މޮލީ ގިބްސަން އަކީ ދުނިޔޭގެ އާ އަޖައިބެއްގެ ގޮތުގައި ވަރަށް ގިނަ މީހުން ސިފަ ކުރެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މޮލީއަކީ އެމެރިކާގެ ޓެނެސީގެ ދެމަފިރިން ކަމަށްވާ ޓިނާ އާއި ބެން ގިބްސަން އެޑޮޕްޓްކުރި އެމްބްރިޔޯއަކުން ލިބުނު ކުއްޖަކަށް ވާތީ އެވެ. މި ފްރޯޒަން އެމެބްރިޔޯއިން ކުއްޖާ އުފަންވީ ގަނޑުކުރިތާ 27 އަހަރު ފަހުންނެވެ. އެއާއެކު އެންމެ ގިނަ ދުވަހު ގަނޑުކޮށްފައި އޮތް އެމްބްރިޔޯއިން އުފަންވީ ކުއްޖާގެ ރެކޯޑް މޮލީ ވަނީ މުގުރާލާފަ އެވެ. ކުރިން މި ރެކޯޑް އޮތީ ވެސް ބެން އާއި ޓިނާގެ ދަރިއެއް ކަމަށްވާ އެމާ އަށެވެ. އެމާ އުފަންވެފައި ވަނީ 24 އަހަރުވަންދެން ގަނޑުކޮށްފައި އޮތް ދަރިފަންޏަކުންނެވެ.
ސީއެންއެން އާ ވާހަކަ ދައްކަމުން ޓިނާ ބުނި ގޮތުގައި އެމާގެ ކޭސްގައި އެމީހުން ތިބީ ވަރަށް ބޮޑަށް ދަރިއަކަށް ބޭނުންވެފަ އެވެ. އަދި މޮލީ އާއެކު އަނެއްކާވެސް އެމީހުންނަށް އެމާގެ ރެކޯޑް މުގުރާ ލެވުނީ އެވެ.
ޓިނާ އާއި ބެން އަށް އެމާ އާއި މޮލީގެ މައިންބަފައިންނަށް ވުމުގެ ފުރުސަތު ހޯދައި ދިނީ އެމެރިކާގެ ނޮން-ޕްރޮފިޓް އޮގަނައިޒޭޝަނެއް ކަމަށްވާ ނެޝަނަލް އެމްބްރިޔޯ ޑޮނޭޝަން ސެންޓަރުންނެވެ. އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ހަދާ މީހުންގެ "ފްރޯޒަން އެމްބްރިއޯ" ތަކުގެ ތެރެއިން އެމީހުން ބޭނުން ނުކޮށް ދޫކޮށްލާ ދަރިފަނިތައް މި ސެންޓަރުން ރައްކާ ކޮށްގެން ގެންގުޅެ އެވެ. އަދި މި އެމްބްރިއޯޒް އެޑޮޕްޓްކުރާނެ މީހަކު ވުމުން އެމީހެއްގެ ރަހިމަށް އައިވީއެފްގެ ޒަރިއްޔާއިން މި އެމްބްރިޔޯޒް ލާދެ އެވެ.
މި ސެންޓަރުގެ ޑައިރެކްޓަރު ވިދާޅުވީ އެމާ އާއި މޮލީ އުފަންވުމުން ޔަގީންވީ ކަމަކީ އެމްބްރިޔޯޒް ގަނޑުކޮށްފައި ހުންނަތާ މާ ގިނަ ދުވަސްވެއްޖޭ ކިޔާފައި އެ ހަލާކުކޮށްލައި ނައްތާލަން ނުޖެހޭ ކަން ކަމަށެވެ.
މިދިޔަ އަހަރު މޯލީ އުފަންވުމުން ޓިނާ ސިފަ ކުރަނީ އެމީހުންގެ ދިރިއުޅުމަށް ލިބުނު އަލިކަމެއްގެ ގޮތުގަ އެވެ. އައިވީއެފް ހަދައިގެން އޭނާ މޮލީއަށް ބަލިވެ އިންކަން ޓިނާ އަށް އެނގުނީ މިދިޔަ އަހަރު ކޮވިޑް-19ގެ ޕެންޑެމިކް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
އެމާ އުފަންވީ 2017 ގައެވެ. އޭރު ދަރިއަކު ހޯދުމަށް ތަފާތު އެކި ފަރުވާތައް ޓިނާ އާއި ފިރިމީހާ ކުރަމުންދާތާ އެތައް އަހަރެއް ވީއިރުވެސް ކާމިޔާބުވުމުން އެމީހުން އެންމެ ކުރިން އުޅުނީ އާންމުކޮށް ހަދާ ޓްރެޑިޝަނަލް އެޑޮޕްޝަން ހަދާށެވެ. ނަމަވެސް ފަހުން ޚިޔާލު ބަދަލުވެ އެހެން މީހުން ދޫކޮށްފައި ހުރި އެމްބްރިޔޯ އެޑޮޕްޓްކުރަން ނިންމީ އެވެ.
އެމީހުންގެ މި ނިންމުމަކީ ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރެވިދާނެ ނިންމުމެއް ކަމެއް އޭރު ޓިނާގެ ދެމަފިރިންނަކަށް ޚިޔާލަކަށް ވެސް ނާދެ އެވެ. ނަމަވެސް މިހާރު އެމީހުންނަށް ދެ ރެކޯޑް މިވަނީ ހެދިފަ އެވެ. ފުރަތަމަ ރެކޯޑް ގާއިމް ކުރެވުނުތާ ދެ އަހަރު ފަހުން ހަމަ އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ލިބުނީމަ އެވެ.