ޓޫރިޒަމް

އެއާ އިންޑިއާގެ ދަތުރުތައް އަލުން ފަށަނީ

Jul 19, 2021
1

އެއާ އިންޑިއާގެ ދަތުރުތައް މި މަހުގެ 28ގައި އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

އެއާ އިންޑިއާ އިން ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލީ ކޮވިޑް 19އާއި ގުޅިގެން ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް އައުން ދިވެހި ސަރުކާރުން މަނާކުރުމާ ގުޅިގެންނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވުމާ ގުޅިގެން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާރު ވަނީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވެސް އަލުން ރާއްޖެ ހުޅުވާލާފަ އެވެ.

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އިން ވަނީ މިއަހަރުގެ މިހާތަނަށް 3،237 ފަތުރުވެރިން ރާއްޖެ ގެނެސްފަ އެވެ.

އެއާ އިންޑިއާގެ ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ރާއްޖެއާއި އިންޑިއާއާ ދެމެދު ހަފްތާ އަކު ހަތަރު ފްލައިޓް ބާއްވާފައިވެ އެވެ.

އިންޑިއާގެ އިތުރު އެއާލައިންތަކެއް ކަމަށްވާ އިންޑިގޯ، ސްޕައިސް ޖެޓް އަދި ގޯ އެއާ ވެސް ދަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.

އިންޑިގޯ އިން ހަފްތާ އަކު 13 ފްލައިޓް ބާއްވާއިރު ސްޕައިސް ޖެޓުން ހަފުތާއަކު 14 ފްލައިޓް އަދި ގޯއެއާއިން ހަފުތާއަކު ދެ ފްލައިޓު ބާއްވަ އެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވާލުމާ ހަމައަށް މިއަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ވެސް އިންޑިއާ އިންނެވެ.