ސޯސަލް މީޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާ ނޭނގޭނެ ކަމަށް ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މޭޔަރު އާތިފް މިހެން ވިދާޅުވެފައި މިވަނީ އީދު ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ތައްޔާރުކުރާ މަށިމާލި ޕެރޭޑަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުންނެވެ.
ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑް އަބަދުވެސް ގުޅުވާފައި ހުންނަނީ އެ އިރެއްގައި މުޖުތަމައުގައި ހުރި މައްސަލަތަކާއި ފާހަގަކުރެވޭ މީހުންނަށެވެ. މިއަހަރުގެ މަށިމާލި ޕެރޭޑްގައި ސިޔާސީ ބައެއް މައްސަލަތަކަށް ޖޯކު ޖަހާފައިވެ އެވެ.
ފާޑުކިޔުންތަކާ ގުޅިގެން މޭޔަރު އާތިފް މިއަދު ވިދާޅުވީ މަށިމާލި ޕެރޭޑަކީ މާއްޔާއި ފުޅަނދު އަދި މެސެޖުގެ ގޮތުން މުއްސަނދި ހަރަކާތެއް ކަމަށެވެ.
"ޒަމާނުންސުރެ މި ޕެރޭޑްގައި މަށިމާލީގެ އިތުރުން ބޭރު އަދި ދިވެހި މަޝްހޫރު ސަހުސިއްޔަތުތައް، ސިޔާސީ ފަރާތްތައް، ހާދިސާތަކުގެ ރޯލްޕްލޭ ޑްރާމާތައް، ސިޔާސީ ފަރާތްތަކުން ވެފައިވާ ވައުދުތައް، ގައުމުގައި ހިނގާ ކަންކަމާމެދު މީހުން ދެކޭގޮތް، މޫވީ ކެރެކްޓާސް، އަދި ދުނިޔެއާއި ރާއްޖޭގައި އެދުވަސްވަރު އެންމެ ޓްރެންޑިން ކަންކަން ދައްކުވައިދޭ މާއްޔާއި ފުޅަނދު ފެނިގެންދެއެވެ." އާތިފް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މަށިމާލި ޕެރޭޑުގެ ހުށަހެޅުންތައް ގިނަފަހަރު ފެނިގެންދަނީ ސަމާސާ ހެއްވާ ލާނެތް ގޮތްތަކަށް ކަމަށެވެ. ފަހަރުގައި އެ ދޭ މެސެޖު އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަހުމުވުމުގައި އުނދަގޫ ގޮތްތަކެއް ހުރެދާނެ ކަމަށާއި އެކަން އެނގޭ ސަބަބަކީ އެ ރަށުގެ ބަހުރުވައިން ދައްކާ ވާހަކަވެސް އެހެން ދިވެހިންނަށް ފަހުމުވުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމުގައިވެސް ވިދާޅުވި އެވެ.
އާތިފް އިތުރަށް ވިދާޅުވީ މަށިމާލި ޕެރޭޑަކީ އެއްތަނެއްގައި އެއްބަޔަކު ތައްޔާރުކުރާ މާލި ތަކަކަށް ނުވުމުން ބައެއް އަހަރުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ދުރު މާލި މަދުންނަމަވެސް ޕެރޭޑާ ގުޅޭކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެކަންކަން ކުޑަކުރުމަށްޓަކައި ޕެރޭޑްގެ އިންތިޒާމް ކޮމިޓީއާއި ކައުންސިލްގެ ފަރާތުން އިރުޝާދު ދެމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
"ނޫސްތަކުގައި ޕެރޭޑާ ބެހޭގޮތުން އާޓިކަލް ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުން ކުރިއަށް އޮތްތަނުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރަނގަޅަށް ޕެރޭޑު ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށްފަހު، ނުވަތަ ޕެރޭޑުގައި ވާނުވާ އޮޅުންފިލުވުމަށްފަހު ލިޔުންތައް ތައްޔާރުކޮށް އާންމުކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ." މޭޔަރު ވިދާޅުވެފައިވެ އެވެ.