ކުޑަކުދިން

ކުދިން އާއިލާތަކާ ހަވާލުކުރެވޭ އުސޫލު ހަދައިފި

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުޑަކުދިން އެ ކުދިންގެ އާއިލާތަކާ އަލުން ހަވާލު ކުރެވޭ އުސޫލުތައް ޖެންޑާ މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ވަނީ އެ އުސޫލުތަކާ ގުޅޭ ގަވައިދުތައް އެކުލަވާލައި ގެެޒެޓްގައި ޝާއިއު ކޮށްފަ އެވެ.

އެ ގަވައިދު ހެދީ ދައުލަތަށް ނަގާ ކުދިންގެ މަސްލަހަތަށް ފައިދާ ހުރީ އެ ކުދިންގެ އާއިލާތަކާއެކު އުޅެވޭނެ ހާލަތުގައި ކަމަށް ވާނަމަ އެކުދިންގެ އާއިލާތަކާ ހަވާލު ކުރެވޭނެ ގޮތް ހަމަޖައްސައިދީ އެކުދިންގެ އާއިލީ މާހައުލުގައި އުޅެ ބޮޑުވުމުގެ ފުރުސަތު ހޯދޭށެވެ.

ގަވައިދުގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުއްޖަކު، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ކުއްޖާ އަލުން އާއިލާއާ ހަވާލު ކުރުމުގެ މަސައްކަތް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފަށަން ވާނެ ކަމަށެވެ. އެކަމުގައި ގޮތެއް ނިންމާނީ ކުޑަކުދިން އަލުން އެ ކުދިން ގެ އާއިލާއާ ހަވާލު ކުރުމާބޭހޭ ކޮމިޓީން ކަމަށް ވެސް ބުނެފައި ވެއެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީ އެކުލަވާލާނީ ޖެންޑާ މިނިސްޓަރެވެ.

ގަވައިދުގެ ދަށުން ކުދިން އަލުން އާއިލާތަކާ ހަވާލު ކުރާނީ ހަތަރު މަރުހަލާއަކަށް ފަހު އެވެ. އެގޮތުން ކުއްޖާގެ އާއިލާ ހޯދައި ހަދަން ޖެހޭ އެސެސްމަންޓްތައް ހަދައި ކުއްޖާ ހަވާލު ކުރުމަށް އާއިލާ ތައްޔާރުކޮށް ކުއްޖާއާ ގުޅުން ބަދަހި ކުރުވާނެ އެވެ. އަދި ކުއްޖާ އާއިލާއާ ހަވާލު ކުރުމަށް ފަހު ގަވައިދުން ކުއްޖާގެ ހާލަތު މޮނީޓާ ކުރާނެ އެވެ. ކުއްޖާ ހަވާލުކުރިތާ ހަ މަހާ އެއް އަހަރުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާނަމަ މައްސަލަ ނިންމައި ފައިލް ކުރާނެ އެވެ.