ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހް ކުޅުދުއްފުށި ސިޓީ ކައުންސިލަށް ކުރެއްވި ދަތުރުފުޅުގައި ސިޓީ ކައުންސިލުން ހުށަހެޅުއްވި ކަންކަން ހަމަޖައްސަވައި ދެއްވުމަށް ކަމާ ގުޅޭ އިދާރާތަކަށް އަންގަވާފައިވާތީ ރައީސްގެ ދަތުރުފުޅަކީ އުއްމީދީ ދަތުރުފުޅެއް ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދަތުރުފުޅާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު އާތިފް ވިދާޅުވީ ކައުންސިލަށް ލިބުނު އެންމެ ބޮޑު އުފަލަކާއި ޝަރަފަކީ ކޮވިޑްގެ ލުއިތަކަށްފަހު ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވި ރަށަކަށް ކުޅުދުއްފުށި ހިޔާރުކުރެއްވުން ކަމަށެވެ.
"އަނެއްކާ ރައީސް ވަޑައިގެންނެވިއިރު އަޅުގަނޑުމެން ކައުންސިލްތަކާއި އެންމެ ގުޅުންހުރި ވަޒީރުން ވެސް އަރިހުގައި ވަޑައިގެންނެވި. އަދި އަޅުގަނޑުމެންގެ ދެ އެމްޕީން ވެސް ވަޑައިގެންނެވި. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ހުރި ދަތިތައް ސީދާ ރައީސް އާއި ވަޒީރުންނަށް ހުށަހެޅުމުގެ ފުރުސަތު ލިބުނު. އެހެންކަމުން މިއީ ސަރުކާރާއި ކައުންސިލާ ގުޅުން އުފައްދައިގެން ކުރިއަށް ދާން ވެސް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް،" މޭޔަރު ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅުގައި ކުޅުދުއްފުށި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއަށް ބައެއް ކަންކަން އިތުރުކުރުމަށް ސިޓީ ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ. ރައީސް ވަނީ ކައުންސިލްގެ ހުށަހެޅުންތަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސަވައިދެއްވާފަ އެވެ. އެގޮތުން ކުޅުދުއްފުށި މަގު ހެދުމުގެ ދެވަނަ ފިޔަވަހި ކުރިއަށްދާއިރު ޑީވޯޓަރިން ނިޒާމާއި، ހަޔަޑްރެންޓް ނިޒާމު ގާއިމުކުރެވި މުޅި މަޝްރޫއު ނިމޭއިރު ޕަންޕް ސްޓޭޝަންތައް ވެސް ގާއިމުކުރެވިފައި ހުންނާނެ އެވެ.
ކުޅުދުއްފުށީގައި ވެމްކޯގެ ދާއިމީ ފެސިލިޓީ އެއް ނެތުމުން ކުނީގެ މައްސަލަ އަކީ އެ ރަށަށް ދިމާވެފައި އޮތް ވަރަށް ބޮޑު މައްސަލަ އެކެވެ. އެހެންކަމުން ކުޅުދުއްފުށީގައި ވެމްކޯގެ ދާއިމީ ފެސިލިޓީއެއް ވަރަށް އަވަހަށް ގާއިމުކުރެވިގެންދާނެ ކަމަށް މޭޔަރު އުއްމީދު ކުރައްވަ އެވެ.
"ކުނި ގޮނޑުގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ވެމްކޯ އިން މިހާރު އެ ކުރަނީ ހަމަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން. ވެމްކޯ އިން އެ މަސައްކަތާއި ހަވާލުވިއިރު 94،000 ޓަނުގެ ކުނި ހުންނާނެ ކަމަށް ބެލެވޭ. ހަމަސް ހަމަވުމުން ވެމްކޯ އިން ކައުންސިލާއި ގުޅިގެން އެ މަސައްކަތް ދާއިމީކޮށް ކުރަން ވެމްކޯގެ އެމްޑީއާއި އެކު މިހާރު ވަނީ މީޓިން ވެސް ބޭއްވިފައި. އެކަން ހަމަޖެހޭނެ ކަމަށް އަޅުގަނޑަށް ބެލެވޭ،" މޭޔަރު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ބައެއް އެހެން ސިޓީ ކައުންސިލްތަކުން މަސައްކަތް ކުރާތާ އަހަރުތަކެއްވީ ނަމަވެސް ކުޅުދުއްފުށި ސިޓީ ކައުންސިލަކީ އަދި މިއަހަރު މުޅިން އަލަށް އެކުލަވާލެވުނު ކައުންސިލެކެވެ. އެކަމުގެ ސަބަބުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް މަސައްކަތް ކުރުމުގައި މިވަގުތު ވަރަށް ބޮޑު ގޮންޖެހުންތައް އެބަހުއްޓެވެ. އެހެން ސިޓީ ކައުންސިލްތަކުގައި 100 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް ކުޅުދުއްފުށި ސިޓީ ކައުންސިލްގައި މުވައްޒަފުން މަސައްކަތް ކުރަނީ އޭގެ ހަތަރު ފަސް ގުނަ މަދު އަދަދަ ކަށެވެ.
"އެހެންވެ އަޅުގަނޑުމެން އެދުނިން ރައީސް އަރިހުގައި މުވައްޒަފުން ނެގުމަށް ފުރުސަތު ދެއްވުމަށް. ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން މިވަގުތަށް 10 މުވައްޒަފުން ނެގުމުގެ ހުއްދަ ރައީސް ވަނީ ދެއްވާފައި. އެއީ ވެސް ކައުންސިލްގެ މަސައްކަތްތަކަށް ލިބޭނެ ފަސޭހައެއް،" އާތިފް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި އެއާޕޯޓް ހެދުމަށް ބިން ހަމަޖެއްސުމާ ގުޅިގެން އެ ސިޓީ އަށް ބިމުގެ މައްސަލަ ބޮޑު ކަމަށެވެ. އަދި މިވަގުތު ވެސް މަދުވެގެން 1200 އާއިލާ އަކަށް ބޯހިޔާވަހިކަން ބޭނުންވާ ކަން ކައުންސިލަށް ފާހަގަކުރެވެ އެވެ. ރައީސް ސޯލިހާއި އެކު މީގެކުރިން އޮންލައިންކޮށް ބޭއްވުނު ބައްދަލުވުމެއްގައި ވެސް އަދި ރައީސް ކުޅުދުއްފުށްޓަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވެސް ކުޅުދުއްފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ކައުންސިލުން ފާހަގަކުރައްވާފައިވާތީ ރައީސް ވަނީ އެކަމުގައިވެސް ވަރަށް އުއްމީދީ ޖަވާބެއް ދެއްވާފައި ކަމުގައި މޭޔަރު ވިދާޅުވި އެވެ. އެގޮތުން މުޅި ރާއްޖޭގައި ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ 1.5 ބިލިއަން ރުފިޔާގެ ބަޖެޓުން 224 ފްލެޓް ކުޅުދުއްފުށްޓަށް ހާއްސަ ކޮށްފައިވާ ކަމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
"މީގެއިތުރުން އަޅުގަނޑުމެން ތަކުރާރުކޮށް މިސިޓީގެ ބޯހިޔާވަހިކަމުގެ ވާހަކަ ރައީސް އަށް ދަންނަވާތީ ރައީސް ވަނީ 1000 ފްލެޓް ކުޅުދުއްފުށްޓަށް ލިބިގެންދާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައި. އަޅުގަނޑުމެން ރައީސް އަށް ދަންނަވަމުން މިދަނީ މި ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަން،" މޭޔަރު ވިދާޅުވި އެވެ.
މީގެއިތުރުން ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީ ގާއިމުކުރެވިފައި ނުވާތީ އެ މައްސަލަ ރައީސް އަށް ހުށަހެޅުއްވުމުން ކަމާ ގުޅޭ އިދާރާ އަށް އަންގަވައިގެން އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ރައީސްގެ ފަރާތްޕުޅުން ހޯއްދަވާފަ އެވެ. އަދި ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ރާއްޖެއިން ބޭރުން ހަމަޖެހިފައިވާ ކަމަށާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ތަރައްގީކޮށް މަރާމާތު ކުރުމަށް ކުރިއަށް ގެންދާ ބޮޑު މަޝްރޫއު މިއަހަރު ތެރޭގައި އެންމެ ލަސްވެގެން ނިމޭނެ ކަމުގެ ޔަގީންކަން ވެސް މޭޔަރު ވަނީ ހޯއްދަވާފަ އެވެ.
"ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ ރައީސްގެ ވައުދެއް. ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުޅުދުއްފުށި ހޮސްޕިޓަލްގައި އާ ހިދުމަތްތައް ތައާރަފްކޮށް އެތަނުގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ކަން ވެސް އަޅުގަނޑު ފާހަގަކުރަން." ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރު ވިދާޅުވި އެވެ.