ބޮލީވުޑް

އަދިތުޔާއާ ރައްޓެހިވީ "އުރީ" ގެ ޕްރޮމޯޝަން ތެރެއިން: ޔާމީ

ބާތަލާ ޔާމީ ގޯތަމް އާއި ޑައިރެކްޓަރު އަދިތުޔާ ދާރްގެ ކައިވެނި ވަރަށް ގިނަ ބަޔަކަށް ބޮޑު ސަޕްރައިޒަކަށް ވިއެވެ. ފިލްމީ ތަރިން އުޅޭ ނޫޅޭގޮތް ބަލަމުން އެމީހުންގެ ފަސް ފަހަތުން ދުވާ އިންޑިޔާގެ ނޫސްވެރިންނަށް ވެސް ދޮންކަޅުމިން އަންގާ ނުލާ ޔާމީ އާއި އަދިތުޔާ ލޯބީގެ ގޮތުން ގުޅިގެން އެތައް ދުވަހަކު އުޅުމަށް ފަހު ކައިވެނި ކުރި ހަބަރުން އިންޑީއާގެ މީޑިއާތަކަށް ވެސް ބޮޑު ހައިރާން ކަމެއް ލިބުނެވެ.

ޖޫން 4 ގައި ކައިވެނިކުރުމަށް ފަހު މީޑިއާތަކަށް ދިން ފުރަތަމަ އިންޓަވިއުގައި ޔާމީ ވަނީ އަދިތުޔާ އާއި އޭނާގެ ލޯބީގެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

ޔާމީގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރަކީ އަދިތުޔާ އެވެ. ނަމަވެސް އެ ފިލްމުގެ ޝޫޓިން ނިމުނުއިރު ވެސް އެމީހުންގެ މެދުގައި އެއްވެސް ކަހަލަ ގުޅުމެއް ނެތެވެ. އެހެންކަމުން މިއީ ފުރަތަމަ ނަޒަރުން ވެވުނު ލޯތްބެއް ނޫން ކަމަށް ޔާމީ ބުންޏެވެ.

ޔާމީ ބުނި ގޮތުގައި "އުރީ" ކުޅުނު ދުވަސްވަރު އޭނާ އާ އަދިތުޔާގެ އޮތީ އެކުވެރި ކަމެވެ. އެ އެކުވެރިކަން މަޑުމަޑުން ލޯތްބަށް ބަދަލުވީ ދުވަސްތަކެއް ފަހުންނެވެ.

"އުރީ: ދަ ސާޖިކަލް ސްޓްރައިކް" ޝޫޓްކޮށް ރިލީޒްކުރީ 2019 ގައެވެ. ޔާމީ ބުނީ ފިލްމުގެ ޝޫޓިން ނިމި ރިލީޒް ކުރުމަށްޓަކައި ޕްރޮމޯޝަންގެ މަސައްކަތް ފެށި ހިސާބުން އަދިތުޔާ އާއި އޭނާގެ އެކުވެރިކަން އިތުރަށް ބަދަހިވާން ފެށި ކަމަށެވެ. ދެ މީހުން ގިނަގިނައިން ވާހަކަ ދައްކަން ވެސް ފެށި ކަމަށެވެ. އަދި ވާހަކަ ދައްކަމުން ގޮސް އެކުވެރިކަން ލޯތްބަށް ބަދަލުވީ އެވެ.

"އަހަންނާއި އަދިތުޔާ އަކީ ވަރަށް ޕްރައިވެޓް ދިރިއުޅުމެއް އުޅޭ ބައެއް. އެހެން ލޯބިވެރިން އުޅޭގޮތަށް ޕާޓީތަކަށް ގޮސް ނޫނީ ރޭގަނޑުގެ ކެއުންތަކަށް ގޮހެއް އަހަރުމެން ނޫޅެން. އަހަރެމެންގެ ގުޅުން ފަޅާ ނާރާ އޮތީ އެހެންވެހެން ހީވަނީ،" ޔާމީ ބުންޏެވެ.

އަދިތުޔާގެ ކިބައިގައި ހުރި އެންމެ ރަނގަޅު ސިފައެއް ކަމަށް ޔާމީ ބުނަނީ އޭނާ އާއި މިޒާޖު އެއްގޮތް ވުމެވެ. ޕްރޮފެޝަނަލް ގޮތުން ވެސް އަދި އަމިއްލަ ފަރުދެއްގެ ގޮތުން ވެސް އޭނާގެ ހިތުގައި އަދިތުޔާ އަށް އަބަދުވެސް ވަރަށް އިހުތިރާމާއި ގަދަރު އޮންނަ ކަމަށް ވެސް ޔާމީ ބުންޏެވެ.

ކައިވެންޏަކީ ވެސް ޕްލޭން ކޮށްގެން ކުރި ކަމެއް ނޫން ކަމަށް ވެސް ޔާމީ ބުންޏެވެ. އެހެންވެ ޔާމީ ކައިވެނި ކުރީ އޭނާގެ މަންމަ ކައިވެނިކުރި ދުވަހު އެޅި ސާޅި އަޅައިގެންނެވެ. އަދި މޭކަޕްކުރީ އަމިއްލައަށެވެ.

ކައިވެނި އެހާ ސާދާކޮށް ބޭއްވީ ކޮންމެހެން ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ނޫން ކަމަށާއި ހާލަތު ރަނގަޅު ނަމަވެސް އެމީހުން ކައިވެނިކުރީހީ ވަރަށް ސިމްޕަލްކޮށް ކަމަށް ވެސް ޔާމީ ބުންޏެވެ.

ކައިވެންޏަށް ފަހު ޔާމީ އާއި ފިރިމީހާއަށް އެކުގައި މާ ގިނަ ވަގުތު ހޭދަ ކުރެވޭ ގޮތެއް ނުވި އެވެ. ދެ މީހުން ވެސް އެމީހުންގެ ޕްރޮފެޝަނަލް މަސައްކަތުގައި ބިޒީ ވެގެންނެވެ.

ޔާމީ ބުނި ގޮތުގައި ދެ މީހުންނަށް އެކަކު އަނެކަކަށް އެކަށީގެންވާ ވަގުތު ނުދެވޭތީ އޭނާ ވެސް ދެރަވެ އެވެ. ނަމަވެސް އެމީހުން ކުރާ މަސައްކަތުގެ ގޮތުން މި ވަގުތަށް މިގޮތަށް އުޅެން މަޖްބޫރު ކަމަށެވެ.