ބައްދަލުވެވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ކުރިއަށް އޮތް 2023 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް ސޯލިހްގެ އަރިސް ބޭފުޅެއްގެ ގޮތުގައި މިހާރު ފާހަގަކުރެވިފައިވާ މޫސާ މަނިކު ވިދާޅުވީ ރައީސް ނަޝީދު މިއަދު ހެއްދެވީ ދޮގެއް ކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެ ބޭފުޅުން ބައްދަލްވެ ވާހަކަ ނުދައްކަވާތާ އެތައް ދުވަހެއް ވެއްޖެ ކަަމަށްވެސް މޫސަ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައްދަލުވެވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ކުރިއަށް އޮތް 2023 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވާ ކަމަށެވެ.
"އަޅުގަނޑާ ބައްދަލުވެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު ރައީސް ވިދާޅުވޭ ތިމަންނަ 2023 އަށް ކުރިމަތިލައްވާނަމޭ. ކުރިއަށް ވަޑައިގަންނަވާނީ އުސޫލާ އެއްގޮތަށޭ،" ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ މޫސާ މަނިކު ވިދާޅުވިއެވެ.
ދިވެހި ޗެނަލް އިން ގެނެސްދިން ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ 2023 ގެ ރިޔާސީ ރޭހަށް އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާނެ ކެންޑިޑޭޓަކު ނިންމާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އެއީ ރިޔާސީ ޕްރައިމަރީއަކުން ކަމަަށްވެސް ވިދާޅުވިއެވެ. އެ ޕްރައިމަރީއަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ އިތުރުން އެހެން ބޭފުޅަކުވެސް ނިކުންނެވުން ވަރަށް މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އޭގެ ފަހަށް ދެން ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ރައީސް ސޯލިހް ނިކުންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށެވެ. އަދި ރައީސް ސޯލިހް މިހާތަނަށް ވެސް އެފަދަ ވާހަކައެއް ދައްކަވާފައިނުވާކަން ފާހަގަ ކުރެއްވެވިއެވެ.
"އަޅުގަނޑު ލަފަޔެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު [ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް] ނުކުންނަވާނެ ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ނުކުންނަ ވާހަކަ ތަކުރާރުކޮށް އެކި ގޮތްގޮތަށް އެބަ ބުނެވޭ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ރޭހަށް އެމަނިކުފާނު ނިކުންނަވާނެ ކަމަށާ އެ ވާހަކަފުޅު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ސޯލިހް ދެވަނަ ދައުރަކަަށް ކުރިމަތިލައްވާނެ ކަމަަށް ނުބެލޭ ކަމަަށް ވިދާޅުވިއެވެ.