ނ. ވެލިދޫގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޒުވާނުންގެ ގުރޫޕަކުން އެ ރަށުގެ ގިނަ އަދަދެއްގެ ގެތަކަށް ފޮތި ކޮތަޅު ހަދިޔާކޮށްފި އެވެ.
އެ ހަރަކާތް ހިންގި ގުރޫޕް ކުޑަކަންމަތީ ނިއު ޖެނެރޭޝަން (ކޭއެންޖީ) ގުރޫޕުގެ ފައުންޑަރު މެމްބަރު އަހުމަދު އަމީލް ވިދާޅުވީ އީދު ހަދިޔާއެއްގެ ގޮތުގައި މިއަދު ރަށުގެ 400 ގެއަށް ފޮތި ކޮތަޅު ބަހާފައިވާ ކަމަށެވެ. އެ ކޮތަޅުތައް ރަށުގެ ގެތަކަށް ހަދިޔާކުރުމުގެ ބޭނުމަކީ އަމީރު ވިދާޅުވި ގޮތުގައި ވެލިދޫ އަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕުލާސްޓިކު ބޭނުން ކުރުން ހުއްޓާލާ ރަށަކަށް ހެދުމަށް ބާރު އެޅުން ކަމަށެވެ. އަދި މި ކަމުގެ ސަބަބުން އެ މަގުސަދު ހާސިލް ކުރަން ބޮޑު ކުރިއެރުމެއް ލިބޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ އާންމުން ބާޒާރުކުރަން އެ ކޮތަޅުތައް ބޭނުން ކުރަން ފެށީމާ ރަށުގައި ވަރަށް ބޮޑަށް ޕުލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓިގެން ދާނެ. ކޮތަޅު ހަދިޔާ ކުރީމާ ގިނަ މީހުން ބުނީ ތިމަންނާމެން ބާޒާރު ކުރަން އެ ކޮތަޅޭ ދެން ބޭނުން ކުރާނީ. އަނެއްކާ ސަރުކާރުން އެބަ އޮތް އަމާޒެއް ކަނޑައަޅާފައި 2023 ގައި ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޕުލާސްޓިކު ބޭނުން ކުރުން ހުއްޓާލަން. އެހެން ވީމާ އެ މަގުސަދު ހާސިލް ކުރަން ވެސް އެހީއަކަށް މިކަން ވާނެ،" އަމީލް ވިދާޅުވި އެވެ.
ވެލިދޫގެ ގޭގެއަށް އެ ކޮތަޅުތައް ބެހުމުގައި ހަރަކާތްތެރިވެފައި ވަނީ އެ ގުރޫޕްގެ ޒުވާނުންނެވެ. އަދި އެ ކޮތަޅު ޑިޒައިން ކޮށްފައި ވަނީ ވެސް ވެލިދޫގެ ލޭންޑުމާކެއްގެ ގޮތުގައި ޒަމާނުއްސުރެ ވެސް ބަލައި ވެލިދޫގެ ބޮޑު ނިކަގަސް ހިމަނައިގެންނެވެ.
އަމީލް ވިދާޅުވީ އެ ކޮތަޅުތައް ހެދުމަށް ކުރަން ޖެހުނު ހުރިހާ ކަމަކަށް ފައިސާ ހޯދީ ގުރޫޕްގެ މެންބަރުންގެ އަތުން ޗަންދާ ނަގައިގެންނެވެ. އެގޮތުން ގާތްގަނޑަކަށް ޖުމްލަ 25،000 ރުފިޔާ ކޮތަޅުތައް ހެދުމަށް ހަރަދުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ހަރަދެއް އަޅުގަނޑުމެން މި ކުރީ ސީދާ މި ޖަމްއިއްޔާގެ މެންބަރުންގެ އަތުން ފައިސާ ނަގައިގެން. މިކަހަލަ ވަރަށް ގިނަ ހަރަކާތްތައް އަޅުގަނޑުމެން އެބަ ހިންގަން،" އަމީލް ވިދާޅުވި އެވެ.
އެ ގުރޫޕުން އަންނަނީ ވެލިދޫ ސާފު ކުރުމުގެ ޕުރޮގުރާމްތައް ވެސް ދޭތެރެ ދޭތެރެއިން ހިންގަމުންނެވެ. ވެލިދޫ އަކީ ނ. އަތޮޅުގެ އިގްތިސާދީ މައި ހަބެވެ. އެ ރަށުގެ އާބާދީއަކީ 2،682 މީހުންނެވެ.