕަންޗް) އާއި ލޯކަލް އެޑްމިނިސްޓްރޭޝަންގެ ބޮލުގަ އެވެ.

މި ވަޅަކީ އެ އަވަށުގައި ދިރއުޅޭ 700 އަށް ވުރެ ގިނަ އާއިލާއަށް ބޯ ފެން ލިބޭ ހަމައެކަނި ވަސީލަތެވެ. ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ މީހުން މި ވަޅުން ފެން ގެންދެ އެވެ. ވަޅުގެ ވަށައިގެން ލާފައި އިން ފާރު ވަރަށް ބޮޑަށް ބަލިވެފައިވާ ވާހަކަ އަވަށުގެ މީހުން އެ އަވަށުގެ އިސް މީހުން ކައިރީގައި ތަކުރާރުކޮށް ދައްކަމުން ދިޔަ ނަމަވެސް އެމީހުން އަޅާނުލީ ކަމަށް އަވަށު މީހުން ބުނެ އެވެ.

ކުއްޖާ ވެއްޓުނީ ވަޅުގެ އަޑިން ބޮޑު ބާގަނޑެއް ހެދިފައި އިނުމުން އެކުއްޖާ އެތަނުގައި ހުއްޓާ ފަސްގަނޑު ގަނބައިގަނެގެންނެވެ.
މި ހާދިސާ އާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ވަރަށް ކޯފާއިސްވެ ޓުވީޓް ކުރައްވާފައި ވެއެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ އެހީއެއްގެ ގޮތުގައި ކޮންމެ އާއިލާއަކަށް ދެ ލައްކަ ރުޕީސް ދެއްވާނެ ކަމަށް ވެސް ބޮޑުވަޒީރު އިއުލާން ކުރައްވާފައި ވެއެވެ.