ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮންޓްރޯލް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި ރައީސް ސޯލިހާއި ރައީސް ނަޝީދު ވަކިން މަސައްކަތް ކުރައްވަން ފައްޓަވާފައިވާއިރު މޫސަ ގެންދަވަނީ ރައީސް ސޯލިހްގެ ދިފާއުގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ރައީސް ނަޝީދު ގެންދަވަނީ ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ވިދާޅުވެ އެ ކަމުގެ ސަބަބުތައްވެސް ތަފްސީލު ކޮށްދެއްވަމުންނެވެ. ނަޝީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލް ފާސްނުކުރެވި އޮތުމެވެ. ރާއްޖޭގެ މެޖޯރިޓީ އެ ބިލާ ދެކޮޅަށް ތެދުވުމުން ސަރުކާރުން ވަނީ ބިލް ފާސްކުރުން މަޑުޖައްސާލާ ބިލަށް ބަދަލު ގެނަންޖެހޭ ކަމަށް ނިންމާފައެވެ. ނަމަވެސް ނަޝީދު ބޭފުޅުން ވަނީ ބިލް ފުރަތަމަ އޮތް ގޮތަށް ފާސް ކުރެއްވުމަށެވެ. އެކަމާ ދެކޮޅު ހައްދަވާހާ ހިނދަކު ސަރުކާރާއެކު ނުހުންނެވޭނެ ކަމަށްވެސް ނަޝީދު ފާޅުގައި ގެންދަވަނީ ވިދާޅުވަމުންނެވެ.
ނަޝީދުގެ އެ ވާހަކަފުޅަށް ތާއީދުކޮށް އެމްޑީޕީގެ ބައެއް ގުނަންތަކުން މިހާރު ގެންދަނީ ބަޔާންތައްވެސް ނެރެމުންނެވެ. އެ ގޮތުން ޒުވާނުންގެ ގޮތްޕާއި އަންހެނުންގެ ރޫހުން ވަނީ ނަޝީދުގެ ވާހަކަތަކަށް ތާއީދުކުރައްވާ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް ބަޔާން ނެރެފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ މޫސާ މަނިކު ވިދާޅުވީ ރައީސް ސޯލިހަކީ އެމްޑީޕީގެ އިސް ލީޑަރު ކަމަށާ އެމަނިކުފާނު ބަދުނާމުކޮށް ގަރާރު ނެރުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކަމަށް ދައްކަވަން ނަމަވެސް ނަޝީދަށް އެމްޑީޕީގެ މެޖޯރިޓީ މިހާރު ނެތް ކަމަށް ވިދާޅުވިއެވެ.
ސަރުކާރު ހިންގަން ހުރީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ޕާޓީގެ އިސް ލީޑަރު ކަަމަށްވާއިރު ރަައީސް [މުހައްމަދު ނަޝީދު] ގެ ފަރާތުން އެދިގެން ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރަން ގަރާރު ނެރުމަކީ އަސާސީ ގަވާއިދު ދަންނަ ކަމެއް ނޫން. ކިތަންމެ ވަރަކަށް ރައީސް ނަޝީދުގެ ކޮންޓްރޯލް އެމްޑީޕީގައި އޮތް ކަމަށް ދެއްކިޔަސް މިހާރު ނެތްމޫސާ މަނިކު (ރީކޯ) - އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
އެމްޑީޕީގެ ކަންކަމުގައި މޫސާ މަނިކު ބަސް ވިދާޅުވާތީ ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ގެންދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެ މެންބަރުން ގެންދަނީ މޫސާ މަނިކަކީ ރައީސް ސޯލިހާ ދެކޮޅަށް 2018 ގައި ކެންޕެއިން ކުރެއްވި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮއްވެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަން ހަނދާން ކޮށްދެމުންނެވެ.
މޫސާ މަނިކަކީ އޭރަކު އޮންނަ ސަރުކާރަކާއެކު އޭނާގެ ވިޔަފާރި ހިމާޔަތް ކުރަން މަސައްކަތް ކުރާ މީހެއް ކަމަށް ބުނެވެސް އެތައް ބަޔަކު ފާޑުކިޔައެވެ. އަދި އޭނާއަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށާ ޕީޕީއެމްގެ މެންބަރުންނަށް އެމްޑީޕީގެ ކަންކަމާއި ބަސް ނުކިޔޭނެ ކަމަށްވެސް ބުނެފައިވެއެވެ.
2018ގެ ރިޔާސީ އިންތިހާބުގެ ކުރީން މޫސަ ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ. އަދި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެ ޕާޓީން ކުރިއަށް ގެންދިޔަ "އެއްލަކިން" ރިޔާސީ ކެންޕެއިންގައި މޫސަ އިސް ދައުރެއް އަދާކުރެއްވިއެވެ. ނަމަވެސް އިންތިހާބުން ޔާމީން ބަލިވުމުން ރާގު ބަދަލުކުރައްވަން ފެއްޓެވިއެވެ. އަދި މި ފަހުން ރައީސް ސޯލިހާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރައްވާފައިވެއެވެ. އެމްޑީޕީގެ ރައީސް ނަޝީދަށް ވަފާތެރި މެންބަރުންގެ ނަޒަރުގައި ރައީސް ސޯލިހް، މޫސަ ކައިރިކުރައްވާފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ބަހުގެ ހަމަލާ ދެއްވާނެ ބޭފުޅަކަށް މޫސަ ވެވަޑައިގަންނަވާތީއެވެ.